ޔޫއެފާ ނޭޝަންސް ލީގު

ކްރޮއޭޝިއާއަށް ތާރީހީ މޮޅެއް، ފްރާންސަށް ތަށި ދިފާއުކުރުމުގެ ފުރުސަތު ގެއްލިއްޖެ

ޔޫއެފާ ނޭޝަންސް ލީގުގެ އޭ ޑިވިޝަންގެ ގްރޫޕް އޭގައި ރޭ ކުޅުނު މެޗުގައި ކްރޮއޭޝިއާ އަތުން ބަލިވެ، ފްރާންސަށް މުބާރާތުގެ ތަށި ދިފާއުނުކުރެވޭނެކަން ޔަގީން ވެއްޖެއެވެ.

ނޭޝަންސް ލީގުގައި 54 ޓީމަކުން ވާދަކުރާ އިރު، ސެމީ ފައިނަލަށް ދިޔުމުގެ ފުރުސަތު އޮންނަނީ ހަމައެކަނި ޑިވިޝަން އޭގައި ހިމެނޭ ޓީމުތަކަކަށެވެ. ޑިވިޝަންގެ އޭގައި ހަތަރު ގްރޫޕަކަށް 16 ޓީމު ބަހާލެވިފައިވާ އިރު، ސެމީއަށް ދާނީ ގްރޫޕުގެ އެއްވަނަ ހަތަރު ޓީމެވެ. މިހާތަނަށް މުބަރާތުގައި ކުޅުނު ގްރޫޕް ސްޓޭޖުގެ ހަތަރު މެޗުގެ ތެރެއިން ފްރާންސަށް މޮޅެއް ހޯދިފައެއް ނުވެއެވެ.

ނޭޝަންސް ލީގު ގްރޫޕް ސްޓޭޖުގައި ދުނިޔޭގެ ޗެމްޕިއަން، އަދި އެންމެފަހުގެ ނޭޝަންސް ލީގު ޗެމްޕިއަން ފްރާންސުން މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން އެއްވަރުވި އިރު، އަނެއް ދެމެޗުންވީ ބައްޔެވެ. ރޭގެ މެޗުން ކްރޮއޭޝިއާ އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗު ފްރާންސް ދަނޑުގައި ކުޅުނު އިރު، ކްރޮއޭޝިއާއިން ހޯދި މޮޅަކީ އެ ގައުމުގެ ފުޓުބޯޅަ ތާރީހުގައިވެސް ފްރާންސް އަތުން ހޯދި ފުރަތަމަ މޮޅެވެ.

ފްރާންސުން 2018 ވަނަ އަހަރު ވޯލްޑް ކަޕް ނެގި އިރު، އެ މުބާރާތުގެ ފައިނަލުގައި ކްރޮއޭޝިއާއާ ދެކޮޅަށް ނުކުމެ، މޮޅުވީ ބޮޑު ތަފާތަކުންނެވެ. އެހެން ނަމަވެސް ރޭގެ މެޗުގައި ފްރާންސް ފެނުނީ ދަށްކޮށެވެ. ހާއްސަކޮށް ރަނގަޅު އެޓޭކެއް އުފައްދަން ފްރާންސް ވަނީ ނުކުޅެދިފައެވެ.

މެޗުގެ ފުރަތަމަ މިނެޓުގައި ފްރާންސުގެ ފަހަތުން އިބްރާހީމް ކޮނާޓޭ ހެދި ގޯހަކުން ކްރޮއޭޝިއާއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެ ޕެނަލްޓީގައި ލޫކާ މޮޑްރިޗް ޖެހި ގޯލަކީ މެޗުގައި ފެނުނު ހަމައެކަނި ގޯލެވެ. ނަތީޖާ ހަމަހަމަ ކުރުމަށް ފްރާންސުން ކުރި މަސައްކަތުގައި އެކަށީގެންވާ ނުރައްކާތެރި ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ.

ކިލިއަން އެމްބާޕޭގެ ދެ ހަމަލާއެއް ފެނުނު އިރު، އެ ދެހަމަލާވެސް މަތަކުރީ ކްރޮއޭޝިއާގެ ގޯލްކީޕަރު އިވިކާ އިވުސުވިޗެވެ. އަނެއްކޮޅުން ކްރޮއޭޝިއާގެ އަންޓޭ ބުޑިމީރުގެ ހަމަލާއެއް މައިކް މިންޔޯ މަތަކުރިއެވެ.

ފްރާންސާއި ކްރޮއޭޝިއާ ވާދަކުރާ ގްރޫޕު އެކެއްގެ އެއްވަނައިގައި މިވަގުތު އޮތީ ޑެންމާކެވެ. ރޭ ކުޅުނު މެޗުގައި 2-0 އިން އޮސްޓްރިއާ ބަލިކުރި އިރު، އެޓީމު އެއްވަނައިގައި އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ކްރޮއޭޝިއާ ދެވަނައިގައި އޮތް އިރު، ތިންވަނައިގައި އޮތީ އޮސްޓްރިއާއެވެ. ފްރާންސް އޮތީ އެ ގްރޫޕުގެ ފުލުގައެވެ.