ކަނޑުމަގުން ރާއްޖެ އެތެރެކުރި ކޮންޓެއިނަރެއްގެ ތެރެއިން 15 ކިލޯގެ ހަޝިޝް އޮއިލް ފެނިފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.

ކަސްޓަމުން މިއަދު ބުނީ، މެއި މަހުގެ 29 ވަނަ ދުވަހު އިންޑިއާގެ ޓުޓިކޮރިންއިން ކަނޑުމަގުން ރާއްޖެއަށް ގެނެސްފައިވާ މުދާ ޝިޕްމެންޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފު އެއްޗެއް ހުރި ކަމަށް ޝައްކުކުރެވިގެން އެ މުދާ ބަލައި ފާސްކުރުމަށްޓަކައި މާލޭ ވިޔަފާރީ ބަނދަރުގައި މިމަހުގެ ނުވަ ވަނަ ދުވަހުން 11 ވަނަ ދުވަހަށް ކަސްޓަމްސް އާއި ފުލުހުން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަންގައި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝް އޮއިލްގެ 15.5 ކިލޯ އަތުލައިގެންފައިވާ ކަމަށެވެ. އެތަކެތީގެ މަގުމަތީ އަގު ހަތަރު މިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް ކަސްޓަމުން ބުންޏެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މަސްތުވާތަކެތި ހޯދައިފައިވަނީ ޓޮމާޓޯ ޕޭސްޓާއި ދަޅު ކާނާގެ ގޮތުގައި އެތެރެކޮށްފައި ހުއްޓައެވެ. ކަސްޓަމުން މީގެ ކުރިން ބުނެފައިވަނީ އެ ކޮންޓެއިނަރުން ދެ ބާވަތެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. ނަމަވެސް މިއަދު ކަސްޓަމުން ބުނީ ފެނުނީ ހަމައެކަނި ހަޝިޝް އޮއިލް އެކަނި ކަމަށެވެ.

އެ ހަޝިޝް އޮއިލް މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށްވެސް ކަސްޓަމުން ބުންޏެވެ.