ރިޕޯޓް

ވިކްޓްރީއާއި ނިއު އެނބުރި އައުން ފުޓުބޯޅައަށް އާދިރުމެއް، "ވަގުތީ" ނުވެ ދެމެހެއްޓޭނެ ގޮތްތަކެއް ބޭނުންވޭ

މުޙައްމަދު ޝަމްޢޫން

އަޅުގަނޑު އުޅެ ބޮޑުވީ މާލޭގައެއް ނޫނެވެ. އަތޮޅު ތެރޭގެ ރަށެއްގައެވެ. އެހެން ނަމަވެސް ގޭ ދޮރުމަތީ މަގުމައްޗަށް ވާ ގޮތަށް ނަގާފައި ހުންނަ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ބޮޑު ދިދައެއްގެ މަތިން ހަނދާން އެބަހުއްޓެވެ. ކްލަބު ފޯރީގައި، ޖަޒުބާތުގައި، ލީގުގެ ވާދަވެރި މެޗުތައް ޓީވީތަކުން ބެލި ޒަމާނުގެ ހަނދާން އެބަހުއްޓެވެ. އަތޮޅު ތެރޭގައިވެސް އޭރު ފުޓުބޯޅައަށް ލޯބި އޮތް މިންވަރު ސާފު ނޫންތޯއެވެ. ނިއުއާއި ވިކްޓްރީ ސްޕޯޓްސް ކްލަބު ފަދަ ކްލަބުތަކަށް މަރުދީ، ސަޕޯޓު ދިން ހަނދާން އެބަހުއްޓެވެ.

ދިވެހި ފުޓުބޯޅައިގެ ރަން ޒަމާނުގައި ގަލޮޅު ދަނޑުގެ އިހުސާސް ކުރަން ފުރުސަތު ނުލިބުނު ނަމަވެސް، ފެނުނު ތަސްވީރީ މަންޒަރުތަކުން އޭރުގެ ފޯރި ސާފެވެ. ދޮށީ އުމުރުގެ އެތައް ބަޔަކު ތާ އަބަދު ދައްކަމުން އަންނަ "ދަނޑަށް ވަނުމުގެ ކަންކަމުގެ" ވާހަކަތައް ޝައުގުވެރިވެސް މެއެވެ. ކިއު ޖެހި ޓިކެޓަކަށް ތަޅާފޮޅީ ހަމަ މިކިޔައިދެވުނު، ދިވެހި ކްލަބުތަކަށް ސަޕޯޓު ދޭން ދަނޑަށް ވަންނާށެވެ. ކޮންމެއަކަސް އެ ހާލަތު ބޮޑުތަނުން ބަދަލުވެ ދަނޑު ފަޅުވެއްޖެއެވެ.

އެ ފަޅުކަމަށް ފުޓުބޯޅަ ގަރަގުވެ ގޮސް، ހާލަތު ބޮޑަށް ކަސިޔާރުވީ އެންމެ ބޮޑެތި ކްލަބުތައް ކަމަށްވާ ވިކްޓްރީއާއި ނިއު މަންޒަރުން ވެސް ބޭރުވުމުންނެވެ. ދަރަނީގެ ކަންކަމާއި، ފުޓުބޯޅައިގެ "އިންޓާނަލް ޕޮލިޓިކްސް" ގެ ތެރެއިން، މިދިޔަ ހަފުތާއާ ހަމައަށް ވިކްޓްރީވެސް އޮތީ ސަސްޕެންޝަނުގައެވެ. ދަރީނީގެ އަދަދު ކިޔާލަންވެސް ނޭނގޭ ހިސާބަށް ގޮސް، ދަރައި، ބޯނުހިކި ނިއު ވެސް އޮތީ ސަސްޕެންޝަނުގައެވެ. ކޮންމެއަކަސް ސަޕޯޓަރުންގެ ފޭންބޭސް ބޮޑު، ކާމިޔާބީގެ ތަށިތައް އިންތިހާއަށް ގިނަ މި ދެ ކްލަބުގެ ވެއްޓުމުން މިއަދާ ހަމައަށް އައިސް، އަނެއްކާވެސް ދެ ކްލަބުގެ ވިންދު ޖަހަން ފަށައިފިއެވެ. އުންމީދެއް ގެނެސްދީފިއެވެ.

ވިކްޓްރީއާއި ނިއުއަށް އާ ބޯޑެއް އިންތިހާބުކޮށް، ދަރަނީގެ ކަންކަން ހަލާސްކުރަން ތެދުވެއްޖެއެވެ. ވިކްޓްރީން އެކަން ކުރުމުން އެންމެފަހުން އެފްއޭއެމުން ބޭއްވި ކޮންގްރެސްގައި އެ ކްލަބަށް ވަނީ ސަސްޕެންޝަން އުވާލައިދީފައެވެ. ނިއުގެ އާ ބޯޑުން ދަރަނިތައް ދައްކަން ތައްޔާރުވާތީ އެފްއޭއެމުން ވަނީ އެ ކްލަބުން ދަރަނި ދެއްކުމުން، އާންމު ޖަލްސާއަކަށް ނުގޮސް، އެކްސްކޯއިން ސަސްޕެންޝަން އުވާލެވޭނެ ގޮތެއް ހޯދައިދީފައެވެ. ދިވެހި ފުޓުބޯޅައިގެ ގޯސް ހާލަށް ކޮންމެވެސް ތަސައްލީއެކެވެ. ދެވަނަ ޑިވިޝަނުން ނަމަވެސް، ގަދަ ރަތް ކުލައިގެ ވިކްޓަރީ އާއި ނުލާއި ހުދުގެ ނިއު ފެންނަން އެބަ ޖެހެއެވެ.

ވިކްޓްރީއާއި ނިއުގެ ތާރީހީ ކާމިޔާބީތައް: ވެއްޓުނު އަނދަވަޅަށްވެސް ނަޒަރެއް

އެތަކެއް ކުޅުންތެރިންނެއްގެ ހިތާއި ގުޅިފައިވާ ދެ ކްލަބެއްގެ ވާހަކައެވެ. އެ ގުޅުން ގުޅުނީ ޖޯޝަށް، ކްލަބުގެ ބެޖަށް ކުޅުނު މެޗުތަކުންނެވެ. ސަޕޯޓަރުންނަށްޓަކައި އުފުލައިލަ ދިން ޓްރޮފީތަކުންނެވެ. ތަރީންނާއި، ލެޖެންޑުން ދިވެހި ފުޓުބޯޅައަށް ގެނައި ވިކްޓްރީއާއި ނިއުގެ ކާމިޔާބީތައްވެސް ގިނައެވެ. އުފެއްދި ޖީލުތަކުގެ ރަމްޒަކީ އެ ތަށިތަކެވެ.

ވިކްޓްރީގެ ކާމިޔާބީއަށް ނަޒަރެއް ހިންގާލަމާ ހިނގާށެވެ. ދިހަ ފަހަރެއްގެ މަތިން އޭޝިއާ ލެވެލްގައިވެސް ރާއްޖެ ތަމްސީލުކޮށްފައިވާ ވިކްޓްރީ ވަނީ ޑޮމެސްޓިކް ޓްރެބަލް ދެ ފަހަރަށް ކާމިޔާބުކޮށްފައެވެ. އެއީ 2000 އަދި 2001 ވަނަ އަހަރުގައެވެ. ވިކްޓަރީ ވަނީ ރާއްޖޭގެ ޑޮމެސްޓިކް 33 ތަށި ހޯދުމުގެ އިތުރުން 1989 ވަނަ އަހަރުގެ ޕޮމިސް ކަޕުވެސް ކާމިޔާބުކޮށްފައެވެ.

ގައުމީ ލީގުވެސް 23 ފަހަރަށް ކާމިޔާބުކުރި ވިކްޓަރީއަށް ފުޓުބޯޅައިގެ ރާސްތާ ބަނަވާން ފެށީ 2013 ވަނަ އަހަރު ކްލަބަށް އައި ކުއްލި ލޮޅުމަކާ އެކުގައެވެ. އެ ސީޒަންގެ ރެލިގޭޝަން ޕްލޭ އޮފްގައި ލީގު ނިންމާލި ވިކްޓަރީ ދެވަނަ ޑިވިޝަނަށް ނުގޮސް ސަލާމަތްވީ ކިރިޔާއެވެ. އޭގެ ފަހުން ކޮންމެ ސީޒަނަކަށްވެސް ވިކްޓަރީ ތައްޔާރުވިތަން ފެނުނީ ދުރު ރާސްތާ ޕްލޭނެއް ނެތިއެވެ.

އޭގެ ފަހުން 2019/2020 ލީގު މެޗުތަކަށްވެސް ވިކްޓްރީއަށް ރަނގަޅަށް ހާޒިރު ވެވިފައެއް ނުވެއެވެ. އޭގެ އިތުރުން ކުޅުންތެރިންނާއި ކޯޗުންނަށް ދޭން ޖެހޭ މުސާރަ ނުލިބިގެން އެ ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަތައްވެސް އޮތެވެ. އެއާއެކު ކްލަބް ލައިސަންސްއާ ގުޅޭ ގޮތުން ހަމަކުރަން ޖެހޭ ލިޔެކިޔުންތައް ހަމަކޮށްފައިނުވާތީއާވެސް އެކު، ސަސްޕެންޑްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

ނިއުގެ ކާމިޔާބީތައް އަދި މާ ހިތްގައިމެވެ. އޭއެފްސީ ކަޕްގައި ރާއްޖޭގެ ފަހުރެވެ. ގިނަ ފަހަރެއްގެ މަތިން އެ މުބާރާތުގައި ރާއްޖެ ތަމްސީލުކޮށް އެ ކްލަބުން ވަނީ 2005 ވަނަ އަހަރު މުބާރާތުގެ ސެމީ ފައިނަލާއި ހަމައަށްވެސް ގޮސްފައެވެ. ރާއްޖޭގެ އެންމެ ގިނަ ތަށި ހޯދި ނިއުއަކީ، އެކަން ކުރެވުނު ހަމައެކަނި ދިވެހި ޓީމެވެ. ހަ ފަހަރަށް ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރި ނިއުއިން 2012 ވަނަ އަހަރު ލީގު ނެގީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ. 12 ފަހަރު އެފްއޭ ކަޕް، ތިން ފަހަރު ޕޮމިސް ކަޕް ކާމިޔާބުކުރި ނިއު ވަނީ 12 ފަހަރަށް ޕްރެސިޑެންޓްސް ކަޕްވެސް ނަގައިފައެވެ.

އެތައް ލައްކައެއްގެ ދަރަންޏާއެކު އެ ކްލަބު ސަސްޕެންޑް ކުރީ 2019 ވަނަ އަހަރުއެވެ.

ސަސްޕެންޝަންތަކާއެކު އެ ދެ ކްލަބު ނަން ފުޓުބޯޅައިގެ ތެރެއިން ފުހެވި ދިޔައީ ފުޓުބޯޅައިގެ އެތެރޭ ސިޔާސީ ކަންކަމާ ވިދިގެން ކަމަށް ގިނަ ބަޔަކު ތުހުމަތުތައް ކުރިއެވެ. އެފްއޭއެމްގެ އެކްސްކޯގެ ކަންކަމަށް ނިއުއާއި ވިކްޓްރީ ފާޑު ކިޔާތީ، އެ ދެ ކްލަބަށް އަދަބު ދިން ކަމަށް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ. ހާއްސަކޮށް، ދެ ކްލަބުންވެސް އެފްއޭއެމްގެ ވެރިންގެ އިތުބާރު ނެތްކަމުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށް މަސައްކަތް ކުރިކަން ފެންނަން އެބަ އޮތެވެ. އެ ވާހަކަތައް އޭރު ގަދަ ނަމަވެސް، މިހާރު ދެ ކްލަބުވެސް ތިބީ އެފްއޭއެމްއާއެކުވެސް ކުރިއަށް ދާށެވެ.

"ވިކްޓްރީ ކަހަލަ ކްލަބެއް އެނބުރި އައިމަ ފުޓުބޯޅަ އާއިލާ ވަރަށް އުފާކުރާނެ. ކްލަބުތައް ވާދަވެރި ނަމަވެސް، ވަރަށް ބޮޑަށް ސަޕޯޓަރުން ވައްދަން މިހާރު އެބަ އުނދަގޫވޭ. އެހެންވީމަ މިހާރު ވިކްޓްރީ ކަހަލަ، ވަކި ސަރަހައްދަކަށް ނިސްބަތްވާ ފޭން ބޭހެއް އޮތް ކްލަބެއް އެނބުރި އައިސްފިނަމަ ދަނޑަށް ވަންނަ ސަޕޯޓަރުން މަދުމަދުން ގިނަވާނެ ކަމަށް ބެލެވޭ. އެހެން މަޑުމަޑުން އެ ފޯރި އަނބުރާ ގެނެވޭނެ،" ވިކްޓްރީގެ ސަސްޕެންޝަން އުވާލުމާއި ގުޅޭގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ.

ދެ ކްލަބު އެނބުރި ފުޓުބޯޅައަށް އަންނާނީ ކިހާ ހިސާބަކުން ؟

ވިކްޓްރީއާއި ނިއުއިންވެސް މިދިޔަ މަހުގެ ތެރޭގައި އާ ބޯޑެއް އެކުލަވާލައިފިއެވެ. ވިކްޓްރީގެ ބޯޑުގެ ޗެއާމަނަކީ މުލިއާގޭގެ ޗީފް އޮފް ސްޓާފް ހުސެއިން އާދަމް (އާދަމްބެ) އެވެ. އާދަމްބެގެ މަސައްކަތް މިހާތަނަށް ވަރަށް ކާމިޔާބެވެ. އެ ކްލަބު އެނބުރި އަތުވެއްޖެއެވެ. އެފްއޭއެމް މެދުވެރިވެ، ކުޅުންތެރިންގެ މުސާރަތައް ދީ މިހާރު އޮތީ ސަސްޕެންޝަންވެސް އުވިފައެވެ.

ވިކްޓްރީ ޅ. ހިންވަރަށް ކޭމްޕަށް ނައްޓާލީ ދެވަނަ ޑިވިޝަނުގައި ވާދަކުރަން ވަރުގަދަ ސްކޮޑެއްވެސް ގޮވައިގެންނެވެ. ކޯޗަކީ ކުރިން ލަންކާ ގައުމީ ޓީމަށް ކޯޗުކަން ކޮށްދިން ޕަކީރު އަލީއެވެ. އެހެންވުމާއެކު ވިކްޓްރީ އެނބުރި އަތުވެއްޖެކަން ޔަގީނެވެ.

"ވިކްޓްރީގެ އެ ބްރޭންޑް އެނބުރި ރާއްޖޭގެ ފުޓުބޯޅައަށް އައުމުން، ވިކްޓްރީ އެންމެ ވަރުގަދަ ދުވަސްވަރު، ކުޅުންތެރިއަކަށް، ކޯޗަކަށްވެސް އުޅެ، އަދި މިހާރުވެސް އެ ކްލަބުގެ ކަންކަން ރަނގަޅު ކުރަން ގިނަ މަސައްކަތްތަކެއް ކުރާ މީހެއްގެ ހައިސިއްޔަތުން ވަރަށް އުފާވި. ޕަބްލިކް އިންޓަރެސްޓް ހުރި ބްރޭންޑެއް ވިކްޓަރީއަކީ. ކުރިންވެސް ފާހަގަކުރިހެން ޕަބްލިކް އިންޓަރެސްޓް ހުރި ކްލަބުތައް، ނަންތައް ފުޓުބޯޅައަށް ގެނެސްގެން ސަޕޯޓަރުންގެ ޖޯޝު އާކުރެވޭނީ،" ވިކްޓްރީގެ އެނބުރި އައުމާ ގުޅިގެން ވާހަކަ ދައްކަމުން އެ ކްލަބާއެކު އެތައް ކާމިޔާބީތަކެއް ހޯދި ލެޖެންޑް، މައުރޫފް އަހުމަދު (މާއްޓޭ) "ވަން" އަށް ބުންޏެވެ.

ވިކްޓްރީއަށް އަދާކުރަން އޮތް ދަރަނިތައް ކުޑަވުމުން އެ ކްލަބަށް ފަސޭހައިން އެނބުރި އާދެވުނު އިރު، ނިއު އޮތީ މަސައްކަތުގައެވެ. ނިއުއިން މިހާރު އަންނަނީ ކްލަބުން ފައިސާ ދޭން ޖެހޭ ވަރު ސާފުކުރަމުންނެވެ. ދޭން އޮތީ ކުޑަ އަދަދެއް ނޫނެވެ. ފީފާގެ ބޮޑެތި ޖޫރިމަނާތަކެއްވެސް އޮތް އިރު، "ވަން" އަށް އެނގިފައިވާ ގޮތުގައި އެ ކްލަބުން މިހާރު އަންނަނީ ބިދޭސީ ކުޅުންތެރިންގެ ލޯޔަރުންނާވެސް ވާހަކަ ދައްކައި، މުސާރަ ހަމަޖެއްސޭނެ ގޮތްތަކެއް ހޯދަމުންނެވެ.

ނިއުވެސް އޮތީ އެނބުރި އައުމާއި ގާތުގައެވެ. އެފްއޭއެމުން އެންމެފަހުން ބޭއްވި ކޮންގްރެސް އިން މިހާރު ނިންމާފައި އޮތް ގޮތުން، ނިއުގެ ޖޫރިމަނާތައް އަދާކުރެވޭ ހިސާބުން، އެފްއޭއެމް އެކްސްކޯއަށް އެ ކްލަބުގެ ސަސްޕެންޝަން އުވައިލެވޭނެއެވެ.

"އަލުން ކޮންމެ ޑިވިޝަނަކަށް ނިއު އައިކަމުގައި ވިޔަސް، އަޒުމަކީ ޗެމްޕިއަނަކަށް ވުން،" ނިއުއަށް އަލަށް އިންތިހާބުވި ރައީސް އަހުމަދު ވާސިފް ވަނީ ކްލަބާ ހަވާލުވެ އެ އުންމީދު ފުރަތަމަވެސް ދީފައެވެ. ސަޕޯޓަރުންގެ ހިތްވަރަށް ދެ ކްލަބުވެސް ތައްޔާރު ވެއްޖެއެވެ.

ސަޕޯޓަރުންގެ ބޮޑު ދެ ކްލަބު، ފުޓުބޯޅައަށް ހެޔޮ އަސަރާއި ޥާދަވެރިކަން

"ވިކްޓްރީ އެނބުރި އައުން އެއީ ދިވެހި ފުޓުބޯޅައަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. ދެން އޮތީ ނިއު ރޭޑިއަންޓް. ނިއު ރޭޑިއަންޓަކީ ހަގީގަތުގައިވެސް ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބު. އެ ދެ ކްލަބުވެސް އެނބުރި ފުޓުބޯޅައަށް އައުން އެއީ، މިހާރު ފުޓުބޯޅަ އޮތް ހީނަރުކަމުން އަރައިގަންނަން ލިބުނު ހިތްވަރެއް،" ދިގު ކެރިއަރުގައި ހަތް އަހަރު ނިއުގެ ޖާޒީގައި، އަދި ނުވަ އަހަރު ވިކްޓްރީ ޖާޒީގައި ކުޅުނު ލެޖެންޑަރީ ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ)، އެ ދެ ކްލަބުގެ އެނބުރި އައުމާ ގުޅިގެން "ވަން"އަށް ބުންޏެވެ.

ޔަގީނުންވެސް ދަނޑަށް ނުވަންނަން ގަދަފައި ވިއްދާފައި ތިބި "ފޭން ބޭސް" އެއް ހޭލައިފިއެވެ. އެއީ މަޑުމަޑުން ގޮސް ގައުމީ ދަނޑުގެ ފޯރި ގަދަކުރެވޭނެ ވިސްނުމެއް ކަމަށް އެންމެންވެސް ގަބޫލުކުރެއެވެ. ހާއްސަކޮށް ލީގުގެ ވާދަވެރިކަން ބޮޑުކޮށް، ފެންވަރު ރަނގަޅު ކުޅުމަކަށް، ނިއުއާއި ވިކްޓްރީ ފުރަތަމަ ޑިވިޝަނަށް ނުކުތުން އެއީ އެންމެ މުހިއްމު އެއް ބާބެވެ.

"ދެ ކްލަބަކީ އަދިވެސް ރާއްޖޭގައި، މުޅި ރާއްޖެއަށް ބަލާއިރު ފުޓުބޯޅައިގެ ދެ ތަނބު. ކްލަބަށް ދިމާވި ހާލަތްތަކެއްގެ ސަބަބުން އެންމެ މަތީ ފަންތިން ގެއްލިފައި އޮވެފައި، އަލުން އަނބުރާ އައުމަކީ ވަރަށް ގިނަ ސަޕޯޓަރުންތަކެއް އެކަން ބަލައިގަންނާނެ ކަމެއް. ފުޓުބޯޅައަށް ކުރިން އޮތް ފޯރި ގެންނަން ފެށޭނެ މުހިއްމު މަސައްކަތެއް އެއީ. ފުޓުބޯޅައިގެ ތެރެއިން އެ ދެކްލަބުވެސް ފެންނަން ގިނަ ރައްޔިތުންތަކެއް ބޭނުންވާނެ. ރައީސްއާ ހަމައިންވެސް އެކަން ދެނެވަޑައިގެން އަލުން އަނބުރާ އެ ދެ ކްލަބު ގެންނަން ކުރި މަސައްކަތް ފާހަގަވި،" މާއްޓޭ އިތުރަށް ބުންޏެވެ.

މާއްޓޭގެ ދަށުން އައި ލެޖެންޑަރީ ގޯލްކީޕަރު އިންމަގެ ނަޒަރުވެސް ހުރީ ހަމަ އެ ވިސްނުމަށެވެ. އެ ވިސްނުމަކީ ފުޓުބޯޅައިގެ ވިސްނުމެކެވެ.

"ވިކްޓްރީއާއި ނިއު އަދި ވެލެންސިއާއަކީވެސް ކާމިޔާބީއަށް ބެލިޔަސް ތާރީހެއް އޮތް ކްލަބުތައް. އެ ކްލަބުތައް ނެތިގެން ދިޔަ ދިޔުން އެއީ ހިތާމަކުރި ކަމެއް. ވަރަށް އުފާވާ ކަމެއް އެފަދަ ކްލަބުތައް އަނބުރާ އައުން. އެ ކްލަބުތަކަކީ އަޅުގަނޑުގެ ކެރިއަރުގައިވެސް މުހިއްމު ކްލަބުތަކެއް،" އިންމަ ބުންޏެވެ.

ރާއްޖޭގެ ތާރީހަށް މުހިއްމު ދެ ކްލަބެއް އެނބުރި ފުޓުބޯޅައަށް އަންނަން ތައްޔާރުވުމީ ހިތްހަމަ ޖެހުމެކެވެ. އެ ދެ ކްލަބު ފުރަތަމަ ފަންތިއަށް ނުކުމެ، ވާދަވެރިވެގެން ނޫނީ ދިވެހި ކްލަބުތަކަށް ސަރަހައްދީ ފެންވަރުގައިވެސް އެންމެ އެކަށޭނެ ކާމިޔާބީ ހޯދެން އޮތީ އުނދަގޫ މަގެކެވެ. އެއީ ލީގު ވާދަވެރިވެ، ސަޕޯޓަރުންނަށް ޝައުގުވެރިވުމަކީ، ލީގެއްގެ އަސާސްތައް ކަމަށްވާތީއެވެ.

ސިޔާސީ ބެކިންއެއްތަ؟ އެ ކަންކަމުން މިންޖުވާން ޖެހޭ!

ހަގީގަތަށް ބުނަމާ ހިނގާށެވެ. ދިވެހި ފުޓުބޯޅަ ކްލަބުތަކުގެ ތެރޭގައި، ކްލަބުގެ ޒާތުގައި ހިނގާ އޮތީ އެކެއް ނޫނީ ދެ ކްލަބެކެވެ. ދެން އޮތީ ވަގުތީ ކޮޅުކޮޅުން، ވަގުތީ ޗެއާމަނެއްގެ ޖީބުން ހިނގާ ކްލަބުތަކެވެ. އެހެންކަމުން އެކަމަށް ވިކްޓްރީ އާއި ނިއުވެސް ވިސްނުން ހިންގަން ޖެހޭނެކަން ސާފެވެ. މިވަގުތު ސީދާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ބެއްލެވުމުގެ ދަށުން ކްލަބު އަނބުރާ ގެނައި ގެނައުން އެއީ "ވަގުތީ ހިނިތުންވުމަކަށް" ވާން ދޫކޮށްލެވިގެން ނުވާނެއެވެ.

ސިޔާސީ ވިސްނުމެއްގައި ބޯޑު ނެތް ނަމަވެސް، އަމިއްލަ ހާލަށް ކްލަބު ތެދުވުން އެއީ އަދި މާ މުހިއްމު އަސާސެކެވެ.

"ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި ދިވެހި ސަރުކާރުން ތިއްބެވީ ނިއު ރޭޑިއަންޓް ސަޕޯޓަރުންގެ ފަހަތުގައި. ރައީސުލްޖުމްހޫރިއްޔާގެ މޭސްތިރިކަމުގެ ދަށުން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރުގެ ބެއްލެވުމުގެ ދަށުން މިއަދު މި ވަނީ ނިއު ރޭޑިއަންޓް އަލުން އަނބުރާ ވުޖޫދަށް ގެނައުމުގެ މަސައްކަތް ފައްޓަވާފައި،" ނިއު އާ ބޯޑަށް އައިސް ވާސިފް ވިދާޅުވީ މިހެންނެވެ.

ވިކްޓްރީގެ ބޯޑުގައި އާދަމްބެގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ހިމެނިވަޑައިގަންނަވަ އެވެ. ގިނަ ބަޔަކު ތުހުމަތު ކުރަމުން އަންނަ އެއް ކަމަކީ، ވިކްޓަރީގެ އާ ބޯޑުގެ ފަހަތުގައި އޮތީ ސަރުކާރުގެ ބައިވެރިވުން ކަމަށާއި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ފަހު ވިކްޓަރީގެ މިހާރުގެ ހިންގާ ބޯޑު ބައިބައިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން އާދަމްބެ ވިދާޅުވީ ވިކްޓަރީގައި "ހަމައެކަނި އޮތީ ކުޅިވަރު ކްލަބެއްގައި އޮންނަން ޖެހޭ ކަންކަން" ކަމަށެވެ.

"ތި ކަހަލަ ސުވާލެއް މީހަކަށް ނޫނީ ކުރީގެ ކުޅުންތެރިއަކަށް ކުރިމަތިވެދާނެ. އަޅުގަނޑުމެން ކުރިމަތިލީ ވިކްޓަރީ ބޯޑުގެ އިންތިހާބަށް، އެ އިންތިހާބު ނޫނިއްޔާ އިންތިހާބެއްގެ ވާހަކަ ނުދައްކަން، މިއީ ކުޅިވަރު ކްލަބެއް، އެހެންވީމަ ބޯޑުގެ އިންތިހާބު ކާމިޔާބު ކުރެވިއްޖެ، އެއަށް ފަހު ބޯޑުގެ މަސައްކަތްތައް މި ދަނީ، ކުޅިވަރުގެ ކޮންމެ މަރުހަލާއެއްގައި އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރު މި ހުންނަނީ،" އާދަމްބެ ވިދާޅުވިއެވެ.

ސިޔާސީ ހީތައް ހުރި ކަންތައްތަކެއް ދެ ކްލަބުގެ އެނބުރި އައުމުންވެސް ފާހަގަވެއްޖެއެވެ. ހެޔޮ ނިޔަތެއްގައި، މޯޓިވެއްގައި އޮންނަން ޖެހޭނެ ވިސްނުމަކީ ކްލަބު ސިޔާސީ ނުކުރުމެވެ. އެކަން ސާފެވެ. ސަރުކާރުގެ އަޅައިލުން ގޯހީކީ ނޫނެވެ. އެހެންނަމަވެސް ކްލަބު ސަރުކާރަށްވެސް ބަރޯސާ ވެގެން ނުވާނެއެވެ.

"ކްލަބުތައް އެނބުރި އައުމުގެ މަގުސަދާއި މޯޓިވް ސަސްޓެއިނެބިލިޓީއަށް ވަރަށް މުހިއްމު. ކްލަބު ހިންގަންވީ ވަކި މީހެއް، ވަކި ގޮތަކަށް ސަރުކާރަކުންވެސް ނޫން. ޕަބްލިކް އިންޓަރެސްޓް ހުރި ކްލަބުތަކަށް މަގެއް ހޯދަން މަސައްކަތް ކުރަންވީ. އަމިއްލައަށް ހިންގާ ސަސްޓެއިން ކުރެވޭނެ މަގެއް ބޭނުންވޭ،" ކުޅިވަރުގެ މަތީ ފަންތީގައި ހަރަކާތްތެރިވާ ވިކްޓްރީ ލެޖެންޑް މާއްޓޭ ބުންޏެވެ.

ސަރުކާރުގެ ފަރާތުން ކްލަބުތަކަށް ލިބުނު އެހީއާއި ހިތްވަރު ބައްސާމްވެސް ފާހަގަކުރެއްވި އިރު، ބައްސާމް ވިދާޅުވީ "ކްލަބުތަކަށް ސަރުކާރުން އަޅައިލި އަޅައިލުން މުހިއްމު ކަމަށާއި، ފައިސާތަކެއް ދިނުމުގެ ބަދަލުގައި މަގުތައް ހޯދައިދިނުން ވަރަށް ރަނގަޅު،" ކަމަށެވެ. އެއީ އެކަން ހިނގުން އެންމެ ރަނގަޅު ގޮތެވެ. އަދި އެންމެ ފުރިހަމައަށް ކްލަބު ސަސްޓެއިން ކުރަން އަމިއްލަ ބާރުގައި ހިނގަންވެސް ޖެހެއެވެ.

ކްލަބުތައް ވަކި ފަރާތަކަށް ބުރަވެ ކަންކަން ކުރާ ކުރުމުން ދުރުވެ، އަމިއްލަ ފައިމައްޗަށް ތެދުވެ ހިންގަން ޖެހޭ. ވަކި ފަރުދަކާއެކު، ވަކި ޗެއާމަނަކާއެކު ކްލަބު ހިންގާލައިފި، އެހެން ދައުރެއް އައިމަ ކްލަބު އަނެއްކާވެސް ދަތިކަމަކަށް ދާ ދިޔުން ހުއްޓުވަން. ކްލަބަށް ގެއްލުންވާ އިރު އެތައް ކުޅުންތެރިންނަކަށް މުސާރަ ނުދެވި އެ ކުރިމަތިވާ ހާލަތުން އަރައިގަންނަން ކްލަބުތައް އެ ކްލަބެއްގެ ޒާތުގައި ހިނގަން ޖެހޭ. އެކަމަށް، ބޮޑެތި ކްލަބުތަކުން މަސައްކަތް ކުރަން ޖެހޭ،" ގައުމީ ޓީމަށް 100 އަށްވުރެ ގިނަ މެޗު ކުޅެފައިވާ އިންމަ ފާހަގަކުރިއެވެ.

ކޮންމެއަކަސް ވިކްޓްރީއާއި ނިއުގެ އެނބުރި އައުމަށް އިންތިޒާރެއް އެބައޮތެވެ. ދެ ކްލަބުން ފުޓުބޯޅައަށް ގެނުވާނެ ހިތްވަރާއި އާރޯކަމަށް ނަޒަރު ހިންގާލެވުނު އިރު އޮތީ ފޮނި އުންމީދެކެވެ. އަދި ކުރަން އޮތް މަސައްކަތް ބޮޑު ނަމަވެސް ސަރުކާރާއި އެފްއޭއެމް އަދި އެހެނިހެން ފަރާތްތަކަކުން ނިއުއާއި ވިކްޓްރީ ގެންނަން އޮތްކަން ސާފެވެ. އެންމެ ބޮޑު މަސައްކަތަކަށް އޮތީ ކްލަބުގެ ޒާތުގައި ހިނގާނެހެން ދެމެހެއްޓުމެވެ. ނޫންނަމަ އަނެއްކާވެސް އޮޔާ ދިޔުން އޮތީ ދުރަކު ނޫނެވެ. އެ ކަމަށް ސަމާލުވުން ލާޒިމެވެ.