ޔޫއެފާ ނޭޝަންސް ލީގުގެ ޑިވިޝަން އޭގެ ގްރޫޕް ދޭއްގައި ރޭ ސްޕެއިންއާއި ޕޯޗުގަލް ވާދަކުރި މެޗު 1-1 އިން އެއްވަރު ވެގެން ނިމިއްޖެއެވެ.

އެންމެފަހުން ނިމިދިޔަ ނޭޝަންސް ލީގުގެ ރަނަރަޕްކަން ހޯދި ސްޕެއިން އިން އެގައުމުގެ ސެވިއްޔާގައި ރޭ ކުޅުނު މެޗު އެއްވަރުވެފައިވާ އިރު، ރޭގެ މެޗަކީ މިއަހަރުގެ ނޭޝަންސް ލީގުގައި ދެޓީމުންވެސް ކުޅުނު ފުރަތަމަ މެޗެވެ. މިދިޔަ 10 ވަރަކަށް އަހަރުގައި ސްޕެއިންއާއި ޕޯޗުގަލް ފަސް ފަހަރެއްގެ މަތިން އެކިއެކި މުބާރާތްތަކުގައި ވާދަކޮށްފައިވާ އިރު، އެ ފަސް މެޗުވެސް ނިމިފައި ވަނީ އެއްވަރު ވެގެންނެވެ.

ރޭގެ މެޗުގައިވެސް ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ހާފުގައި ސްޕެއިންއިން ވަނީ ލީޑު ނަގައިފައެވެ. ކައުންޓާ އެޓޭކެއްގައި ގަވީ މެދުތެރެއިން އުފެއްދި ހަމަލާ އަރިމަތިން ކުރިއަށް ޖެހި ޕަބްލޯ ސަރާބިއާ ހުރަސް ކޮށްލުމުން ގޯލަށް ނިންމާލީ އަލްވާރޯ މޮރާޓާއެވެ.

އޭގެ އިތުރުން ފުރަތަމަ ހާފުގައި ފަހިވި ފުރުސަތުތަކަށް ބަލާ އިރު، ސްޕެއިންގެ ކާލޯސް ސޮލާއާއި ޕޯޗުގަލްގެ ރަފޭލް ލެއާއޯއަށް ލިބުނު ފުރުސަތުތައް ފާހަގަވިއެވެ. އެ ހަމަލާތަކުގައި ގޯލެއް ޖެހޭ ގޮތް ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ނުވިއެވެ.

މެޗުގެ ދެވަނަ ހާފަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯވެސް ދަނޑު މައްޗަށް ނުކުމެފައިވީ ނަމަވެސް 82 ވަނަ މިނެޓުގައި އެއްވަރު ކުރި ގޯލުގައި އޭނާގެ ހިއްސާއެއް ނެތެވެ. އަރިމަތިން ޖާއޯ ކަންސެލޯ ނެގި ހުރަސް ގޯލަށް ވައްދާލީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތް ބްރާގާގެ ރިކާޑޯ ހޯތާއެވެ. ރޭގެ ގޯލަކީ ހޯތާގެ ކެރިއަރުގައި ގައުމީ ޓީމަށް ޖެހި ފުރަތަމަ ގޯލެވެ. 2014 ވަނަ އަހަރު ޓީނޭޖް ތަރިއެއްގެ ގޮތުގައި ޕޯޗުގަލް ޓީމަށް ހޯތާ ނެގި ނަމަވެސް، ރޭގެ މެޗު ސްކޮޑަށް އޭނާ ނެރުނީ އަށް ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ.

ނޭޝަންސް ލީގުގެ އޭ ޑިވިޝަންގެ ގްރޫޕް ދޭއްގައި ރޭ ޗެކު ރިޕަބްލިކުން ވަނީ 2-1 އިން ސްވިޒަލޭންޑް ބަލިކޮށްފައެވެ. ސްޕެއިންއާއި ޕޯޗުގަލް ދެން ކުޅޭ ނޭޝަންސް ލީގުގެ މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުއެވެ. ސްޕެއިންއިން ދެން ޗެކާ ދެކޮޅަށް ނުކުންނަ އިރު، ޕޯޗުގަލް އަމިއްލަ ދަނޑުގައި ކުޅޭނީ ސްވިޑެންއާ ދެކޮޅަށެވެ.

ނޭޝަންސް ލީގުގެ ބީ ޑިވިޝަންގެ ގްރޫޕް ދޭއްގައި ރޭ އިސްރާއީލާއި އައިސްލޭންޑް ކުޅުނު މެޗު 2-2 އިން އެއްވަރުވި އިރު، އެ ޑިވިޝަންގެ ގްރޫޕް ހަތަރެއްގައި ނޯވޭއިން ސާބިއާ ބަލިކުރީ 1-0 އިންނެވެ. މެޗުގައި ގޯލު ޖެހީ މެންޗެސްޓާ ސިޓީއަށް އަންނަ ސީޒަނަށް ގެންދިޔަ ހުނަރުވެރި ފޯވަޑް އާލިން ބްރައުޓް ހާލަންޑެވެ. އެ ގްރޫޕުގައި ސްވިޑެންއިން ކުޅުނު މެޗުގައި 2-0 އިން ވަނީ ސްލޮވޭނިއާ ބަލިކޮށްފައެވެ.