ޚަބަރު

ހުޅުމާލެ ފޭސް ދޭއްގެ ބަހުގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފި

މުހައްމަދު އިޝާން

ހުޅުމާލޭ ފޭސް ދޭއްގެ ބަހުގެ ހިދުމަތް ރަސްމީކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިފުތިތާހުކޮށްދެއްވައިފިއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ބަސް ދަތުރުގެ ހިދުމަތް ހުޅުމާލެ ފޭސް ދޭކަށް އިފްތިތާހުކުރުމަށް މިރޭ ބޭއްވި "ހުޅުމާލެ ފޭސް 2 ލޭންޑް ޓްރާންސްޕޯޓް" ރަސްމިއްޔާތުގައި ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އަދި ހުޅުމާލޭގެ ދާއިރާގެ ރައްޔިތުން މަޖިލިސް މެމްބަރު އަލީ ނިޔާޒު ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާޒިމް ވިދާޅުވީ މިހާރު ގެނެސްފައިވާ ބަސްތަކާއެކު ކޮންމެ ފަސް މިނިޓަކުން ފޭސް ދޭކަށް ބަސް ދަތުރު އޮންނާނެ ކަމަށާއި ޕީކު ގަޑިތަކުގައި ކޮންމެ 15 މިނިޓަކުން ބަސް ދަތުރު އޮންނާނެ ކަމަށެވެ. އަދި ވިދާޅުވީ ކޮންމެ އެއް ގަޑިއިރަކުން އެއާޕޯޓަށް ބަސް އޮންނާނެ ކަމަށެވެ.

އާޒިމް ވިދާޅުވީ ފޭސް ދޭއްގައި އެކުންފުނިން ދޭ ބަހުގެ ހިދުމަތަކީ ޕްލޭން ކުރެވިގެން ހިދުމަތް ހޯދާ ރައްޔިތުންނަށް ދަތިނުވާނެ ގޮތެއްގެ މަތިން ރާވައި އިންތިޒާމު ކުރެވިފައިވާ ނިޒާމެއް ކަމަށެވެ. އަދި ހަރުދަނާ ނިޒާމު އެކުލަވާލުމަށް ރައީސް ސޯލިހު ދެއްވި އިރުޝާދަށް އާޒިމް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ، އެމްޓީސީސީން ރައްޔިތުންގެ އިތުބާރު ހިފޭ ގޮތަށް ދަތުރުފަތުރުގެ ނިޒާމު ބަދަލުކޮށްލާފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމާ ހަވާލުވި އިރު، ހުޅުމާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަވާލުކޮށްފައި އޮތީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ކަމަށެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތްކަމަށް ނުފެންނާތީ، ވަޒީރުންގެ މަޖިލީހާ މަޝްވަރާ ކުރެއްވުމަށްފަހު ދަތުރުފަތުރުގެ ނިޒާމު މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެއްވި ކަމަށެވެ.

އެގޮތަށް ނިންމީ މުޅި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ތަރައްގީކޮށް އަވަސް ހިދުމަތްތަކެއް ފަސޭހަކަމާއެކު ރައްޔިތުންނަށް ލިބޭނެ ގޮތް ހަމަޖައްސައިދެއްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.