ރިޕޯޓް

ޑަބްލިއުޑީސީ ބައި އިލެކްޝަން: އުފުލޭވަރަަށްވުރެ ބޮޑު ބުރައެއް، ކުރެވޭވަރަށްވުރެ ބޮޑު ހަރަދެއް

އިބްރާހިމް ޒަކީ

ލާމަރުކަޒީ ގާނޫނުން ބާރު ލިބިގެން އުފައްދާފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކަކީ ސިޓީތަކާއި، އަތޮޅުތަކާއި ރަށުގެ ތަރައްގީއަށް މުހިއްމު ކޮމިޓީތަކެކެވެ. ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިންގެ ކަންކަމުގައި މުހިއްމު މަސްއޫލިއްޔަތުތަކެއް ގާނޫނުން އެ ކޮމެޓީތަކަށް ވަނީ މަތި ކޮށްފައެވެ.

ލާމަރުކަޒީ ގާނޫނުގެ 65 ވަނަ މާއްދާގެ ހަތެއްގެ (ހ) އިން، ޑަބްލިއުޑީސީތަކަށް ހަވާލު ކޮށްފައިވާ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ރަށުގެ، ނުވަތަ ސިޓީގެ ތަރައްގީގެ ކަންކަމުގަ އާއި ކައުންސިލުން ދެމުންގެންދާ ރަށްވެހިކަމުގެ ހިދުމަތްތަކާ ބެހޭގޮތުން ކައުންސިލަށް ލަފާދިނުމާއި، އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ސިޔާސީ އަދި އިޖުތިމާއީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި، މަތީ ތައުލީމު ހާސިލުކުރާ އަންހެނުންގެ އަދަދު އިތުރުކުރުމާއި، އަންހެނުންނާއި ކުޑަކުދީންގެ ސިއްހީ ހާލަތު ރަނގަޅުކުރުމާއި، އަންހެނުންނަށް ލިބޭ ވަޒީފާއާއި ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުން ހިމެނެއެވެ.

ލާމަރުކަޒީ ގާނޫނު ބުނާގޮތުން ޑަބްލިއުޑީސީތަކުގެ އިންތިހާބު ބާއްވާނީ ކައުންސިލްތަކުގެ އިންތިހާބާ އެކުގައެވެ.

ނަމަވެސް ކަމާބެހޭ ފަރާތްތަކަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކައުންސިލްތަކާއެކު އިންތިހާބު ކުރި ޑަބްލިއުޑީސީ ތަކަށް އަހަރެއް ވެފައިވާއިރު، ގިނަ ގޮނޑިތަކެއް ހުސްވަމުންދާ މައްސަލައެވެ. އެކަމާގުޅިގެން ފުލުފުލުގައި ބައި އިލެކްޝަންތައް ބާއްވަން ޖެހި ކަމާބެހޭ ފަރާތްތައް ކަންބޮޑުވެ މިހާރު މި ވަނީ ގާނޫނަށް އިސްލާހު ގެންނަންޖެހޭ ހިސާބަށް އައިސްފައެވެ.

ޑަބްލިއުޑީސީތަކުގެ ބައި އިލެކްޝަން:

ލާމަރުކަޒީ ގާނޫނުގެ 56 ވަނަ މާއްދާގެ 6 ގެ (އ) ގައި ބުނާގޮތުން ޑަބްލިއުޑީސީން މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ، 14 ދުވަހުގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް އަންގަން ވާނެއެވެ. އެކަން އަންގާ ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި އެ ޑަބްލިއުޑީސީއަކަށް މެންބަރަކު އިންތިހާބު ކުރަންވާނެއެވެ.

މެންބަރެއްގެ މަގާމު ހުސްވިއިރު އެ ކޮމިޓީގެ އުމުރުގެ އެއް އަހަރު ދުވަސް، ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ބާކީ އޮތްނަމަ ހުސްވި ގޮނޑިއަށް މެންބަރަކު އިންތިހާބުކޮށްގެންނުވާނެ ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް ޑަބްލިއުޑީސީގެ ބައްދަލުވުމެއް ބާއްވަން ބޭނުންވާ ގާނޫނީ އަދަދު ހަމަވާވަރަށް މެންބަރުން ނެތްނަމަ އެ ހުސްވި ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ޑަބްލިއުޑީސީ ތަކުގައި މެންބަރުން ހަރު ނުލާ މައްސަލަ:

އަވަސް އަވަހަށް ޑަބްލިއުޑީސީ ތަކުގެ ބައި އިލެކްޝަން ބާއްވަން ޖެހިފައި ވަނީ އެ ކޮމިޓީތަކަށް އިންތިހާބުވާ ފަރާތްތައް އިސްތިއުފާދޭތީއެވެ. ނަމަވެސް އެކަމުގެ އަސްލު ސަބަބެއް އަދި ހޯދިފައެއްނުވެއެވެ.

އަންހެނުންގެ ކޮމިޓީތަކުގެ ބައި އިލެކްޝަންތަކުގައި ދިމާވާ ދަތިތަކާބެހޭގޮތުން، ކަމާގުޅޭ ހުރިހާ ފަރާތްތަކަކާއެކު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިމަހުގެ 23 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި، އެ ކޮމިޓީތަކުގެ މެންބަރުން އިސްތިއުފާދޭ މައްސަލައިގައި ވާހަކަ ދެއްކިއެވެ. ކޮންމެ ފަރާތަކުންވެސް އެކަމާބެހޭ ގޮތުން އެފަރާތަކުން ދެކޭގޮތް އެ ބައްދަލުމުގައި ހާމަ ކުރިއެވެ. ނަމަވެސް ހުރިހާ ފަރާތަކުންވެސް އެއްބަސްވެފައިވަނީ އެކަމުގެ އަސްލު ސަބަބު ހޯދުމަށް ކަމާބެހޭ ދިރާސާއެއް ކުރުން މުހިއްމު ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނާއި އެލްޖީއޭގެ އިތުރުން އެޓާނީޖެނެރަލްގެ އޮފީހާއި ޖެންޑާ މިނިސްޓްރީ ހިމެނޭގޮތުން ބޭއްވި މި ބައްދަލުވުމުގައި އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވިގޮތުގައި، ޑަބްލިއުޑީސީތަކުން މެންބަރުން އިސްތިއުފާދެއްވާ ސަބަބުތަކުގެ ތެރޭގައި، އެ މަގާމަށް ޝައުގުވެރިކަން ނެތް ފަރާތްތައް ހޮވުމާއި، ހޮވޭ ފަރާތްތައް އުއްމީދު ކުރާގޮތަށް މަސައްކަތް ކުރިއަށް ގެންދެވެން ނެތުން ހިމެނެއެވެ.

