ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ތްރީލައިން ވިޕެއް ނެރެން ރައްޔިތުންގެ މަޖިލީހުގައި 65 މެންބަރުން ތިއްބަވާ ވެރިކަން ކުރާ އެމްޑީޕީން ނިންމައިފިއެވެ.

އެގޮތަށް ނިންމީ މިއަދު ބޭއްވި އެ ޕާޓީގެ ޕީޖީ ގްރޫޕުގެ ބައްދަލުވުމެއްގައެވެ.

އެމްޑީޕީން އެގޮތަށް ނިންމާފައިވާ އިރު، ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މައްސަލައަށް އަންނަ ހޯމަ ދުވަހު މަޖިލީހުގައި ވޯޓަށް އައްސަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.

ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން މަޖިލީހަށް ފޮނުވީ ހުސްވި އޭޕްރީލް މަހުގެ ތެރޭގައެވެ.

އެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމައި ޖޭއެސްސީން އެ މައްސަލަ މަޖިލީހަށް ފޮނުވީ، ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ބައްލަވައިގެންފައިވާ ކަމަށާއި އަދި އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމި ކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައެއް އެ ދެ ފަނޑިޔާރުންގެ މައްޗަށް ސާބިތުވެފައިވާ ކަމަށް ބުނެއެވެ.

އެކަމާ ގުޅިގެން ޖޭއެސްސީން ބުނެފައިވަނީ ހައިކޯޓުގެ ފަނޑިޔާރުންނަށް ސަރުކާރުން ދިން ފްލެޓްތަކަކީ ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި އެ މަޖިލީހުގެ އެއްވެސް ކަނޑައެޅުމެއް ނެތި ސީދާ ސަރުކާރުން ފަނޑިޔާރުންނަށް ދިން އިނާޔަތެއް ކަމަށެވެ. އަދި ފަނޑިޔާރުންނަށް ހައުސިން ހަމަޖެއްސުމުގެ އުސޫލެއް މަޖިލީހުން ކަނޑައަޅާފައި ނެތް ކަމަށާއި ހައިކޯޓުގެ ވަކި ފަނޑިޔާރުންތަކަކަށް ފްލެޓެއް ދީފައިވަނީ މާލީ ހާއްސަ ލުއިތަކަކާއެކު އަދި މި ބާވަތުގެ ހައުސިން ހަމަޖެއްސުމުގައި ދައުލަތުން ބަލާ އާންމު އުސޫލުތަކުގެވެސް ބޭރުން ކަމަށް ބުންޏެވެ.

ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ހަވާލުކުރި މި ފްލެޓްތަކާ ހައިކޯޓުގެ ފަނޑިޔާރު ރައޫފް އަދި ފަނޑިޔާރު ހަމީދު ހަވާލުވުމަކީ ގާނޫނުއަސާސީއާ ހިލާފު އަމަލެއް ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން މައްސަލަ އިތުރަށް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ އޭޕްރީލް 25 ގައެވެ.

ނަމަވެސް އެ މައްސަލަ ދިރާސާކުރުމަށްފަހު، ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ޖޭއެސްސީން މަޖިލީހަށް ފޮނުވާފައިވަނީ އިޖުރާއަތްތައް ފުރިހަމަނުކޮށް ކަމަށް ބުނެ އެ މައްސަލަ ޖޭއެސްސީއަށް އަނބުރާ ފޮނުވައިލުމަށް ފެންނަ ކަމަށް ފާސްކޮށް ޖުޑިޝަރީ ކޮމިޓީން ވަނީ އެ މައްސަލަ މަޖިލިސް ތަޅުމަށް ފޮނުވައިފައެވެ. އަދި އެ މައްސަލަ ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވާފައި ވަނިކޮށް ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިއްޔެ ވަނީ އިސްތިއުފާ ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނިކޮށް ފަނޑިޔާރު އަބްދުއްރައޫފް އިސްތިއުފާ ދެއްވާފައިވާތީ، އެ މައްސަލައިގައި ދެން ހިމެނިވަޑައިގަންނަވާ ފަނޑިޔާރުގެ މައްޗަށް އަންނަ ހޯމަ ދުވަހު މަޖިލިސް ތަޅުމުގައި ވޯޓަށް އައްސަވާނެ ކަމަށެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވި ބައްދަލުވުމުގައި، ދެ ފަނޑިޔާރުން ވަކި ކުރަން ޖޭއެސްސީން ނިންމާފައިވަނީ އިޖުރާއަތްތައް ފުރިހަމަނުކޮށް ކަމަށް ބުނެ އެ މައްސަލަ އަނބުރާ ޖޭއެސްސީއަށް ފޮނުވައިލުމަށް ނިންމި ނިންމުން ބަަލައި ނުގަތުމަށްވެސް ވަނީ ނިންމައިފައެވެ. ނަމަވެސް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަކީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކޮމިޓީއެކެވެ.