ޚަބަރު

ކުނި ވަކިކޮށްފައި ބެހެއްޓުމަށް ބޭނުންވާ ސާމާނު ސަރުކާރުން ފޯރުކޮށްދޭންޖެހޭ: މުއިއްޒު

މުހައްމަދު އިޝާން

ކުނި ވަކިކޮށްފައި ބެހެއްޓުމަށް ބޭނުންވާ ސާމާނު ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ކަމަށް މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރީ ސައިކަލް ކުރަން ޖެހޭނެ ކަމަށާއި އަދި ތިމާވެށި ހިމާޔަތް ކުރުމަކީ ވެސް ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މައްޗަށް ކަމެއް ލާޒިމުކުރަން ވާނީ ޕްލޭން ކޮށްގެން ރައްޔިތުން އެކަމެއްގެ ޒިންމާ އުފުލެވޭ ގޮތަށް ކަމަށެވެ.

"ނަމަވެސް ރައްޔިތުން މައްޗަށް ކަންކަން ލާޒިމު ކުރާއިރު، ޕްލޭން ކުރެވިގެން، ރައްޔިތުންނަށް އުފުލޭ ބުރައެއް ހަވާލު ކުރުން މުހިންމު. ކުނި ވަކިކޮށް ބެހެއްޓުމަށް ބޭނުންވާ ސާމާނު ސަރުކާރުގެ ހަރަދުގައި ރައްޔިތުންނަށް ދެއްވުން ވަރަށް މުހިންމު،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ވެމްކޯއިން މިދިޔަ މަހުގެ 20 ވަނަ ދުވަހުކުރި އިއުލާނެއްގައި ބުނެފައިވަނީ، މިއަދުން ފެށިގެން ގޭބިސީތަކުން ބޭރަށް ނެރޭ ކުނީގެ ބާވަތްތައް ހުންނަން ވާނީ ބައިތަކަށް ވަކިކޮށްފައި ކަމަށެވެ.

ރާއްޖޭގެ ކުނި މެނޭޖުކުރުމާ ބެހޭ ގަވާއިދަށް ގެނެސްފައިވާ އިސްލާހަށް އަމަލުކުރުން އެ ކުންފުންޏަށް ލާޒިމުވާތީ ކުނި ވަކިކޮށްފައި ނުވާ ނަމަ، އެ ކުނި ބަލައިނުގަތުމުގެ އިހުތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 17 ވަނަ ދުވަހު، ރާއްޖޭގެ ކުނި މެނޭޖުކުރުމާ ބެހޭ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން، އުކާލުމަށް ނެރޭ ކުނީގެ ބާވަތްތައް ހުންނަން ވާނީ ބައިބަޔަށް ވަކިކޮށްފައެވެ.

އެގޮތުން މާލޭ ސަރަހައްދު ގޭބިސީތަކުން އުކާލުމަށް ނެރޭ ކުނިތަކުގެ ތެރޭގައި ހިމެނޭ، ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ކުނި، ޕްލާސްޓިކް ފުޅި އަދި އެހެނިހެން ބާވަތްތަކުގެ ކުނި ހުންނަންވާނީ ވަކިކޮށްފައެވެ. މާލޭ ސަރަހައްދު ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށާއި ސިނާއީ ރަށްތަކަށް އަދި ރިސޯޓުތަކުން ވެސް އުކާލުމަށް ނެރޭ ކުނިތައް ހުންނަން ވާނީ ވަކިކޮށްފައެވެ. އަދި ކުނި ވަކިކޮށްފައި ހުންނަން ވާނީ އެއްކުނީގެ ބާވަތް އަނެއްކުންޏާ އެއް ނުވާނޭހެން ވަކި ކޮތަޅުތަކުގައެވެ.

ވެމްކޯ އިން ބުނެފައި ވަނީ ދުވަހު ކުނީގެ ގޮތުގައި ނުހިމެނޭ ބަރު އަދި ބޮޑެތި ކުނި އުކާލުމަށް އެ ކުންފުނީގެ ކޯލް އެންޑް ޕިކަޕް (CAPS) ހިދުމަތް ނުވަތަ ކުލީ ޕިކަޕުގައި އެހެން ކުންޏާ އެއްނުވާނޭހެން އުކާލެވިދާނެ ކަމަށެވެ.

މީގެ އިތުރުން މާލޭ ސަރަހައްދުން ބޭރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން އުޅަނދުގައި ކުނި ބަރުކޮށްގެން ތިލަފުށި ވޭސްޓް ޑިސްޕޯސަލް ސައިޓަށް ކުނި އުކާލާ ފަރާތްތަކުން ވެސް ޖެހޭނީ ގަވާއިދާ އެއްގޮތަށް އަމަލުކުރަން ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.