ރާއްޖެއަށް އެތެރެކުރި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން 44 ހެކި ބަލައިނުގަތުމަށް ކުރިމިނަލް ކޯޓުން ނިންމީ ގޯސްކޮށް ކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ ޑިސެމްބަރު 2020ގެ ތެރޭގައި ކަނޑުމަގުން ރާއްޖެ އެތެރެކުރި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ދައުލަތުން 10 މީހެއްގެ މައްޗަށް ކުރާ ދައުވާތަކާ ގުޅޭ މައްސަލައެކެވެ.

މި މައްސަލައިގައި އިސްކޮށް ހުރި ކަމަށް ފުލުހުން ތުހުމަތުކޮށްފައިވާ ސ. ހުޅުދޫ/ ދޭލިޔާގޭ، އިރުފާން ތަގިއްޔު ވަނީ އެ މައްސަަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރެއިން ގިނަ ހެކިތަކެއް ބަލައި ނުގަތުމަށާއި ދައުލަތުން ސިއްރުކުރުމަށް ހުށަހަޅާފައިވާ ހެކިތަކެއް ސިއްރު ނުކުރުމަށާއި ބައެއް ލިޔުންތައް ބަލައި ނުގަތުމަށް ކުރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ.

އެ މައްސަލަ ބެލުމަށްފަހު ކުރިމިނަލް ކޯޓުން ނިންމާފައި ވަނީ، އެ މައްސަލައާ ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ ޖުމުލަ 106 ހެކީގެ ތެރެއިން 44 ހެކި ބަލައިނުގަތުމަށާއި ދައުލަތުން ދައުވާ ފޯމު ހުށަހެޅި އިރު، އެދިފައިވަނީ ހެކި ސިއްރުކުރުމުގެ ވަގުތީ އަމުރަކަށް ކަމަށްވާތީ އަދި ޝަރީއަތުގެ ކުރިން ހެކި ސިއްރުކުރުމުގެ ދާއިމީ އަމުރަކަށް އެދި ހުށަހަޅާފައިނުވާތީ ހެކި ހާމަކުރުމަށެވެ.

އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ ހެކި ބަލައިނުގަތުމަށް ނިންމާ ނިންމުމަށް ވާސިލުވި ގޮތެއް ފަނޑިޔާރު ބުނެދޭންޖެހޭ ކަމަށާއި ކްރިމިނަލް ކޯޓުގެ ނިންމުމުން އެކަން އެނގެން ނެތް ކަމަށެވެ.

އެފަދަ ނިންމުންތައް ނިންމުމުގައި ދެ ފަރާތަށް ވާހަކަދައްކަން ފުރުސަތު ދިނުމާއެކު އެ ނިންމުމަށް ވާސިލުވި ގޮތެއް ފަނޑިޔާރުން ބުނެދޭންޖެހޭ ކަމަށްވެސް ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައިވެއެވެ. އަދި މިފަދަ ރާވައިގެން ކުރާ ކުށްތަކުގައި އެ ކުށަކީ ރާވައިގެން ކުރާ ކަމެއްކަން އަންގައިދޭ ހެކިތަކަކީވެސް މުހިންމު ހެކިތަކެއް ކަމަށް ހުކުމުގައިވެއެވެ.

ބާކީ ހުރި ހެކިތަކުގެ ސިއްރުކަން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމަކީވެސް ގޯސް ނިންނުމެއް ކަމަށާއި ހެކި ރައްކާތެރިކުރުމުގެ ވަގުތީ އަމުރެއް ކުރިން ނެރެފައިވާތީ ދާއިމީ އިތުރު އަމުރެއް ހޯދަން ދައުލަތަށް ލާޒިމުނުވާ ކަމަށްވެސް ހުކުމުގައިވެއެވެ.

  • 1. ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަގިއްޔު (32އ)
  • 2. ރ. އިނގުރައިދޫ / އެލެސްކާ، މުހައްމަދު ވިޝާމް (28އ)
  • 3. ދ. މާއެނބޫދޫ / އަނބުގަސްދޮށުގެ، އަހުމަދު ނަސީރު (38އ)
  • 4. ކ. މާލެ / މއ. ކަނޑޫގެ، އަލީ އަހުމަދު (37އ)
  • 5. ކ. މާލެ / ހ. ގާޑަންބިޔުޓީ، މުހައްމަދު އަކްރަމް (27އ)
  • 6. ރ. އިނގުރައިދޫ / އެލެސްކާ، އަބްދުﷲ ވިޝާމް (26އ)
  • 7. ހދ. ނޮޅީވަރަންފަރު / ނޫރީއާގެ، މުހައްމަދު ޝަރީފް (34އ)
  • 8. ލ. ގަން، ތުނޑި / ޕެރިސްހޮލިޑޭ، މުހައްމަދު ފުރުގާން (33އ)
  • 9. ތ. ތިމަރަފުށި / ތަޑިރަތްމާގެ، މުހައްމަދު ވަޖީހު (35އ)
  • 10. ރ. ރަސްގެތީމު / ފީރޯޒްގެ، އަހުމަދު ޝިނާން (30އ)