އެގޮތުން ރަށްރަށުގައި އަންހެން ބޭފުޅުންގެ ލީޑާޝިޕް އަދާކުރައްވަން ތިއްބަވާ ބޭފުޅުން، ތިއްބަވަނީ ކައުންސިލްތަކުގައި، އެއާ ޖެހިގެން ދެން ތިއްބަވާ ބޭފުޅުން އުޅުއްވަނީ ސްކޫލްޓީޗަރުންގެ ގޮތުގައެވެ. ދެން އެކި ފަރާތްތަކުގެ ޕްރެޝަރާއެކު ޑަބްލިއުޑީސީތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރޭގައި އެކަމަށް ތައްޔާރު ނުވާ މީހުން ގިނަ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުރާ ޕްރެޝަރާއި، ދެން މަޖިލިސްގެ ބައެއް މެންބަރުން ކުރައްވާ ޕްރެޝަރާއި، އަދި އެރަށުގައި ތިއްބަވާ ބޭފުޅުންގެ ޕްރެޝަރުން ބައެއް ބޭފުޅުން ކުރިމަތި މި ލައްވަނީ، އެބޭފުޅުން އެހާ ބޮޑަކަށް ބޭނުންފުޅުވެ ތައްޔާރުވެ ވަޑައިގެނެއްނޫން، މީ ހާލަތު އޮންނަ ގޮތް، އެގޮތަށްވެސް އެބޭފުޅުން ޖޮއިން ކުރައްވަނީ ތިމަންނަގެ ފަރާތުން ކޮންމެވެސް ކަމެއް ކުރެވިދާނެ ކަމުގެ އުއްމީދުގައި، ނަމަވެސް ޖޮއިން ކުރައްވައިގެން ފެނިވަޑައިގަންނަވަނީ، ކުރީ ޒަމާނުއްސުރެން މިއޮންނަ ގޮތް، އެއީ ރަށަށް ބަޔަކު އަތުވެއްޖެއްޔާ އެމީހުނަށް ކާން ހަދައިފަ ސައި ތައްޔާރުކޮށްދިނުމާއި، ރަށުތެރެ ކުނި ކެހުމާއި ކަންތައްތައް އޮންނާތީ އެބޭފުޅުން މާޔޫސްވާގޮތްވަނީ، އުއްމީދު ކުރެއްވި ކަންތައްތަކެއްނޫން ކުރަން ޖެހެނީ، އެގޮތަށް ތިއްބަވަން ބޭނުންނުވެ އިސްތިއުފާ ދެއްވަނީ،" ފުއާދު ވިދާޅުވިއެވެ.

ޑަބްލިއުޑީސީތަކަށް އެކަށީގެންވާ ރަނގަޅު މީހުން ނުލިބޭ މައްސަލަ ފާހަގަ ކުރައްވައި، އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އެ މަގާމުތަކަށް ރަނގަޅު މީހުން ނުލިބިގެން ޖެންޑާ މިނިސްޓަރަށާއި އެ މިނިސްޓްރީގެ އިސް ބޭފުޅުންނާ ގުޅުއްވައި މަޝްވަރާ ކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެ އިންތިހާބަށް ރަނގަޅުމީހުން ކުރިމަލިލެއްވުމަށް ކަމާބެހޭ ފަރާތްތަކުން މާބޮޑެތި މަސައްކަތްތަކެއް ކުރަމުން ނުދާ ކަމަށެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޯ ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް ޒިފްލީނާ ހަސަން ވިދާޅުވީ، އިންތިހާބުތަކަށް މީހުން ނެރުމަށް އެ މިނިސްޓްރީން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އަދި އެކަމަކީ ހަމައެކަނި އެ މިނިސްޓްރީގެ ކަމެއްނޫން ކަމަށާއި، ސިޔާސީ ޕާޓީތަކާއި، ކަމާބެހޭ އެހެން ފަރާތްތަކުންވެސް އިންތިހާބުތަކަށް ރަނގަޅު ބޭފުޅުން ނެރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"މި މިނިސްޓްރީއާ ޖޮއިން ކޮށްފަ ތިބޭ ސިޔާސީ ޕާޓީތަކުގެ މީހުންނާ މީގެ ކުރިންވެސް މަޝްވަރާ ކޮށްފަ ވަނީ، ފެންވަރު ރަނގަޅު މީހުން ނެރުމަށް، ގިނަ މީހުން ދައްކަނީ ކޮމިޓީތަކާއި ކައުންސިލްތަކުގެެ މެންޑޭޓް އެއްގޮވުމުން ކަންކުރަންވީ ކޮންބައެއްކަމާމެދު ވިސްނުން ތަފާތުވުން، ކައުންސިލްތަކުން ކޮމިޓީތަކަށް އެއްބާރުލުން ނުދިނުން، ކޮމިޓީގެ ބަޖެޓަކީ ކައުންސިލުން ދޭންޖެހޭ އެއްޗެއްކަމަށް ބުނެ ކައުންސިލުން ބޭނުންވާ ގޮތަށް ކޮމިޓީ ހިންގަން ޖެހޭކަމަށް ކައުންސިލުން ދުށުން، ކައުންސިލްގެ އެޑްމިން ސްޓާފުންގެ އެއްބާރުލުން ކޮމިޓީތަކަށް ނުދިނުން، ކޮމިޓީގެ އަހަރީ ޕްލޭން އަހަރު ފަށާއިރު ހުށަހަޅާފައިވާއިރުވެސް އޭގައިވާ މަސައްކަތްތައް ނޭނގޭކަމަށް ކައުންސިލުން ބުނުން، ކޮމެޓީން ކުރާ ކޮންމެކަމަކަށް ކައުންސިލްގެ ހުއްދަ ހޯދަން ޖެހުން، ކޮންމެ ކަމެއްގައި ކައުންސިލްގެ ނަން ގެންނަން ޖެހުން، ކައުންސިލާ ގުޅިގެން މަސައްކަތްކުރަން ބޭނުންވާއިރު ކަމަށް ގާބިލު މީހުން ނެތުން، އެލްޖީއޭއިން އެންމެ ރަނގަޅު ކައުންސިލް ހޮވާއިރު، ކޮމިޓީތަކަށް ރީތިނަން ނުލިބުން،" ސަބަބުތައް ހާމަ ކުރައްވަމުން ޒިފްލީނާ ވިދާޅުވިއެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވީ ޑަބްލިއުޑީސީ އިންތިހާބުގައި ރަނގަޅު މީހުންވެސް ކުރިމަތިލާފައިވާ ކަމަށެވެ. ނަމަވެސް އެފަދަ ބޭފުޅުންނަކީ އެކި ޕްރޮފެޝަންގައި މަސްއޫލިއްޔަތުތަކެއް އަދާކުރައްވާ ބޭފުޅުން ކަމަށްވާތީ، ކޮމިޓީގެ ޒިންމާއާ ހަވާލުވެވަޑައިގަތުމަށްފަހު އެއީ ވަރަށް ބޮޑެތި މަސައްކަތްތަކެއްކަން އެނގޭ ހިސާބުން އެކަމަށް ވަގުތު ދެއްވަން އުނދަގޫވަނީ ކަމަށެވެ. ނަމަވެސް ޑަބްލިޔުޑީސީ ތަކަށް ކަމާބެހޭ ފުރިހަމަ މައުލޫމާތު ފޯރުކޮށްދެވިފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަވަސް އަވަހަށް ޑަބްލިއުޑީސީގެ މެންބަރުން އިސްތިއުފާ ދޭ މައްސަލައާއި، އެ އިންތިހާބުތަކަށް ރަނގަޅު މީހުން ކުރިމަތި ނުލާ މައްސަލައިގައި މި ހުރިހާ ބޭފުޅުންވެސް އެއްބަސްވެވަޑައިގަންނަވާ އެއްކަމެއް އޮވެއެވެ. އެއީ އެކަމާ ގުޅޭ ހުރިހާކަމެއް ފުރިހަމަވާނީ ރަނގަޅު ދިރާސާއެއް ކޮށްގެން ކަމަށެވެ.

ޑަބްލިއުޑީސީ ބައި އިލެކްޝަން ތަކަކީ ބުރަބޮޑު، ހަރަދު ބޮޑު ކަމެއް

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ވިދާޅުވީ، މަހެއްގެ މައްޗަށް ތިނެއް، ނުވަތަ ހަތަރު މަގާމު ޑަބްލިޔުޑީސީ ތަކުން ހުސްވާ ކަމަށާއި އެކަމާ ގުޅިގެން ބާއްވާ ކޮންމެ ބައި އިލެކްޝަނަކަށް ދޮޅު ލައްކަ ރުފިޔާ ހަރަދުވާ ކަމަށެވެ.

އެކަމަށް ކުރަންޖެހޭ ހަރަދުތައް ބޮޑުވެ ފިނޭންސް މިނިސްޓަރާ މަޝްވަރާ ކުރައްވާފައިވާ ކަމަށްވެސް ފުއާދު ވިދާޅުވިއެވެ. އެ މަޝްވަރާގައި، އީސީގެ އިދާރީ ކަންތައްތަކަށް ބޭނުންކުރަން ހުރި ފައިސާ ބައި އިލެކްޝަންތަކަށް ހަރަދުކުރުމަށް ލަފާދީފައިވާ ކަމަށާއި ނަމަވެސް އެގޮތަށް ކަންތައް ކުރިއަށް ގެންދާނަމަ އަންނަ ޖުލައި މަހު ނުވަތަ އޯގަސްޓް މަހުގެ ތެރޭގައި އީސީގެ މުޅި ބަޖެޓު ހުސްވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ، ޑަބްލިއުޑީސީތަކުގެ އިންތިހާބު ބާއްވަން ޖެހުުމުން، އީސީގެ މަސައްކަތްތައް ތިން ގުނައަށް އިތުރުވެފައިވާއިރު، 2008 ވަނަ އަހަރުން ފެށިގެން މިދިޔަ 14 އަހަރު ދުވަހުގެ ތެރޭގައި އެ ކޮމިޝަންގެ މުވައްޒަފުންގެ އަދަދަށް މާބޮޑު ބަދަލެއް ނާންނަ ކަމަށެވެ.

"އެގޮތުން 2008 ވަނަ އަހަރު އީސީގައި ތިބީ ސާޅީހަކަށް މުވައްޒަފުން، މިހާރު ތިބީ ފަންސާހަކަށް މުވައްޒަފުން،" ކަމަށް ވިދާޅުވިއެވެ. އަދި ބައި އިލެކްޝަންތަކުގެ މަސައްކަތާ ހެދި އީސީގެ ތަރައްގީއަށް ކުރަން ޖެހޭ މަސައްކަތްތައްވެސް ނުކުރެވޭ ކަމަށް ފުއާދު ވިދާޅުވިއެވެ.

މި ކަމާބެހޭ އިތުރު ތަފުސީލު ދެއްވަމުން ހަބީބު ވިދާޅުވީ، މިހާތަނަށް 21 ބައި އިލެކްޝަން ބާއްވާފައިވާ ކަމަށެވެ. އެގޮތުން 2021ގައި 11 ބައި އިލެކްޝަން، މިއަހަރުގެ މިހާތަނަށް 10 ބައި އިލެކްޝަން ބާއްވާފައިވާ އިރު، އަންނަ ޖޫން މަހުގެ ތެރޭގައި ހަ ގޮނޑި ހުސްވެގެން ފަސް ރަށެއްގައި އިންތިހާބު ބާއްވަން ޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އިތުރު ތިން ރަށެއްގެ ޑަބްލިޔުޑީސީގެ ގޮނޑި މިހާރު ހުސްވެފައިވާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ، ކައުންސިލް އިންތިހާބަށްފަހު 2.4 މިލިޔަން މި އިންތިހާބުތަކަށް މިހާރު ހަރަދުވެފައިވާ ކަމަށާއި، އެވަރަށް ހަރަދު ކުޑަވެފައި ވަނީވެސް ބައެއް އިންތިހާބުތަކުގައި އެއް ކެންޑިޑޭޓެއް ކުރިމަތިލާތީ، އިންތިހާބު ބާއްވަން ނުޖެހިދާ ބައެއް ފަހަރުތައް ދިމާވާތީ ކަމަަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއީ ދައުލަތަށް އުފުލޭވަރުގެ ބުރައެއްނޫން ކަމަށާއި، މިކަމަށް ހައްލު އަންނަން ޖެހޭ ކަމަށެވެ.

