ޕީއެސްޖީ

ޒިދާން ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވާން އެއްބަސްވީތަ؟

ފްރާންސްގެ މަހުޖަނު ކްލަބު، ޕީއެސްޖީގެ ކޯޗުކަމާ ޒައިނުއްދީން ޒިދާން ހަވާލުވުމާ ގާތަށް ޖެހިފައިވާ ކަމަށް އިތުބާރު ނޫސްތަކުން ބުނެފިއެވެ.

މިދިޔަ ސީޒަން ނިމުމާއެކު ޒިދާން ހޯދުމުގެ މަސައްކަތް ޕީއެސްޖީން ކުރަމުން އަންނަ އިރު، "ގޯލް.ކޮމް" އިން ބުނެފައިވަނީ އެކަމުގެ މަޝްވަރާތައް ކުރިއަށް ޖެހިފައިވާ ކަމަށެވެ. ފްރާންސްގެ ސުޕަ ސްޓާ ކޯޗު ޒިދާނުގެ އެޖެންޓުންނަށް ބަރޯސާވެ ގޯލް.ކޮމް އިން ޔަގީންކޮށް ބުނެފައިވަނީ ޕީއެސްޖީ ކޯޗުކަމާ ހަވާލުވުމަށް ޒިދާން އެއްބަސްވުންތަކަކަށް އައިސްފައިވާ ކަމަށެވެ. އެގޮތުން ހުރިހާ ކަމެއް ފައިނަލް ކުރަން މިހާރު ޒިދާން ގަތަރަށް ގޮސްފައިވާ ކަމަށްވެސް ބައެއް ނޫސްތަކުން ބުނެފައިވެއެވެ.

އެތަކެއް ތަރިންނެއް ކުޅެމުން އަންނަ ޕީއެސްޖީގެ ކޯޗުގެ މަގާމުގައި މިހާރު ހުރީ ކުރިން ޓޮޓެންހަމްއާއެކު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކުރި އާޖެންޓީނާގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯއެވެ. މިދިޔަ ސީޒަންގެ ލީގު ޕޮޗެޓީނޯއާއެކު ޕީއެސްޖީން ކާމިޔާބުކުރި ނަމަވެސް، ޗެމްޕިއަންސް ލީގުގެ ނާކާމިޔާބީއާއެކު އެ މަގާމުން އޭނާ ވަކިކުރާނެ ކަމަށް ކުރިންވެސް އޮތީ ބެލެވިފައެވެ.

މިދިޔަ ސީޒަނަށް ޕީއެސްޖީ ތައްޔާރުވީ ލިއޮނެލް މެސީއާއި ސާޖިއޯ ރާމޯސް އަދި ޖިއާންލުއީޖީ ޑޮނަރޫމާ ފަދަ ކުޅުންތެރިން ޓީމަށް ގެންގޮސްގެން ނަމަވެސް، އެޓީމުން އަނެއްކާވެސް ނިންމާލީ ޔޫރަޕުގެ ތަށްޓެއް ނުލިބިއެވެ. އަންނަ ސީޒަނަށް ގެންދަން މަސައްކަތް ކުރާ ޒިދާނަކީ މިދިޔަ ދިހަ ވަރަކަށް އަހަރު ދުވަހު ޔޫރަޕުގެ ފުޓުބޯޅައިގެ އެންމެ ކާމިޔާބު ކޯޗެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުގައި ފާހަގަކޮށްލެވުނު ޒިދާން، މިހާތަނަށް ކޯޗުކަމުގައި ކުރި ހަމައެކަނި ތަޖުރިބާތަކަކީ ރެއާލް މެޑްރިޑާއެކު ކުރި ތަޖުރިބާތަކެކެވެ. ދެ ފަހަރެއްގެ މަތިން ޒިދާން ރެއާލަށް ކޯޗުކަން ކޮށްދީފައިވާ އިރު، ފުރަތަމަ ބުރުގައި ކޯޗުކަން ކޮށްދިނީ 2015 އިން 2018 އަށެވެ. އެ ތިން ސީޒަނުގައިވެސް ޒިދާން ވަނީ ރެއާލްއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.

އޭގެ ފަހުން ޒިދާން ރެއާލަށް ކޯޗުކަން ކޮށްދިނީ 2019 އިން 2021 އާ ހަމައަށެވެ. އެ މުއްދަތުގައި އެ ކްލަބަށް ލަލީގާ ހޯދައިދިން ޒިދާން ވަނީ އޭގެ ކުރިންވެސް އެއް ފަހަރު އެ ކްލަބާއެކު ލީގު އުފުލާލައިފައެވެ. އޭގެ ފަހުން ޒިދާން ހުރީ ކޯޗުކަމުން ބްރޭކެއް ނަގައިގެންނެވެ.

ޕީއެސްޖީން ކްލަބުގެ މެނޭޖުމަންޓަށް ބަދަލުތަކެއް ގެންނަމުންދާ މި ދަނޑިވަޅުގައި ކްލަބުގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމުގައި ހުރި ލިއެނާޑޯ އަރައޫހޯ އެމަގާމުން ވަކިކޮށް، މިއަދު ވަނީ ލުއިސް ކާމްޕޯސް އެ މަގާމަށް ހަމަޖައްސައިފައެވެ. ޓްރާންސްފާ ސީޒަނަށް ޕީއެސްޖީން ތައްޔާރުވަމުން އަންނަ އިރު، މިހާތަނަށް އެ ކްލަބުން ކުރި އެންމެ ކާމިޔާބު މަސައްކަތަކީ ޓީމުގެ ތަރި ކިލިއަމް އެމްބާޕޭ މަޑުކުރުވުމެވެ.