ދަރަނީގެ މައްސަލަތަކުގައި ސަސްޕެންޑްކޮށްފައި އޮތް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަލުން ފުޓްބޯޅައިގެ ތެރެއަށް ގެންދަން ކުރެވެމުންދާ މަސައްކަތްތައް ކުރިއަށްދަނީ ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޭސްތިރިކަމުގެ ދަށުން ކަމަށް ކްލަބަށް ރޭ އިންތިހާބުވި ޗެއާމަން އަހުމަދު ވާސިފް ވިދާޅުވެއްޖެއެވެ.
ކުޅުންތެރިންގެ މުސާރަ ނުދޭ މައްސަލައިގައި ނިއު ރޭޑިއަންޓް ސަސްޕެންޑް ކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. ބިދޭސީ އަދި ދޭސީ ކުޅުންތެރިންނާއި ކޯޗުންނަށްވެސް ބޮޑެތި އަދަދުތަކުން ނުދީ އޮތް މުސާރަތަކުގެ މައްސަލައިގައި ނިއު ރޭޑިއަންޓް ފުރަތަމަ ސަސްޕެންޑް ކުރީ އެފްއޭއެމުންނެވެ. އޭގެ ފަހުން ބިދޭސީ ކޯޗުންނާއި ކުޅުންތެރިން މައްސަލަތައް ބަލައި، ފަހުން ފީފާއިންވެސް ވަނީ ނިއު ރޭޑިއަންޓް ފުޓުބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައެވެ.
ނިއު އަށް އަލުން ފުޓްބޯޅައިގެ ތެރެއަށް ވަދެވެން އޮތީ ފީފާގެ ދަރަނި އަދާކޮށް، އެފްއޭއެމްއަށް ދިވެހި ކުޅުންތެރިންގެ މުސާރަތައްވެސް ހަވާލުކޮށްގެންނެވެ. އެ ދަރަނިތަކުގެ ތަފްސީލު މިހާރު އެނގޭކަށްވެސް ނެތެވެ. އެއީ ފީފާއިން ބެލި މައްސަލަތަކުގައި ނިންމި ނިންމުންތަކުގެ ސާފު މައުލޫމާތު އެނގިފައި ނުވާތީ އާއި މައްސަލަތަކުގެ ޖޫރިމަނާ ދިގުލައިގެން ގޮސް، އިންޓަރެސްޓްގެ ގޮތުގައި އިތުރަށް ގިނަ ފައިސާތަކެއް އަރާފައިވެސް ވާނެތީއެވެ.
ނިއުގެ ދަރަނިތައް ބޮޑުކަމުން އެ ކްލަބުގެ ސަޕޯޓަރުން އިސްވެ، ދާދިފަހުން ވަނީ ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ނަމުގައި އާ ކްލަބެއްވެސް އުފައްދައިފައެވެ. އެ ކްލަބުގެ ޗެއާމަނަކީވެސް ވާސިފެވެ. ވާސިފާއެކު ވުޖޫދުކުރި އެ ކްލަބަށް ކުރިއަށް ނުދެވުނީ، ނިއުގެ ސަކްސެސާއެއް ކަމަށް އޭއެފްސީން ކަނޑައެޅުމުންނެވެ.
"ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި ދިވެހި ސަރުކާރު ތިއްބެވީ ނިއު ރޭޑިއަންޓް ސަޕޯޓަރުންގެ ފަހަތުގައި. ރައީސުލްޖުމްހޫރިއްޔާގެ މޭސްތިރިކަމުގެ ދަށުން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރުގެ ބެއްލެވުމުގެ ދަށުން މިއަދު މި ވަނީ ނިއު ރޭޑިއަންޓް އަލުން އަނބުރާ ވުޖޫދަށް ގެނައުމުގެ މަސައްކަތް ފައްޓަވާފައި،" ނިއުގެ މަސައްކަތް އަލުން ފެށުމަށް ރޭ ބޭއްވި ހާއްސަ އާންމު ޖަލްސާގައި ވާސިފް ވިދާޅުވިއެވެ.
ނިއުގެ ކަންކަމުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އެފްއޭއެމްގެ ރައީސް، ބައްސާމް އަދީލް ޖަލީލްއާ އެކު ރައީސް އޮފީހުގެ މިނިސްޓަރު ސަމީރުގެ ބައްދަލުވުންތަކެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށް ވާސިފް ވިދާޅުވިއެވެ.
ވާސިފް އެހެން ވިދާޅުވެފައިވާ އިރު، ނިއުގެ ބޯޑުގައި ހިމެނޭ މެމްބަރުންނާއެކު ރައީސް ދާދި ފަހުން ވަނީ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގެ ފޮޓޯއެއް ކްލަބުގެ ރަސްމީ ޕޭޖުގައި ޕޯސްޓް ކޮށްފައިވާ އިރު، ރައީސް ދެއްކެވި ވާހަކަފުޅުގެ ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ނިއުގެ ސަޕޯޓަރުންނަށް ވާސިފް ދެއްވި، ދެވަނަ ހަބަރަކީ ކްލަބްގެ މާކެޓިން ކަންކަމާ ހަވާލުވާން ކުންފުންޏެއް ތައްޔާރަށް އޮތް ކަމުގެ ވާހަކައެވެ. އަދި އެކަމާ ބެހޭ މައުލޫމާތު ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ދެވޭނެ ކަމަށް ވާސިފް ވިދާޅުވިއެވެ. ނިއު އަލުން ކޮޅަށް ޖަަހަން ބޭނުންވާ ފައިސާ ހޯދުމުގެ ފަންޑްރައިޒިން މަސައްކަތް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވާސިފް ވިދާޅުވިއެވެ.