އީސީގެ މެންބަރު އަލީ ނަޝާތު ވިދާޅުވީ، ރާއްޖޭގެ ގާނޫނީ ފްރޭމް ވޯކުގައި ބައި އިލެކްޝަންތައް ބާއްވާނެ ގޮތެއް ކަނޑައަޅާފައި ނެތުމަކީވެސް މައްސަލައެެއް ކަމަށެވެ.

"މީހަކު އިސްތިއުފާ ދީފިއްޔާ މީހަކު އިންތިހާބު ކުރަންވާނެއޭ އޮންނަނީ، އެހެންކަމުން އަޅުގަނޑުމެން އެބަޖެހޭ ބޮޑު އިންތިހާބެއްގައި ކުރާ ހުރިހާކަމެއްކުރަން، ވޯޓު ކަރުދާސް ވެސް އެ ފެންވަރުގައި ޗާޕު ކުރަން، ހަގީގަތުގައި މިހާރު ބައި އިލެކްޝަންގައި ހަރަދުގެ ދެބައިިކުޅަ އެއްބައި އެއީ ވޯޓު ކަރުދާސް، އެގޮތަށް ބަލާއިރު އޭގެ ހަތްދިހަ ޕަސެންޓް ފައިސާ އަޅުގަނޑުމެން ތިލަފުށްޓަށް ގެންގޮސް މި އަންދާލަނީ. ވޯޓުލާން މި ނުކުންނަނީ އަށް ޕަސެންޓާއި 30 ޕަސެންޓާ ދޭތެރޭގަ. ހަގީގަތުގަ މި ބަހުސްގައި އަންނަން ޖެހޭ ވޯޓުލުމަށް ނުނިކުންނަ ސަބަބުވެސް ބައި އިލެކްޝަނެއް އަޅުގަނޑުމެން ބާއްވައިފިން މާލޭގަ ބެހެއްޓި ފޮއްޓެއް އިލެކްޝަންގެ ތާރީހުގައި އިންތިހާބު ފެށިގެން، ހެނދުނުން ފެށިގެން ހަވީރުވީއިރު ނުހުޅުވައި، އެއީ ވޯޓުލާން މީހަކު ނައިސްގެން،"

އަފްޝަން ވެސް ވިދާޅުވީ އެ ބައި އިލެކްޝަން ތަކަކީ، އެލްޖީއޭގެ ވޯކުލޯޑުވެސް ވަރަށް ބޮޑުވެގެންދާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން 200 ވަރަކަށް ރަށަށް ކޭޓާ ކުރަންޖެހޭ، ވޯކުލޯޑް ވަރަށް ބޮޑުވާ ކަމެއް ބައިއިލެކްޝަން ތަކަކީ، އެންމެ ފުރަތަަ ރިޒައިން ކުރީމަ، އެކަން މިއަންގަނީ އެލްޖީއޭއަށް، އެލްޖީއޭއިން އީސީއާ ކޮމިއުނިކޭޓް ކުރާނެ، މިއިން ކޮންމެ ބައި އިލެކްޝަނެއްގައި އަޅުގަނޑުމެންގެ ސްޓާފުންވެސް އެކަމުގަ އެބަ ތާށިވޭ. އަޅުގަނޑުމެންވެސް ގެންގުޅެނީ ސާޅީހެއްހާ ސްޓާފުން، 200 ވަރަކަށް ރަށަށް ކޭޓަ ކުރަންޖެހޭ ބައެއް އެހެންވީމާ އެކަމަށް ހައްލެއް ލިބިއްޖެއްޔާ ވަރަށް ލުއިވާނެ،"

ބައި އިލެކްޝަންތައް ބާއްވާގޮތް ބަދަލު ކުރުމުގެ މަޝްވަރާ:

