ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް އެޅުމަށް ބޭނުންވާ ފައިސާ ހޯދީ މި ސަރުކާރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރަައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއަކީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް އިރުވެސް ފަށާފައިވާ މަޝްރޫއެއް ކަމަށާއި އެ މަޝްރޫއުގައި ވީއައިއޭގައި އިތުރު ރަންވޭއެއް އެޅުމާއި ވީއައިއޭގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތުގެ އިތުރުން ސީޕްލޭން ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
ރައީސް ވިދާޅުވީ، ވީއައިއޭގެ ޓާމިނަލް ތަރައްގީކުރާނެ ގޮތުގެ ކުރެހުމެއް ކުރީ ސަރުކާރުން ކުރަހާފައިވާ ކަމަށާއި ނަމަވެސް އެއީ ރާއްޖެއާ ގުޅޭ ރާއްޖެ ސިފަވާ ކުރެހުމެއް ނޫން ކަމަށެވެ. އެހެންވެ އެ ކުރެހުން ބަދަލުކޮށް ރާއްޖެ ސިފަވާ ގޮތަށް އާ ކުރެހުމެއް ތައްޔާރުކޮށްފައިވާ ކަމަށެވެ. ކުރީ ސަރުކާރުން ވީއައިއޭގެ ޓާމިނަލް ތަރައްގީކުރުމަށް 357 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށާއި، ނަމަވެސް އެއީ އެ މަސައްކަތަށް އެކަށީގެންވާ އަދަދެއް ކަމަށްނުވާތީ މި ސަރުކާރުން އިތުރަށް ފައިސާ ހޯދައިފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ޓާމިނަލްގައި އޮތް ޑްރާފްޓެއް ކުރެހުމަކާ އެއްޗެހި، އެހެންނަމަވެސް އެއީކީ އެންމެ ރަނގަޅު ރާއްޖެއަށް ފެތޭގޮތަށް ރާއްޖެ ސިފަވާ ގޮތަށް އޮތް ކުރެހުމަކަށް ނުވާތީ އެ ކުރެހުން އަޅުގަނޑުމެން ފުރަތަމަ ބަދަލުކުރީ. މިހާރު ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ އެކުރެހުމަށް ގެނައި ބަދަލުތައް މިހާރު އާންމުވެފަވާނެ. އެގްރީމެންޓެއް އޮތް ސޮއިކުރެވިފަ 357 މިލިއަން ޑޮލަރުގެ އޭރުގަ. އެކަމަކު އެ އަދަދަކީ ޓާމިނަލް އަޅަން ބޭނުންވާ އަދަދަށްވުރެ މަދު އަދަދަކަށްވާތީ އަލުން ވާހަކަދައްކައިގެން ސައުދީ ފަންޑުން އިތުރު 104 މިލިއަން ޑޮލަރުގެ ފެސިލިޓީއެއްގައި އަޅުގަނޑުމެން ސޮއިކުރީ،" ރައީސް ވިދާޅުވިއެވެ.
ވީއައިއޭގެ އާ ޓާމިނަލް އެޅުމުގެ މަސައްކަތް ހަވާލުކުރި ބިންލާދިން ގްރޫޕުން އެ މަސައްކަތް ސަބް ކޮންޓްރެކްޓަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏަކަށް ކަމަށާއި، ޗައިނާގެ ކުންފުންޏާއި ބިންލާދިން ކުންފުންޏާ ދެމެދު ހިޔާލު ތަފާތުވެ ވީއައިއޭގެ މަސައްކަތް ހުއްޓިފައިވަނިކޮށް މި ސަރުކާރުން އެ މައްސަލަ ހައްލުކޮށް، ވީއައިއޭގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ މައްސަލަ ހައްލު ކުރެވުމުން ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއަށް ފައިސާ ލިބުމުގައި ދަތިތަކެެއް ކުރިމަތިނުވާ ކަމަށެވެ. އަދި ކުރީ ސަރުކާރުން ތާވަލުކޮށްފައިވާ ގޮތަށް އަންނަ އަހަރުގެ ފަހުކޮޅަށް ޓާމިނަލުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
"އަންނަ އަހަރުގެ ފަހުކޮޅަށް ނިމޭނެކަމަށް މި ބެލެވެނީ. ޓާމިނަލް ރަންވޭ މިހާރު އެއޮތީ ބޭނުން ކުރެވޭ ހިސާބުގައި. ސީޕްލޭން ޓާމިނަލް އިރާދަކުރެއްވިއްޔާ ޖުލައި މަހު ހުޅުވޭނެ. ހުޅުވުނީމާ ބަދަލުތަކެއް އެއާޕޯޓަށް އަންނާނެ، ހިދުމަތްތަކަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ. އިތުރު ޓޫރިސްޓުންނަށް ރާއްޖެ އައުމަށް ޖާގަ ލިބިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
ވީއައިއޭ ހިންގުން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކުރުން ދިފާއުކުރައްވައި ރައީސް ވިދާޅުވީ، އެ އެއްބަސްބުން އުވާނުލިނަމަ 2015 ވަނަ އަހަރު ހަތް މިލިއަން ޓޫރިސްޓުންނަށް ހިދުމަތް ދެވޭ ވަރުގެ އެއާޕޯޓަކަށް ވީއައިއޭ ބަދަލުވާނެ ކަމަށެވެ. އަދި އެ އެއްބަސްވުން އުވާލުމުގެ ސަބަބުން، ރާއްޖޭގެ އިގުތިސޯދަށް ވަރަށް ބޮޑު ގެއްލުމެއް ވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ރާއްޖެއަށް ތިން މިލިއަން ޓޫރިސްޓުން އަހަރަކު އަންނާނެ، މާނައަކީ ދައުލަތަށް ލިބޭ އާމްދަނީ 35 ބިލިއަނަށް ގާތްވެގެން ދިޔައީސް. މިއީ ރާއްޖޭގެ އިގުތިސޯދަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް،" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު