ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު ކެނެރީގޭ ފާރުގައި "އިންޑިއާ އައުޓް" ޖަހައިފިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނުގައި ވަނީ މާލޭގެ މަގުތަކަށުގައާއި ފާރުތަކުގައި "އިންޑިއާ އައުޓް" ސްޕްރޭކޮށްފައެވެ. އެގޮތުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ގެކޮޅާއި މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މައި ހަރުގެ ހުންނަ ކުނޫޒުގޭ ފާރުގައިވެސް ވަނީ "އިންޑިއާ އައުޓް" ސްޕެރޭކޮށްފައެވެ.

ކެނެރީގެ ފާރުގައި "އިންޑިއާ އައުޓް" ސްޕްރޭކުރި އިރު، ނަޝީދަކީ "އިންޑިއާ އައުޓް" ކެމްޕޭނާ ވަރަށް ދެކޮޅު ބޭފުޅެކެވެ. މިނިސްޓަރު މާރިޔާ ވެސް ވަނީ އެ ކެމްޕޭނާ ދެކޮޅަށް ވާހަކަ ދައްކައިފައެވެ. މާރިޔާގެ ގެކޮޅާއި ކުނޫޒުގެ ފާރަށް "އިންޑިއާ އައުޓް" ސްޕްރޭކުރި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކެނެރީގެ ފާރުގައި "އިންޑިއާ އައުޓް" ސްޕްރޭކުރި އިރު، އެ ގެކައިރީގައި ސިފައިން ސެކިއުރެޓީ ބަލަހައްޓަން ތިބެއެވެ. ފެހި ކުލައިގެ ސްޕްރޭ ބޭނުންކޮށްގެން ކެނެރީގޭ ފާރުގައި "އިންޑިއާ އައުޓް" ޖަހާފައިވީ ނަމަވެސް އެކަން ކުރި ބައެއް އަދި އެނގިފައެއް ނުވެއެވެ. ސްޕްރޭކޮށްފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ އޮފީސް ކަމަށް ލިޔެފައިވާ ބޯޑެއް ކައިރީގައެވެ.

އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވުމަށް ގޮވާލައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ގަރާރެއް ވެސް ނެރުއްވައިފައެވެ. އެ ގަރާރުގައިވާ ގޮތުން އެ ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެކެވެ. އެހެންވެ އެ ކެމްޕޭން ހުއްޓުވައިދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގަރާރުގައި ވަނީ އަންގަވައިފައެވެ.

އެ ގަރާރުގެ ދަށުން ފުލުހުން ވަނީ ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައި ހުރި "އިންޑިއާ އައުޓް" ބެނާއެއް ނަގައިފައެވެ. އަދި ޝިއާރުގެ ދަށުން ކުރާ މުޒާހަރާތައް ރޫޅާލައި ބައެއް މީހުންވެސް ވަނީ ހައްޔަރުކޮށްފައެވެ.