ޖަޕާނު ސަރުކާރުން ފަސް މިލިއަން އެމެރިކާ ޑޮލަރުގެ (77.2 މިލިއަން ރުފިޔާ)ގެ ހިލޭ އެހީ ދިވެހި ސަރުކާރަށް ދީފި އެވެ.
މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހިލޭ އެހީއާ ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކޫޗީ މިޑޯރީ އެވެ.
މި ހިލޭ އެހީގެ ބޭނުން ހިފާނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ މެރިން ޕޮލިސް އާއި ޓްރެފިކް ޕޮލިސްގެ ވަސީލަތްތަކާއި އޮޕަރޭޝަނަލް ގާބިލުކަން އިތުރަށް ހަރުދަނާ ކުރުމަށް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ޓެރަރިޒަމާއި މަސްތުވާތަކެތީގެ ވިޔަފާރިއާއި އެނޫންވެސް މެރިޓައިމް ޑޮމެއިންގައި ހިންގާ ގައިރު ގާނޫނީ އަމަލުތައް ހުއްޓުވުމަށް ބޭނުންކުރާނެ ކަނޑުގެ އުޅަނދުފަހަރު ފޯރުކޮށްދިނުން ހިމެނެ އެވެ. ޓްރެފިކް ޕޮލިސްއަށް ބޭނުންވާ ޒަމާނީ ޓްރެފިކް މެނޭޖުމަންޓް އިކުއިޕްމަންޓުތައް ހޯދުމަށްވެސް މި ހިލޭ އެހީގެ ދަށުން، ހަމަޖެހިފައިވާ ކަމަށް އެމިނިސްޓްރީން ބުންޏެވެ.
ޖަޕާނު ސަރުކާރުން މި ހިލޭ އެހީ ދެއްވިކަމަށްޓަކައި ސްޓޭޓް މިނިސްޓަރު ހަލީލު ވަނީ ޖަޕާނު ސަރުކާރަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި މިފަދަ މަޝްރޫއުތަކުން ދޭހަކޮށްދެނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ބައިވެރިޔާގެ ހައިސިއްޔަތުން ޖަޕާނުން އަދާކުރަމުން އަންނަ ދައުރުކަމުގައި އޭނާ ވިދާޅުވި އެވެ.
މި ރަސްމިއްޔާތު ނިންމާލައި ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މި ހިލޭ އެހީގެ ދަށުން އަތޮޅުތެރޭގެ ހުރިހާ ރަށެއްގެ ފުލުހުންގެ މުއައްސަސާ ތަރައްގީ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ފުލުހުންގެ ކަނޑާއި އެއްގަމު އުޅަނދުތައް ހަރުދަނާ ކުރުމަށްވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"އަތޮޅުތެރޭގައި ހާދިސާއެއް ހިނގިޔަސް ހުރިހާ ރަށެއްގައި ވަސީލަތްތަކެއް ނުހުރޭ. އިރާދަކުރެއްވިއްޔާ މި އެހީގެ ދަށުން އަޅުގަނޑުމެން އެކަމަށްވެސް ހައްލެއް ގެންނާނަން. ޗަޕާނު ސަރުކާރަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރުވެރިވަން މި ފަދަ ބޮޑު އެހީއެއް ދެއްވި ކަމަށްޓަކާ." އޭނާ ވިދާޅުވި އެވެ.
ސީޕީ ހަމީދު ވިދާޅުވީ މި އެހީގެ ދަށުން ފުލުހުންގެ ބޮޑީ ކެމެރާއާއި ލޭޒާ ގަންފަދަ ތަކެތިވެސް ހޯދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު