ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން ތުއްތު ކުއްޖަކު ނިޔާވި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ނިޔާވި ތުއްތު ކުއްޖާގެ އާއިލާގެ ފަރާތުން ވާހަކަދެއްކި މީހަކު "ވަން' އަށް މިއަދު ބުނީ ކުއްޖާގެ މަންމަގެ ބަނޑަށް ހަތް މަސް ކަމަށެވެ. ނަމަވެސް ގަދަޔަށް ބަނޑަށް ތަދުވާތީ ފުވައްމުލަކު ހޮސްޕިޓަލަށް ދިޔަ ކަމަށެވެ.
ފުވައްމުލަކު ހޮސްޕިޓަލަށް ކުއްޖާގެ މަންމަ ދިއުމުން އެތަނުގައި މަސައްކަތްކުރާ އަންހެނުންގެ ހާއްސަ ޑޮކްޓަރު ކުއްޖާގެ މަންމަ ބެލުމަށްފަހު އިތުރު އެއްވެސް ސްކޭނެއް ނުހަދާ ވިހަން ތައްޔާރުވެފައި އިން ކަމަށް ބުނި ކަމަށެވެ.
"އެއީ މިމަހުގެ ފަސް ވަނަ ދުވަސް. ކުޑަކޮށް މަތިމަތިން ބަލާފައި މިބުނީ ތިއީ ވިހާ ތަދޭ އަރާފަ ތީނީ. ވިހަން ތައްޔާރުވެފައި ދޮރު ހުޅުވިފައޭ ތިހުރީ. ކިޔާފަ ޑޮކްޓަރު އަތް ކޮށްޕާލީ. އެހެން ގޮސް ތިން ފަހަރަށް އަތް ކޮށްޕާލީމަ ފެންދުލި ފަޅައިގެން ދިޔައީ. ދެން އެމީހުންނަށް ކުރެވޭނެ ކަމެއް ނެތީމަ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ފޮނުވާލީ،" އޭނާ ބުންޏެވެ.
އޭނާ ބުނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ދިއުމުން އެ ތަނުން ސްކޭން ކުރުމަށްފަހު އަދި ވިހާ ދުވަސް ނުޖެހޭ ކަމަށާއި ދޮރު ހުޅުވިފައި ހުރީ އެންމެ ދެ ސެންޓި މީޓަރަށް ކަމަށް ބުނި ކަމަށެވެ. ނަމަވެސް ފެން މަދުވެ ކުއްޖާގެ ހާލު ދެރަވެދާނެ ކަމަށް ބުނި ކަމަށް ބުންޏެވެ. އޭރު ކުއްޖާގެ ބަރުދަނުގައި ހުރީ 500 ގުރާމެވެ.
އާއިލާގެ ފަރާތުން ވާހަކަދެއްކި މީހާ ބުނި ގޮތުގައި، ހާލަތު ރަނގަޅުވޭތޯ ދެތިން ދުވަހަކަށް ބެލިއެވެ. ނަމަވެސް މަންމައާއި ކުއްޖާގެ ހާލަތު ދަށަށްދާތީ ރޭގެ ވަގުތެއްގައި ބޭސް ދީގެން ވިއްސީ ކަމަށާއި ނަމަވެސް ވިހެއި ފަހުން ކުއްޖާ ނިޔާވީ ކަމަށް އޭނާ ބުންޏެވެ.
ކުއްޖާގެ މަންމަ ފޭސްބުކުގައި ބުނެފައިވަނީ ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން އޭނާއަށް ލިބުނީ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ކަމަށެވެ. އަދި އެ ހޮސްޕިޓަލުގެ ކިތަންމެ ބޮޑު އިހުމާލެއް އޮތް ނަމަވެސް ހޮސްޕިޓަލުން އެކަމަށް ޒިންމާވެސް ނުނަގާނެ ކަމަށާއި އަދި އެ މީހުންގެ އިހުމާލު އޮތް ކަމަކަށް އެއްބަސްވެސް ނުވާނެ ކަމަށް ބުނެފައިވެއެވެ.
"ތަންދޮރު ނުދަންނަ ޑޮކްޓަރުން މި ތިބެނީ ލާފަ. އެމީހުންގެ އިހުމާލުން ކިތަންމެ ކަމެއް ވިޔަސް އެޅޭ ފިޔަވަޅެއް ނެތް. ކާކުތޯ އަޅުގަނޑަށް މި ލިބުނު ގެއްލުމުގެ ޒިންމާ ނަގާނީ؟ ޒިންމާ ނުނަގާ ތަނުގައި އެއްބަހެއްވެސް ނުވާނެ އެމީހުންގެ އިހުމާލު އޮތް ކަމަކަށް." އޭނާ ބުންޏެވެ.
ނިޔާވި ތުއްތު ކުއްޖާއަކީ ދެމަފިރިންގެ އަލަތު ދަަރިފުޅެވެ.
މިކަމާ ގުޅިގެން ފުވައްމުލަކު ހޮސްޕިޓަލްގެ ބަހެއް ހޯދުމަށް އެ ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ލިރާރަށް "ވަން" އިން މިއަދު ގުޅާލުމުން ފޯނަށް ޖަވާބު ދީފައިނުވާތީއާއި މެސެޖުކުރުމުންވެސް ޖަވާބު ދީފައެއް ނުވެއެވެ. އެހެންކަމުން އެކަމާ ގުޅޭ ގޮތުން އެ ހޮސްޕިޓަލުގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ އެފަދަ މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައިނުވާ ކަމަށެވެ.
ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން މީގެ ކުރިން އުމުރުން ފަސް އަހަރުގެ ކުޑަކުއްޖަކުވެސް ވަނީ ނިޔާވެފައެވެ. އެ މައްސަލަ ތަހުގީގުކޮށް ނިންމައި ހެލްތު މިނިސްޓްރީންނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ނިންމާފައިވަނީ އެ ކުއްޖާ މަރުވުމުގައި ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ މަދަނީ ބަދަލު ހޯދަން އާއިލާއަށް ދައުވާ ކުރެވޭނެ ކަމަށްވެސް ނިންމާފައިވެއެވެ.