އައްޑޫ ސިޓީ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލި މައްސަލައާ ގުޅިގެން 15 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ.

އޭނާއަކީ އެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި 18 އަހަރުން ދަށުގެ ދެވަނަ ކުއްޖާއެވެ. އެ މަރުގެ މައްސަލައިގެ ތުހުމަތުގައި ފުލުހުން މީގެ ކުރިން ހައްޔަރުކޮށްފައިވަނީ 16 އަހަރުގެ ކުއްޖެކެވެ.

ފުލުހުން މިއަދު ބުނީ، މަރުގެ އެ މައްސަލައާ ގުޅިގެން 15 އަހަރުގެ ކުއްޖަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ރޭ ހައްޔަރުކުރި 16 އަހަރުގެ ކުއްޖާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދިހަ ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި އަމަން ނަގާލަން އުޅުނުކަމުގެ ތުހުމަތަށް ރޭ ހައްޔަރުކުރި 18 އަހަރުގެ ދެ މީހުންނާއި 29 އަހަރުގެ މީހާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހާފައިވާ ކަމަށާއި އެ މައްސަލަ އަދިވެސް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފޭދޫގައި މިދިޔަ ބުދަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މަރުވީ، މުހައްމަދު ޒަޔާން މޫސާ، 21އ އެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮފިސަރު ޝާފީ މުހައްމަދު މީގެ ކުރިން ވިދާޅުވި ގޮތުގައި ޒަޔާންގެ އަތުގެ މުލައްދަނޑިއާއި ބުރަކަށްޓަށް ފުން ޒަހަމްތަކެއް ލިބިފައިވެއެވެ. އަދި އޭނާ މަރުވީ ބުރަކަށްޓަށް ދިން ފުން ޒަހަމުތަކުގެ ސަބަބުން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާ ވިދާޅުވެފެއިވެއެވެ.

އެނގިފައިވާ ގޮތުގައި، އެ ޒުވާނާ މަރާލާފައިވަނީ އައްޑޫ ސިޓީ ފޭދޫގައި ހަރަކާތްތެރިވާ ދެ ގޭންގެއްގެ ދެމެދުގައި ޖެހިގެން އުޅޭ މައްސަލަތަކަކާ ގުޅިގެންނެވެ.

މަރުގެ އެ މައްސަލައާ ގުޅިގެން ދެ ކުޑަކުއްޖަކު ހައްޔަރުކުރި އިރު، ފުލުހުން ވަނީ ގޭންގުތަކުން ކުޑަކުދިން ލައްވައި ޖިނާއީ ކުށްތައް ކުރުވަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ގޭންގުތަކުން މިހާރު ދަނީ 15 އަހަރުން ދަށުގެ ކުދިން ލައްވައި ޖިނާއީ ކުށްތައް ކުރުވަމުންނެވެ. އެއީ ގާނޫނަށް ގެނައި އިސްލާހުގައި 15 އަހަރުން ދަށުގެ ކުދިން ޖިނާއީ ކުށްތަކުގެ ޒިންމާ ނަގަން ނުޖެހޭ ގޮތަށް ބަޔާންކޮށްފައި އޮތުމުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ އުމުރުގެ ކުދިން ކުށެއްގެ ތުހުމަތުގައި ހާޒިރު ކުރެވުނަސް ޖެހުނީ ނަސޭހަތް ދީފައި ދޫކޮށްލަން ކަމަށް ވެސް ފުލުހުން ކުރިން ބުނެފައިވެއެވެ.