މެމްބަރު މުހައްމަދު އަސްލަމް

މަޖިލިސް ރައީސް ކަމުގައި ހުންނަވައިގެން ރައީސް ނަޝީދު އެކުރައްވަނީ ވަރަށް ހުތުރު އަމަލެއް: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން، ރައީސް މުހައްމަދު ނަޝީދު އެކުރައްވަނީ ވަރަށް ހުތުރު އަމަލެއް ކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ހުސެއިން ޝަމީމް މަގާމުން ވަކި ކުރުމަށް ޓަކައި، އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން ވަނީ ތުރީ ލައިން ވިޕެއް ނެރެފަ އެވެ. ޝަމީމް ވަކި ކުރުމަށް ފާސްކުރީ މި މަހުގެ 13 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ޕާލިމެންޓަރޫ ގުރޫޕުގެ ބައްދަލުވުމުގައެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ބައްދަލުވުމަށް އެ މައްސަލަ ހުށަހެޅުމުން އެކަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

އެމްޑީޕީން މިގޮތަށް ނިންމައި، ތުރީލައިން ވިޕު ނެރެފައި ވަނިކޮށް، ރައީސް ނަޝީދު ވަނީ ފާޅުގައި މި ކަމާ ދެކޮޅަށް ނުކުންނަވައިފައެވެ. އަދި އެމަނިކުފާނަށް ތާއީދުކުރައްވައި އިތުރު 19 މެންބަރަކުވެސް ވަނީ މި ވިޕާ ދެކޮޅަށް ނުކުންނަވައިފައެވެ. މި ވިޕާ އެއްގޮތަށް ވޯޓު ނުދެއްވާނެ ކަމަށް އެ ބޭފުޅުން ވަނީ ފާޅުގައި ވިދާޅުވެފައެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު، އަސްލަމް "ވަން" އަށް މިއަދު ވިދާޅުވީ އެޕާޓީގެ ރައީސްގެ އިތުރުން، ރައީސް ނަޝީދަކީ ރައްޔިތުންގެ މަޖިލީހުގެ ވެސް ރައީސް ކަމަށްވާއިރު، ގާނޫނާއި ގަވައިދު ނަގަހައްޓައި އެކަމުގައި ނަމޫނާ ދެއްކެވުމަކީ ރައީސް ނަޝީދު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

"ދައުލަތް ހިންގުމުގައި ތިންބާރު އޮންނަ އިރު، ރައްޔިތުންގެ މަޖިލީހަކީ ގާނޫނު ހެދުމުގެ ބާރު. އެހެންވީމަ ގާނޫނާއި ގަވައިދަށް އެންމެ ބޮޑަށް ތަބާވެ އެކަމުގައި ނާމޫނާ ދައްކަން ޖެހޭ ބަޔަކަށް އަޅުގަނޑުމެން އެބަވޭ. މަލްޓިޕާޓީ ސިސްޓަމްގަ ވިޕްލައިނަކީ އެޔަށް ޕާލިމެންޓަރީ ގުރޫޕުގެ މެންބަރުން ވޯޓުދިނުން ލާޒިމް އެއްޗެއް. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް އެކަން އޮންނަ ގޮތަކީ އެއީ. ރާއްޖޭގައިވެސް، އަދި ވަކީން ހާއްސަކޮށް އެމްޑީޕީގެ އަސާސީ ގަވައިދުގައި މިކަން ވަރަށް ސާފު، އަދި އެޔަށްއަމަލުނުކޮށްފި ފިޔަވަޅު އަޅާން ޖެހޭ. އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ރައީސް ނަޝީދަކީ އެމްޑީޕީގެ އިތުރުން މަޖިލީހުގެ ރައީސް ކަމަށްވެސް ވާއިރު، މި ގޮތަށް ހުންނަ ކަންކަމުގައި ގާނޫނު މުގުރާލައްވައި ކަންކަން ކުރައްވައި އަދި އެކަމަށް ހިތްވަރުދެއްވުމަކީ ވަރަށް ހުތުރު ކަމެއް. އެއީ މިކަމުގައި ނަމޫނާ ދައްކަވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެކި ލެވެލްތަކުގައި ނެރޭ ވިޕްލައިނަށް އަޅާނެ ފިޔަވަޅުތައް ޕާޓީން ކަނޑައަޅާފައި ހުންނަ ކަމަށާއި އެކަން އެގޮތަށް ކުރިޔަށް ދާނެ ކަމަށެވެ. ވިޕްލައިނާ ހިލާފު ވެއްޖެ ނަމަ އެ އޮންނަ އުސޫލުން ފިޔަވަޅު އަޅަން ކަމާ ބެހޭ ކޮމެޓީއަށް މައްސަލަ ފޮނުއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.