ޑަބްލިއުޑީސީގެ ބައި އިލެކްޝަންތައް ބާއްވަން މިހާރު ގާނޫނުގައި ކަނޑައަޅާފައިވާ ގޮތް ބަދަލު ކުރަން، މަޝްވަރާ ކޮށް، ގޮތްތަކެއް ހުށަހަޅާފައިވާ ކަމަށްވެސް އެ ބޭފުޅުން ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ، އެކަމާބެހޭ ގޮތުން އޭޖީ އޮފީހާވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. ރަނގަޅު ގޮތަކީ ބައި އިލެކްޝަންތައް ވީހާވެސް މަދުން ބޭއްވޭނެ ގޮތެއް ހަަމަޖެއްސުން ކަމަށާއި ހަރަދު ކުޑަވެފައި ބުރަ ބޮޑު ނުވާނީ އޭރުން ކަމަށްވެސް ފުއާދު ވިދާޅުވިއެވެ.

އެގޮތުން ކޮންމެ ދައުރަކު ދެފަހަރު ބައި އިލެކްޝަންތައް ބޭއްވުމަށާއި، ކޮމެޓީގެ ކޯރަމް ހަމަވަންޏާ ބައި އިލެކްޝަންތައް ނުބާއްވައި، ދައުރު ނިމިގެން އަންނަ އިންތިހާބަށް މަޑުކުރުމާއި، ކޯރަމް ހަމަނުވާ ހިސާބުން ބައި އިލެކްޝަންތައް ބާއްވާގޮތަށް ހިމަނަން ވަނީ ވާހަކަ ދައްކަވައިފައެވެ.

އެލްޖީއޭގެ ހިޔާލު ހުރީ، ގާނޫނުގައި އޮތް ގޮތަށް ލޯކަލް ކައުންސިލްތަކާއެކު ޑަބްލިއުޑީސީގެ އިންތިހާބު އީސީން ބޭއްވުމަށްފަހު، ބައި އިލެކްޝަންތައް ކައުންސިލްތަކުން ކުރިއަށް ގެންދިއުމަށެވެ. އެއީ ހަރަދު ކުޑަވެފައި ބުރަ ކުޑަވާނެތީއެވެ. އެގޮތަށް ގެންދާ ބައި އިލެކްޝަންތައް އަތޮޅު ކައުންސިލްތަކާ ހަވާލު ކުރުމަށްވެސް ބައެއް މެންބަރުން ހިޔާލު ހުށަހެޅުއްވިއެވެ.

އޭޖީ އޮފީހުގެ ސްޓޭޓް ކައުންސިލް އަލީ ޝުހެއިލް މުހައްމަދު ވިދާޅުވީ، ބައި އިލެކްޝަންތައް ބާއްވަން ޖެހުމާ ގުޅޭގޮތުން ހުރި މާލީ އަދި އިދާރީ ދަތިތައް ހައްލު ކުރުމަށް އީސީއާއެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެ މަޝްވަރާތަކުގައި އީސީން ބޭނުންނާ އިސްލާހު އެ އޮފީހާ ހިއްސާ ކޮށްފައިވާ ކަމަށާއި، އެއީ އަހަރަކު ދެ ބައި އިލެކްޝަން ބޭއްވުމަށް ކަމަށްވެސް ވިދާޅުވިއެވެ. ބޭނުންވަނީ އެކަން ރަނގަޅަށް ދިރާސާކޮށް ވީ އެންމެ ރަނގަޅު ބަދަލެއް ގާނޫނަށް ގެނައުން ކަމަށްވާތީ އެކަން ކުރެވޭނީ ކޮން ގޮތަކަށްތޯ ބަލައި އެކަން ދިރާސާ ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ. އަދި އަވަސް މުއްދަތެއްގެ ތެރޭގައި އެ މަސައްކަތް ނިމި ގާނޫނު އިސްލާހު ކުރަން ފޮނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.