ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަންކުރުމަށް ބޭއްވި އެވޯޑް ދިނުމުގެ ހަފުލާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، މަޖިލިސް އިދާރާގެ މުވައްޒަފުންގެ ހުރި ކަންބޮޑުވުންތަކުގެ ތެރޭގައި އެ އިދާރާގެ މުވައްޒަފުންނަށް، މިހާތަނަށް ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން އެއްވެސް ކެޓަގަރީއަކަށް ފެތިފައިނުވުމުން ހިމެނޭ ކަމަށެވެ.

އެހެންކަމުން، މަޖިލީހުގެ ރައީސެެއްގެ ހައްސިޔަތުން އެ އިދާރާގެ މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދިނުމަށް މަޖިލިސް އިދާރާގެ އިދާރީ މުވައްޒަފުންނަށްވެސް ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދައިދެވޭނެ މަގުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ކުރާ ގޮތުގައި ސަރުކާރުގެ އިދާރާއަކުން ނޫން، ރައްޔިތުންގެ މަޖިލީހުން މިކަން ކުރިއަށްގެންދާނެ ގޮތެއްގެ ޕްލޭނެއް އެކުލަވާލަންޖެހޭ. އެހެންކަމުން އެ މަސައްކަތް އިރާދަކުރެއްވިއްޔާ ތިބޭފުޅުންގެ މަޝްވަރާގެ މަތިން، މަޖިލީހުގެ އަމީންއާންމުގެ މަޝްވަރާގެ މަތިން ކުރިއަށްގެންދާނެ ވާހަކަ ދަންނަވަން،" މަޖިލިސް ރައީސް އަސްލަމް ވިދާޅުވިއެވެ.

ބާރަ އަހަރު ފަހުން، ރޭ ބޭއްވި ރައްޔިތުންގެ މަޖުލީހުގެ އިދާރާގެ "ސްޓާފް ނައިޓް"ގައި އެންމެ ރަނގަޅު މުވައްޒަފުންނަށާއި، އެ މަޖިލީހަށް ހިދުމަތުގައި ގިނަ ދުވަސްވީ މުވައްޒަފުންގެ އަގުވަޒަންކޮށް، އެ ހަފުލާގައި ވަނީ، 10 މުވައްޒަފަކަށް ސިލްވާ މެޑަލް، 57 މުވައްޒަފަކަށް ބްރޯންޒް މެޑަލް އަދި 34 މުވައްޒަފަކަށް އެމްޕްލޯއީ އެވޯޑް ހަވާލުކޮށްފައެވެ.

އެ ހަފުލާގައި 25 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ ފަސް މުވައްޒަފަކަށް ގޯލްޑް މެޑައްޔާއި ހަނދާނީ ފިލާ ހަވާލުކުރިއެވެ. އަދި 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ހިދުމަތް ކުރި މުވައްޒަފުންގެ ތެރެއިން 57 މުވައްޒަފަކަށް ބްރޯންޒް މެޑައްޔާއި ހަނދާނީ ފިލާ ހަވާލުކުރިއެވެ.

އޭގެ އިތުރުން، މަޖިލީހުގައި 20 އަހަރާއި 25 އަހަރާ ދެމެދު ހިދުމަތްކޮށްފައިވާ 10 މުވައްޒަފުންނަށް ސިލްވާ މެޑަލް އަދި ސެޓްފިކެޓް ހަވާލުކުރިއެވެ.

އަސްލަމް ވިދާޅުވީ މަޖިލިސް އިދާރާގެ މުވައްޒަފުންނަކީ ވަރަށް ރަނގަޅު ތަމްރީނާއި ތަޖުރިބާ ލިބިފައި ތިބި މުވައްޒަފުން ކަމަށާއި އަދި ބޭރުގެ އެކި އިދާރާތަކާއި ގުޅިގެން ތަމްރީނު ޕްރޮގްރާމުތައް ކުރިއަށްގެންދާ ކަމަށެވެ. އަސްލަމް ވަނީ މަޖުލީހުގެ ވަކި ޕާޓީއަކަށް، ވަކި ފިކުރަކަށް ބެލުމެއްނެތި، އިދާރީ ކަންކަން ބެލެހެއްޓުމުގެ ޕްރޮގްރާމުތައް ކުރިއަށްގެންދިއުމަށް ވެސް އިލްތިމާސްކުރައްވައިފައެވެ.

ރައްޔިތުންގެ މަޖިލިހުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުނުވެ ދިގު މުއްދަތަކަށް ހައްލުނުވެ އޮތްއޮތުން އަމީން އާންމުގެ މަސައްކަތާއެކު މަޖިލީހުގެ އާންމު ކޮމިޓީން އަދި މާލިއްޔަތު ކޮމިޓީން ފާސްކޮށް މި އަހަރުން ފެށިގެން އެ އިދާރާގެ މުވައްޒަފުންގެ އަސާސީ މުސާރައަށް 20 އިންސައްތައިގެ އިތުރުވުމެއް ގެނެސްފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރުނަށް ތިބޭފުޅުން ކުރަ މަސައްކަތުގެ އުޖޫރަ ދެވޭ ކަމަކަށް. އެކަމަކު މުޅި ރާއްޖޭގައި ވެސް އެކަން އޮތީ އެހެން. ކުރާ މަސައްކަތާ އެއްވަރުގެ މުސާރައެއް ހަމަޖެހިގެން ދިއުމަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި މަސައްކަތް ކުރާ މީހުންނަށް މުހިންމު ކަމެއް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ މުސާރައަށް ގެނެވުނު ބަދަލުތަކާއެކު މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބިގެންދިޔަ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ސްޓާފް ނައިޓް ޝަރަފުވެރިކޮށްދެއްވީ މަޖިލީހުގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ.