ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ފައިނަލު މެޗުގައި ސީދާ ތިން ސެޓުން ޕޮލިސް ކްލަބް ބަލިކޮށް، ކްލަބް ވެމްކޯއިން މުބާރާތުގެ ތަށި ދިފާއުކޮށްފިއެވެ.
އެންމެ ފަހުން 2019 ވަނަ އަހަރު ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ތަށިވެސް ވެމްކޯއިން ހޯދީ ފައިނަލުގައި ޕޮލިސް ބަލިކޮށްގެންނެވެ. އެފަހަރު ތިން ސެޓު އެއް ސެޓުން ޕޮލިސް ތަށި ގެންދިޔަ އިރު، މިފަހަރު ގެންދިޔައީ ސީދާ ތިން ސެޓުންނެވެ.
ރޭގެ ފައިނަލަށް ނުކުތް އިރު، ބޮޑަށް ބެލެވުނީ ކައިކައިރި ކައިރީ ސެޓުތައް ގޮސް، މެޗު ވާދަވެރި ވާނެ ކަމަށެވެ. އެއީ މިއަހަރު މުބާރާތުގައި ދެޓީމުން ކުޅުނު ފުރަތަމަ ސެމީ ފަސް ސެޓަށް ގޮސް ފޯރިގަދަކޮށް ފެނިފައި އޮތުމުންނެވެ. އެ މެޗު ވެމްކޯ ކާމިޔާބުކުރީ 3-2 ސެޓުންނެވެ.
އެ މެޗުގައި ޕޮލިހުގެ ފަރާތުން ފެނުނު ވާދަވެރިކަން ރޭ ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުޅުނު ފައިނަލުގައި ފެނިފައެއް ނުވެއެވެ. މެޗުގެ ސެޓުތައް ވެމްކޯއިން ގެންދިޔައީ 25-20، 25-16 އަދި 25-12 އިންނެވެ.
ވެމްކޯއިން މުޅި މެޗުގައިވެސް ތަފާތު ކުޅުމެއް ދެއްކި އިރު، ސެޓަރު ޖޫޒާން ޒަރީރާއި ބިދޭސީ ކުޅުންތެރިޔާ ޕަޗަރަޕޯން ސިތިސާދު، އައިޝަތު މާޖިދާ އަދި އައިމިނަތު އަރީޝާގެ ކުޅުން ފާހަގަކޮށްލެވުނެވެ.
ރޭގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން، ފަޒްނާ އަހުމަދެވެ. ފައިނަލަށް ފަހު މަގާމުތަކަށް ހޮވުނު ފަރާތްތަކަށް ތަށި ހަވާލުކޮށް، މަގާމުތަކަށް ހޮވުނު ފަރާތްތަކަށް ޓްރޮފީވެސް ދީފައިވެއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެމްކޯގެ ޕަޗަރަޕޯން ހޮވުނު އިރު، މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމު ލިބުނީ ވެމްކޯގެ ކޯޗު، ކުރީގެ ލެޖެންޑަރީ ކުޅުންތެރިޔާ އައިޝަތު ނާޒިމާ އަށެވެ.
އަންހެން ޑިވިޝަންގެ ޑްރީމް ޓީމުގައި ހިމެނެނީ، ޕޮލިހުގެ ހައްވާ ރާޝިދާ (ހައްވަ)، އައިޝަތު ޝަހާ ޝާމިން، މަރިޔަމް އަޒުމާގެ އިތުރުން ވެމްކޯގެ އަރީޝާއާއި ހައްވާ ނާޒިމާ، ސިލްމާ ޒާހިރު އަދި ޖޫޒާނެވެ. އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ ނަރީމާ އިދުރީސް (ނަންނި) އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ މާޖިދާއެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ ވެމްކޯގެ ޕަޗަރަޕޯނެވެ.