ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ރޭ އިންތިހާބު ކުރި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްގެ ރިޔާސަތުގައި މިއަދުގެ މަޖިލިސް ޖަލްސާ ފަށައިފިއެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީ މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓާއި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހެޅުމަށެވެ. މިއަދުގެ ޖަލްސާއަށް ދެ ބަޖެޓް ހުށަހެޅުއްވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މަޖިލީހަށް ވަޑައިގެންފައެވެ.

މިއަދުގެ ޖަލްސާއަކީ މަޖިލިސް ރައީސްކަމަށް އަސްލަމް އިންތިހާބުވެވަޑައިގެންނެވި ފަހުން ބާއްވާ ފުރަތަމަ ޖަލްސާއެވެ. އަސްލަމްގެ ރިޔާސަތުގައި މިއަދުގެ ޖަލްސާ ފެށި އިރު، ޖަލްސާގައި ބައިވެރިވެވަޑައިގެން ތިއްބެވީ 38 މެންބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވަނީ އިއްޔެ އިސްތިއުފާ ދެއްވައިފައެވެ. ނަޝީދު އިސްތިއުފާ ދެއްވާފައިވަނީ އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނިކޮށެވެ.

ނަޝީދު އިސްތިއުފާ ދެއްވުމުން، ރޭ ވަނީ މަޖިލިސް ރައީސް އިންތިހާބު ކުރުމަށް ޖަލްސާއެއް ބާއްވައިފައެވެ. ހުސްވެފައިވާ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް މެންބަރަކު އިންތިހާބުކުރުމަށް ބޭއްވި ޖަލްސާގައި އެ މަގާމަށް ވާދަކުރެއްވީ އަސްލަމާއި މެދު ހެންވޭރު ދާއިރާގެ ދަ ޑިމޮކްރެޓްސް މެންބަރު އަލީ އާޒިމެވެ.

ރޭ ނެގި ސިއްރު ވޯޓުގައި އެންމެ ގިނަ ވޯޓު ހޯއްދައިވައިގެން މަޖިލިސް ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓުގެ ގޮތުގައި ވާދަކުރެއްވި އަސްލަމެވެ. އަސްލަމަށް 53 ވޯޓު ލިބިވަޑައިގެންނެވި އިރު، އަލީ އާޒިމަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.