ޔޫއެފާ ނޭޝަންސް ލީގުގެ އޭ ޑިވިޝަންގެ ގްރޫޕް ތިނެއްގައި ރޭ އިންގްލެންޑާއި ޖަރުމަނު ކުޅުނު މެޗު 1-1 އިން އެއްވަރު ވެގެން ނިމިއްޖެއެވެ.

ޔޫރަޕްގެ ގަދަ ދެބާރު ކަމަށްވާ އިންގްލެންޑާއި ޖަރުމަނު ރޭ ވާދަކުރީ މިއުނިކްގައެވެ. މެޗަށް ނުކުތް އިރު ޖަރުމަނުން މިއަހަރުގެ ނޭޝަންސް ލީގުގައި ފުރަތަމަ ކުޅުނު މެޗުގައި އޮތީ އިޓަލީއާ އެއްވަރު ކޮށްފައެވެ. އިންގްލެންޑުން މިރޭގެ މެޗަށް ނުކުތީ ހަންގޭރީ އަތުންވި ބަލި، ހަނދާން ނައްތާލުމަށެވެ.

ޑިވިޝަން އޭގެ ގްރޫޕް ތިނެއްގައި ރޭ އިންގްލެންޑާއި ޖަރުމަނަށް ޕޮއިންޓެއް ލިބުނު އިރު، އިޓަލީން ވަނީ ހޯމްގައި ހަންގޭރީ ކައިރީ 2-1 އިން މޮޅުވެފައެވެ. ކޮންމެ ޓީމަކުން މިހާރު ވަނީ ގްރޫޕް ސްޓޭޖުގައި ދެމެޗު ކުޅެފައެވެ. މިވަގުތު އިޓަލީ އެ ގްރޫޕުގެ އެއްވަނައިގައި އޮތީ ދެމެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ހަންގޭރީން ތިން ޕޮއިންޓާއެކު ގްރޫޕުގެ ދެވަނައިގައި އޮތް އިރު، ޖަރުމަނު އޮތީ ތިންވަނައިގައެވެ. ގްރޫޕުގެ ފުލުގައި އޮތީ އިންގްލެންޑެވެ.

ޖަރުމަނާއި އިންގްލެންޑް ވާދަކުރި މެޗު ފެށިގެން ފުރަތަމަ ކޮޅުގައިވެސް ނުރައްކާކުރީ ޖަރުމަނުންނެވެ. ޖޯނަސް ހޮފްމަންގެ ހުރަހަކުން މެޗުގެ ކުރީކޮޅުގައި ޖަމާލް މުސިއެލާ ޖެހި ބޯޅައެއް އިންގްލެންޑް ގޯލްކީޕަރު ޖޯޑަން ޕިކްފޯޑު މަތަކުރި އިރު، އޭނާގެ އިތުރު ހަމަލާއެއްވެސް ފުރަތަމަ ހާފުގައި ޕިކްފޯޑު މަތަކުރިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑަށް އެންމެ ރަނގަޅު ހަމަލާއެއް އުފެއްދުނީ ހާފު ނިމެން ދަނިކޮށެވެ. އެ ހަމަލާއަކީ އަރިމަތިން ބުކަޔޯ ސަކާ ވަދެ ޖެހި ކާވް ބޯޅަ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

ދެވަނަ ހާފު ފެށިގެން 50 ވަނަ މިނެޓުގައި ޖަރުމަނުން ލީޑު ނެގިއެވެ. މެދުތެރެއިން ޖޯޝުއާ ކިމިކް ދިން ހިތްގައިމު ޕާހެއް އޭރިއާ ތެރެއިން ކޮންޓްރޯލްކޮށް، ޕިކްފޯޑުގެ ގޯލު ފޫއަޅުވާލީ ހޮފްމަންއެވެ. އެ ގޯލަށްފަހު ޖަރުމަނުން ކޮންޓްރޯލުގައި ކުޅެން މަސައްކަތް ކުރި ނަމަވެސް އިންގްލެންޑުގެ ހަމަލާތައް ގިނަކުރިއެވެ.

ޖޫޑް ބެލިންހަމްގެ ހަމަލާއެއްގެ އިތުރުން ހެރީ ކޭން މުޅިން ހުސްކޮށް އޮވެ ފޮނުވާލި ނުރައްކާތެރި ހަމާލާވެސް މަތަކުރީ ޖަރުމަނުގެ ގޯލްކީޕަރު މެނުއަލް ނޯޔާއެވެ. ބަދަލުތަކާއެކު ޖަރުމަނާއި އިންގްލެންޑުގެ ކުޅުންވެސް ފަހުން ފެނުނީ އަވަސްކޮށެވެ. ދެކޮޅުންވެސް ގޯލްކީޕަރުންގެ ހުނަރުވެރިކަން ފެނުނު އިރު، މެޗު އެއްވަރުވީ 88 ވަނަ މިނެޓުގައި އިންގްލެންޑަށް ޕެނަލްޓީ ލިބުމުންނެވެ.

ކޭންއަށް ޝްލޮޓާބެކް ކުރި ފައުލަކަށް ރެފްރީ ޕެނަލްޓީ ދިނީ ވީއޭއާރް އެހީގައެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް ކޭން ވަނީ އިންގްލެންޑަށް 50 ގޯލު ހަމަކޮށްފައެވެ. މިރޭގެ ގޯލާއެކު ކޭން ވަނީ އިންގްލެންޑަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓްގައި ސާ ބޮބީ ޗާލްޓަންވެސް ފަހަތަށް ޖައްސާލައިފައެވެ. ކޭންއަކީ އިންގްލެންޑް ތާރީހުގައި އެގައުމުގެ ގައުމީ ޓީމަށް ދެވަނައަކަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. އެއްވަނައިގައި އޮތް ވޭން ރޫނީ 120 މެޗުން 53 ގޯލު ހަމަކޮށްފައިވާ އިރު، ކޭން 50 ހަމަކުރީ އެންމެ 70 މެޗުންނެވެ.