އިންޓަ މިލާން އާއި ބަޔާން މިއުނިކަށްވެސް ކުޅެފައިވާ ކްރޮއޭޝިއާގެ ވިންގް ބެކް އީވަން ޕެރިސިޗް ޓޮޓެންހަމްއަށް ސޮއިކޮށްފިއެވެ.
މިދިޔަ ސީޒަނުގައި އިންޓަ މިލާނަށް ކުޅުނު ޕެރިސިޗް ޓޮޓެންހަމްއާ ގުޅުނުކަން އެ ކްލަބުން ވަނީ ޔަގީން ކޮށްދީފައެވެ. އޭނާ ލަންޑަންގެ ޓޮޓެންހަމްއަށް ސޮއިކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ޕެރިސިޗް ޓޮޓެންހަމްއަށް ސޮއިކޮށްފައި ވަނީ ވާދަވެރި ޗެލްސީންވެސް އޭނާ ހޯދަން މަސައްކަތްތަކެއް ކޮށްފައި ވަނިކޮށެވެ.
އުމުރުން 33 އަހަރުގެ ތަޖުރިބާކާރު ޕެރިސިޗަކީ ޔޫރަޕްގެ އެންމެ މަތީ ފަންތީގެ ތަޖުރިބާ ބޮޑު ކުޅުންތެރިއެކެވެ. ކްރޮއޭޝިއާ ގައުމީ ޓީމަށްވެސް 113 މެޗު ކުޅެދީފައިވާ ޕެރިސިޗް އެކިއެކި ކްލަބުތަކަށް ވަނީ 400 އަށްވުރެ ގިނަ މެޗު ކުޅެދީފައެވެ. އޭގެ ތެރެއިން އެންމެ ގިނަ މެޗު ކުޅެފައި ވަނީ އިންޓަ މިލާނަށެވެ. 2015 ވަނަ އަހަރުން ފެށިގެން އިންޓައަށް ކުޅެމުން ދިޔަ ޕެރިސިޗް ވަނީ އެ ކްލަބަށް 200 އަށްވުރެ ގިނަ މެޗު ކުޅެދީފައެވެ.
ދެހާސް ނަވާރަ ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް ޕެރިސިޗް ހޭދަކުރީ ބަޔާން މިއުނިކްގައެވެ. އެއީ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ.
ކެރިއަރުގެ ބޮޑު ބައެއްގައި ޕެރިސިޗް އެޓޭކިން ވިންގެއްގެ ގޮތުގައި ފެނުނު ނަމަވެސް މި ޒަމަނާގެ ފުޓުބޯޅައަށް ހޭނި، އޭނާ މިހާރު ކުޅެމުން ދަނީ ވިންގް ބެކެއްގެ ގޮތުގައެވެ. ވިންގު ބެކުންނަކީ ޓޮޓެންހަމްގެ އިޓަލީ ކޯޗު އެންޓޯނިއޯ ކޮންޓޭ ގެންގުޅޭ ސްޓައިލުގައި މުހިއްމު މަގާމެކެވެ. އެހެން ކަމުން ޓޮޓެންހަމްއަށް ޕެރިސިޗުގެ ބޭނުން ބޮޑުވާނެ ކަމަށް ބެލެވެއެވެ.
ޓޮޓެންހަމް ހޮޓްސްޕާ
ޓޮޓެންހަމް ހޮޓްސްޕާ
ޓޮޓެންހަމް ހޮޓްސްޕާ
ޓޮޓެންހަމް ހޮޓްސްޕާ