ޔޫއެފާ ނޭޝަންސް ލީގުގެ އޭ ޑިވިޝަންގެ ގުރޫޕް އެކެއްގައި ފްރާންސުން ރޭ ކުޅުނު މެޗުގައި އޮސްޓްރިއާ ކައިރީ 1-1 އިން އެއްވަރު ވެއްޖެއެވެ.
މިދިޔަ އަހަރުގެ ނޭޝަންސް ލީގު ކާމިޔާބުކޮށްފައިވާ ދުނިޔޭގެ ޗެމްޕިއަން ފްރާންސުން މިހާތަނަށް މި ސީޒަންގެ ނޭޝަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ. ފްރާންސް މިވަގުތު އެ ގުރޫޕުގެ ފުލުގައި އޮތީ ދެ ޕޮއިންޓާ އެކުގައެވެ.
ގުރޫޕުގެ އެއްވަނައިގައި އޮތީ ރޭ ކްރޮއޭޝިއާ އަތުން 1-0 އިން ބަލިވި ޑެންމާކެވެ. އެއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތީ ކުރީގެ މެންޗެސްޓާ ޔުނައިޓެޑް ކޯޗު ރާފް ރަންގްނިކާއެކު މިއަހަރުގެ ނޭޝަންސް ލީގަށް ނުކުތް އޮސްޓްރިއާއެވެ. އެޓީމުން ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިފައެވެ. ކްރޮއޭޝިއާއަށްވެސް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ފައިދާ ގޯލަށް ބަލައި އެޓީމު އޮތީ ތިންވަނައިގައެވެ.
ރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީ އޮސްޓްރިއާއިންނެވެ. އޮސްޓްރިއާ ދަނޑުގައި ކުޅުނު މެޗުގައި އެ ގޯލު ޖެހީ ބްރިސްޓޮލް ސިޓީގެ ފޯވަޑް އަންދްރޭއާ ވީމަންއެވެ. އުމުރުން 30 އަހަރުގެ ވީމަން ރޭ ޖެހި ގޯލަކީ އޭނާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ. ފުރަތަމަ ހާފުގައި ވީމަންއަށް ވަނީ ނަތީޖާގެ ފަރަގު ބޮޑުކުރަން ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
މެޗުގެ ދެވަނަ ހާފަށް ނުކުމެ ފްރާންސުން އޮއިވަރު ބަދަލުކޮށްލިއެވެ. ކަރިމް ބެންޒެމާގެ ހަމަލާއެއް ދެވަނަ ހާފުގެ ކުރީކޮޅުގައި ފާހަގަވި އިރު، މެޗަށް ކިލިއަން އެމްބާޕޭ ނުކުތް ހިސާބުން ފްރާންސްގެ އެޓޭކް ހަލުވިކޮށްލިއެވެ. 83 ވަނަ މިނެޓުގައި ފްރާންސަށް ޕޮއިންޓެއް ސަލާމަތް ކޮށްދިން ގޯލުވެސް ޖެހީ އެމްބާޕޭއެވެ. އެ ގޯލަކީ ކްރިސްޓޮފާ އެންކޫކޫއާއެކު ރަނގަޅު ޕާހެއް ޖަހައި އުފެއްދި ކައުންޓާ އެޓޭކެއްގައި އެމްބާޕޭ ޖެހި ގޯލެކެވެ.
ގޯލަށްފަހުވެސް އެމްބާޕޭގެ ނުރައްކާ ފެނުނެވެ. އޭނާގެ ބާރު ހަމަލާއެއް އޮސްޓްރިއާ ގޯލްކީޕަރު ޕެޓްރިކް ޕެންޓްޒް މަތަކުރި އިރު، މަޓެއޯ ގުއެންޑޫޒީ ފަހު ވަގުތު ޖެހި ބޯޅަވެސް މަތަކުރީ ޕެންޓްޒްއެވެ.