އައްޑޫ ސިޓީ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލި މައްސަލައާ ގުޅިގެން ހައްޔަރުކުރި 15 އަހަރުގެ ކުއްޖާގެ ބަންދަށް ދިހަ ދުވަސް ޖަހައިފިއެވެ.
އޭނާއަކީ އެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި 18 އަހަރުން ދަށުގެ ދެވަނަ ކުއްޖާއެވެ. އެ މަރުގެ މައްސަލައިގެ ތުހުމަތުގައި ފުލުހުން މީގެ ކުރިން ހައްޔަރުކޮށްފައިވަނީ 16 އަހަރުގެ ކުއްޖެކެވެ. 16 އަހަރުގެ ކުއްޖާގެ ބަންދަށް އިއްޔެ ވަނީ ދިހަ ދުވަސް ޖަހައިފައެވެ.
ފުލުހުން މިއަދު ބުނީ، ރޭ ހައްޔަރުކުރި 15 އަހަރުގެ ކުއްޖާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން ދިހަ ދުވަސް ޖަހައިފައިވާ ކަމަށެވެ.
އެ މައްސަލައިގައި އަމަން ނަގާލަން އުޅުނުކަމުގެ ތުހުމަތަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ހައްޔަރުކުރި 18 އަހަރުގެ ދެ މީހުންނާއި 29 އަހަރުގެ މީހާގެ ބަންދަށް އިއްޔެ ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފައެވެ. ފުލުހުން އަންނަނީ އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.
ފޭދޫގައި މިދިޔަ ބުދަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މަރުވީ، މުހައްމަދު ޒަޔާން މޫސާ، 21އ އެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮފިސަރު ޝާފީ މުހައްމަދު މީގެ ކުރިން ވިދާޅުވި ގޮތުގައި ޒަޔާންގެ އަތުގެ މުލައްދަނޑިއާއި ބުރަކަށްޓަށް ފުން ޒަހަމްތަކެއް ލިބިފައިވެއެވެ. އަދި އޭނާ މަރުވީ ބުރަކަށްޓަށް ދިން ފުން ޒަހަމުތަކުގެ ސަބަބުން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާ ވިދާޅުވެފެއިވެއެވެ.
އެނގިފައިވާ ގޮތުގައި، އެ ޒުވާނާ މަރާލާފައިވަނީ އައްޑޫ ސިޓީ ފޭދޫގައި ހަރަކާތްތެރިވާ ދެ ގޭންގެއްގެ ދެމެދުގައި ޖެހިގެން އުޅޭ މައްސަލަތަކަކާ ގުޅިގެންނެވެ.
މަރުގެ އެ މައްސަލައާ ގުޅިގެން ދެ ކުޑަކުއްޖަކު ހައްޔަރުކުރި އިރު، ފުލުހުން ވަނީ ގޭންގުތަކުން ކުޑަކުދިން ލައްވައި ޖިނާއީ ކުށްތައް ކުރުވަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ގޭންގުތަކުން މިހާރު ދަނީ 15 އަހަރުން ދަށުގެ ކުދިން ލައްވައި ޖިނާއީ ކުށްތައް ކުރުވަމުންނެވެ. އެއީ ގާނޫނަށް ގެނައި އިސްލާހުގައި 15 އަހަރުން ދަށުގެ ކުދިން ޖިނާއީ ކުށްތަކުގެ ޒިންމާ ނަގަން ނުޖެހޭ ގޮތަށް ބަޔާންކޮށްފައި އޮތުމުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ އުމުރުގެ ކުދިން ކުށެއްގެ ތުހުމަތުގައި ހާޒިރު ކުރެވުނަސް ޖެހުނީ ނަސޭހަތް ދީފައި ދޫކޮށްލަން ކަމަށް ވެސް ފުލުހުން ކުރިން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު