ޔޫއެފާ ނޭޝަންސް ލީގު ޑިވިޝަން އޭގެ ގުރޫޕް ދޭއްގައި ސްޕެއިނުން ޗެކު ރިޕަބްލިކް ބަލިކުރި އިރު، ޕޯޗުގަލް ސްވިޒަލޭންޑް އަތުން ބަލިވެއްޖެއެވެ.

ރޭ ޕޯޗުގަލުން ކުޅުނު މެޗުގައި ސްވިޒަލޭންޑް އަތުން އެ ގައުމުގައި ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ. ސްޕެއިނުން އަމިއްލަ ގައުމުގައި ޗެކް ރިޕަބްލިކް އަތުން މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ. އެ ގުރޫޕުގައި ކޮންމެ ޓީމަކުންވެސް މިހާރު ހަތަރު މެޗު ކުޅެފައިވާ އިރު، އެއްވަނައިގައި ސްޕެއިން އޮތީ އަށް ޕޮއިންޓާ އެކުގައެވެ. ޕޯޗުގަލް ދެވަނައިގައި ހަތް ޕޮއިންޓާއެކު އޮތް އިރު، ތިންވަނައިގައި މިވަގުތު އޮތީ ޗެކް ރިޕަބްލިކެވެ. ފުލުގައި ސްވިޒަލޭންޑް އޮތީ ތިން ޕޮއިންޓާ އެކުގައެވެ.

ޕޯޗުގަލުން އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ރެސްޓް ދީގެން ރޭ ނުކުތް މެޗުގައި މިނެޓެއްވެސް ނުވަނީސް ސްވިޒަލޭންޑް ވަނީ ލީޑު ނަގައިފައެވެ. މެޗުގެ 55 ވަނަ ސިކުންތުގައި ބެނިފީކާގެ ފޯވަޑް ހާރިސް ސެފަރޮވިޗް ޖެހި ގޯލަކީ އޭރިއާ ތެރޭގައި ހުރެ ބޮލުން ޖެހި ގޯލެކެވެ.

ޕޯޗުގަލުން މެޗު ހަމަހަމަކުރަން ކުރި މަސައްކަތަށް އެންމެ ބޮޑަށް ހުރަސް އެޅީ ސްވިޒަލޭންޑްގެ ގޯލްކީޕަރު ޖޯނަސް އޮމްލިންއެވެ. ޑެނީލޯ ޕެރޭރާއާއި ޖާއޯ ކާންސެލޯ އަދި ގޮންކާލޯ ގުއިޑެސް ޖެހި ހަމަލާތައްވެސް މަތަކުރީ އޭނާއެވެ. އޭގެ އިތުރުން ޑިއޭގޯ ޖޮޓާ ބޮލުން ޖެހި ބޯޅަވެސް އޮމްލިން މަތަކުރިއެވެ.

ސްޕެއިން ރޭ ކުޅުނު މެޗުގައި ގޯލުތައް ޖެހީ ކާލޯސް ސޮލާއާއި ޕަބްލޯ ސަރާބިއާއެވެ.