ރައީސް ޑރ. މުހައްމަދު މުއިއްޒު، މ. ދިއްގަރު، ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އިއްޔެ ބޭއްވި ޖަލްސާގައި ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ދަތްދޮޅު ދުއްވާލާނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކުގެ ސަބަބުން، މަޖިލީހުގެ މެމްބަރުންގެ ސަލާމަތަށް ހުރަސް އެޅިދާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
ދިއްގަރުގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވެފައިވަނީ މަޖިލީހުގެ ސަބަބުން ރައީސް މުއިއްޒަށް، އެ މަނިކުފާނުގެ ތަސައްވަރާއި ސިޔާސަތުތައް ތަންފީޒުކުރެއްވުމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.
"އަޅުގަނޑު ކުޑަކޮށް ދެރަވެސް ވޭ، އަޅުގަނޑާ ވަރަށް އެކުގައި ހަތަރެއް ބައި އަހަރު ވަންދެން މަސައްކަތް ކުރެއްވި ބޭފުޅުން ރައްޔިތުންގެ މަޖިލިސްގައި ތިއްބެވީ،" އާދަމް ޝަރީފް ވިދާޅުވިއެވެ.
"އެކަމަކު އަޅުގަނޑު ހަމަ ހިތަށް އަރާ، ހަމަ ހަގީގަތުގައި ވެސް، އަޅުގަނޑު އެތާ މިއަދު ވެސް ހުންނަ ނަމަ، އެއިން މީހެއްގެ ދަތްދޮޅި ދުއްވާ ނުލައި ހުރެވޭނެ ބާވައޭ."
އެކަމާ ގުޅިގެން މަޖިލީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މަޖިލީހުގެ މެމްބަރުންނާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ. ސަރުކާރުގެ މިނިސްޓަރަކު މަޖިލީހުގެ މެމްބަރުންނަށް ޖިސްމާނީ އަނިޔާދިނުމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް ވާހަކަދެއްކެވުމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް މަޖިލީހުން ބުންޏެވެ.
"އާދަމް ޝަރީފް އުމަރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ހަމަލާ ދިނުމަށް ހިތްވަރު ލިބޭ ގޮތަށް ދެއްކެވި ވާހަކަފުޅަކީ ވަޒީރަކު ވިދާޅުވުމަށް އެކަށީގެންނުވާ އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ހުރަސްއެޅިކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރަައީސް އޮނަރަބަލް މުހައްމަދު އަސްލަމް ދެކެވަޑައިގަންނަވައެވެ.،" މަޖިލީހުން ބުންޏެވެ.
އަދި ބުނީ މަޖިލީހުގެ މެމްބަރުންނަށް އިންޒާރުތައް ލިބެމުންދާ މި ދަނޑިވަޅުގައި އާދަމް ޝަރީފް ދެއްކެވި ވާހަކަތައް ކުށްވެރިކުރާ ކަމަށެވެ. މަޖިލހުގެ މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މަޖިލީހުން ކުރާ މަސައްކަތައް ސަރުކާރުން އެއްބާރުލުދިން ދިނުމަށް އެދޭ ކަމަށެވެ.
"އެއްވެސް ފަރާތަކުން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިނުގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އިލްތިމާސްކުރައްވައެވެ" މަޖިލީހުން ބުންޏެވެ.
އާދަމް ޝަރީފު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަތްދޮޅި ދުއްވާލާ ވާހަކަދެއްކެވީ މަޖާޒީ ގޮތެއްގައި ކަމަށެވެ. އެހެން އެގޮތަށް އެކަން ވިސްނިވަޑައިގެންފައިވާނަމަ މައާފަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
"ދަތްދޮޅު މި މަސް ބޭނުންކުރީ އެއްވެސް ހާލަތެއްގަ ވަޔަލެންސްއަށް ހިތްވަރު ދިނުމުގެ ނިޔަތުގައެއް ނޫން. އަޅުގަނޑާ ގުޅުވައިގެން ކިޔާ އެއްޗަކަށްވާތީ ހިޔުމާއަށް، މެޓަފޯއަކަށް ބޭނުން ކުރެވުނީ،" އާދަމް ޝަރީފް ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރަކަށް އާދަމް ޝަރީފް ހުންނެވި އިރުވެސް އޭނާ ވަނީ މަޖިލީހުގެ ބައެއް މެމްބަރުންގެ ދަތްދޮޅި ދުއްވާލަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އެފަހަރު އެގޮތަށް ވިދާޅުވެފައިވަނީ ސިފައިންގެ ޖަލްސާއެއްގައެވެ. އެ ޖަލްސާގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް އެގޮތަށް ވިދާޅުވި އޯޑިއޯ އެފަހަރު ވަނީ ލީކުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު