ޚަބަރު

ލޯނު ނަގާއިރު މަޖިލީހުގެ ހުއްދަ ހޯދަންޖެހޭ ގޮތް ހެދުމަށް ހުށަހަޅައިފި

މުހައްމަދު އިޝާން

ލޯން ނަގާއިރު ރައްޔިތުންގެ މަޖިލީހުގެ ހުއްދަ ހޯދަންޖެހޭ ގޮތް ހެދުމަށް މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ހުށަހަޅުއްވައިފިއެވެ.

މަޖިލީހުގެ މިއަދު ޖަލްސާގައި މާލިއްޔަތު ގާނޫނަށް ތޯރިގު ހުށަހެޅުއްވި އިސްލާހުގައި ވިދާޅުވެފައިވަނީ، ދައުލަތުގެ ނަމުގައި ދިވެހި ސަރުކާރުން އެއްވެސް ފައިސާއެއް ނަގަންވާނީ ނުވަތަ ގެރެންޓީ ދޭންވާނީ ފިނޭންސް މިނިސްޓަރު އެކަމަށް އެދިވަޑައިގެން ރައީސުލްޖުމުހޫރިއްޔާއަށް ހުށަހަޅުއްވައި، އެކަން އެގޮތަށް ކުރެއްވުމަށް ރައީސުލްޖުމުހޫރިއްޔާ ނިންމަވައި ރައްޔިތުންގެ މަޖިލީހަށް އެކަމެއް ހުށަހެޅުއްވުމުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެން ކަމަށެވެ.

އެ އިސްލަހާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މާލިއްޔަތު ގާނޫނަށް ތޯރިގު ހުށަހެޅުއްވި އެ އިސްލާހަކީ އެމަނިކުފާނުގެ ހަޔާތްޕުޅާ ވަރަށް ގުޅޭ އިސްލާހެއް ކަމަށެވެ. އަދި އެ އިސްލާހަކީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ދުވަސްވަރު، 2010 ވަނަ އަހަރު މާލިއްޔަތު ގާނޫނަށް ގެނައި އިސްލާހުގައި އޮތް ގޮތަށް އޮތް އިސްލާހެއް ކަމަށެވެ.

މާލިއްޔަތު ގާނޫނުގައި ބަޔާންކޮށްފައިވަނީ، ދައުލަތުގެ ނަމުގައި ދަރަނި ނެގޭނީ އަދި ގެރެންޓީ ދެވޭނީ އެކަމުގެ ސަބަބުން ގައުމުގެ އިގުތިސޯދަށާއި މާލިއްޔަތަށް ކުރާނެ އަސަރު ދިރާސާކުރުމަށްފަހު ފިނޭންސް މިނިސްޓަރު އެކަމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވުމުން ރައީސް ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ ދަރަންޏެއް ނަގާ ކޮންމެ ފަހަރަކު އަދި އެ ގެރެންޓީއެއް ދޭ ކޮންމެ ފަހަރަކު ދަރަނި ނުވަތަ ގެރެންޓީއާ ގުޅޭ މައުލޫމާތު 30 ދުވަހުގެ ތެރޭގައި މިނިސްޓަރު މަޖިލީހަށް ފޮނުވަންޖެހޭނެ ކަމަށެވެ.

އެންމެ ފުރަތަމަ މާލިއްޔަތު ގާނޫނަށް އަމަލުކުރަން ފެށިއިރު ދައުލަތުގެ ނަމުގައި ލޯނު ނަގަން މަޖިލީހުގެ ހުއްދަ ހޯދާކަށް ނުޖެހެއެވެ. މަޖިލީހުގެ ހުއްދަ ހޯދަންޖެހޭ ގޮތަށް މާލިއްޔަތު ގާނޫނު 2010 ވަނަ އަހަރު އިސްލާހުކުރީ އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށާއި ދައުލަތް ޒިންމާވާ ގޮތަށް އެ ދުވަސްވަރު ލޯނުތަކެއް ނަގަން އުޅުމުން އެކަން ހުއްޓުވުމުގެ ގޮތުންނެވެ.

ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމަށްފަހު 2014 ވަނަ އަހަރު ވަނީ މާލިއްޔާތު ގާނޫނު އެންމެ ފުރަތަމަ އޮތް ގޮތަށް މަޖިލީހުގެ ހުއްދަ ހޯދުމަކާ ނުލައި ދައުލަތުގެ ނަމުގައި ލޯނު ނެގޭ ގޮތަށް މާލިއްޔަތު ގާނޫނު އިސްލާހުކޮށްފައެވެ.