ޔޫއެފާ ނޭޝަންސް ލީގު

އިޓަލީގެ އާ ފެށުން ޖަރުމަނާ އެއްވަރު

ޔޫއެފާ ނޭޝަންސް ލީގުގެ ޑިވިޝަން އޭގެ ގްރޫޕު ތިނެއްގައި ރޭ ޖަރުމަނާއި އިޓަލީ ކުޅުނު މެޗުވެސް އެއްވަރު ވެގެން ނިމިއްޖެއެވެ.

އިޓަލީގެ ބޮލޯނިޔާގައި ރޭ ކުޅުނު މެޗު 1-1 އިން އެއްވަރު ވެގެން ނިމިފައިވާ އިރު، ރޭގެ މެޗަކީ ދެ ބައްރުގެ ޗެމްޕިއަނުން ވާދަކުރި ފިނަލިސީމާއަށްފަހު އިޓަލީން ކުޅުނު ފުރަތަމަ މެޗެވެ. އިޓަލީން އާޖެންޓީނާއާ ދެކޮޅަށް ކުޅުނު ފިނަލިސީމާގައި ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.

އިޓަލީއަށް މިއަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕްވެސް ގެއްލިފައިވާ އިރު، ޔޫރޯގެ ޗެމްޕިއަނުންނަށް އޮތީ އާ ޓީމަކަށް ވިސްނަން ޖެހިފައެވެ. ރޭގެ މެޗުން އެ މަންޒަރު ފެނުނުވެސް މެއެވެ. ރޭގެ މެޗުން މުޅިން އަލަށް އިޓަލީ ގައުމީ ޓީމަށް ނުކުތް ޒުވާން ގިނަ ކުޅުންތެރިންތަކެއް ކޯޗު ރޮބާޓޯ މަންޗީނީ ވަނީ ޓެސްޓް ކޮށްފައެވެ. އޭގެ ތެރޭގައި ރޭ އިޓަލީ ޖެހި ގޯލަށް އެސިސްޓްކުރި އުމުރުން އެންމެ 18 އަހަރުގެ ވިލްފްރީޑް ނޮންޓޯވެސް ހިމެނެއެވެ.

ނޮންޓޯގެ އިތުރުން އިންޓަ މިލާންގެ ޑިފެންޑަރު އަލެސެންޑަރޯ ބަސްޓޯނީއާއި ސަސުއޯލޯގެ ދެ ކުޅުންތެރިން ކަމަށްވާ ޑޭވިޑޭ ފްރަސެޓީ އަދި ޖިއާންލޫކާ ސްކަމާކާ ވަނީ މުޅިން އަލަށް ޓީމުގެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފައެވެ. ރޭ އިޓަލީން ނެރުނު ފުރަތަމަ 11 ގައި އެންމެ ތަޖުރިބާކާރު ކުޅުންތެރިއަކަށް ހުރީ 23 އަހަރުގެ ގޯލްކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާއެވެ. އޭނާ ވަނީ ގައުމީ ޓީމަށް 44 މެޗު ކުޅެފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ނުޖެހި އެއްވަރު ވެގެން ނިމުނު އިރު، އިޓަލީގެ ގޯލު ފެނުނީ 70 ވަނަ މިނެޓުގައެވެ. ނޮންޓޯގެ ބޯޅައަކުން ގޯލު ޖަހައިދިނީ ރޯމާގެ ލޮރެންޒޯ ޕެލެގްރީނީއެވެ. ޖަރުމަނުގެ އާ ކޯޗު ހަންސީ ފްލިކްއާއެކު މިހާތަނަށް ކުޅުނު 10 މެޗުގައިވެސް އެޓީމު ބަލިވެފައިނުވާ އިރު، އިޓަލީގެ ގޯލަށް މާ ގިނައިރެއް ނުވެ އެޓީމުން އެއްވަރު ކުރިއެވެ.

ޖަރުމަނުގެ ގޯލު ޖަހައިދިނީ ޖޯޝުއާ ކިމިކެވެ. ޖަރުމަނާއި އިޓަލީ ހިމެނޭ ގްރޫޕް ތިނެއްގައި ދެން ހިމެނޭ އިންގްލެންޑުން ރޭ ކުޅުނު މެޗުގައި ހަންގޭރީ ކައިރީ ބަލިވީ 1-0 އިންނެވެ.