Close
ޚަބަރު

ކަނޑުއަޑިން ފެނުނު ލުތުފަރުގެ ކަށިތަކުގެ ޑީއެންއޭ އާއިލާގެ މީހުންނާ ދިމާވޭ: ހެކިވެރިޔާ

މުހައްމަދު އިޝާން

ށ. ޅައިމަގު "ކުރިމަގު 1" ބޯޓުގައި މަސައްކަތް ކުރަން އުޅުނު ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރުގެ ހަށިގަނޑު ކަމަށް ބުނެ ފުލުހުން ހޯދި ހަށިގަނޑުގެ ޑީއެންއޭ ލުތުފަރުގެ ދަރިންގެ ޑީއެންއޭ ދިމާވާ ކަމަށް ހެކިވެރިއެއް ބުނެފިއެވެ.

ލުތުފަރު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް އޭނާގެ ހަށިގަނޑު މޫދުން ފެނިފައިވަނީ 2019 ވަނަ އަހަރުގެ މާޗު މަހުއެވެ. ފުލުހުންގެ ސީރިޔަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުގެ ހެޑް، ސްޕްރިޑެންޓް އޮފް ޕޮލިސް ހަޝަން ޝިފާއު އެއިރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ، ލުތުފަރު ވަނީ އޭނާ އާއެކު އެ ބޯޓުގައި މަސައްކަތް ކުރާ އެހެން ފަޅުވެރިންނާއެކު ޖިސްނީ ގުޅުން ހިންގަން މަސައްކަތް ކޮށްފައި ކަމަށެވެ. އަދި ލުތުފަރު މަރާލީ އެކަމުގައި ނުރުހުމުގައި ކަމަށް ބެލެވޭ ކަމަށެވެ.

ލުތުފަރު މަރާލުމަށްފަހު ހަށިގަނޑާ މެދު ކަންތައް ކުރި ގޮތުގެ މައުލޫމާތު ދެމުން ޝިފާއު ވިދާޅުވެފައިވަނީ، ލުތުފަރުގެ ހަށިގަނޑުގައި ތިން ބަސްތާ ވާ ޖަހައިގެން އެއްސުމަށްފަހު 20 ލީޓަރުގެ ކުކިން އޮއިލް ހުސްކުރި ހަން ހިފައިގެން ފަތައިފައި ލުތުފަރު ހަށިގަނޑު ގެންދިޔަ ކަމަށެވެ. ނަމަވެސް ލުތުފަރުގެ ހަށިގަނޑުގައި ތިން ބަސްތާ އައްސައިފައިވުމުން، ފަތައިފައި ނުގެންދުވުމުގެ ސަބަބުން ދެ ބަސްތާ ވަނީ ތޮށިގަނޑު މައްޗަށް ދޫކޮށްފައި ކަމަށެވެ. އަދި އެއަށްފަހު ތޮށިގަނޑު ނިމޭ ހިސާބުން ލުތުފަރުގެ ހަށިގަނޑު ގަންބާލީ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ދައުވާ އުފުލާފައިވަނީ ބަންގްލަދޭޝްގެ ރައްޔިތުން ކަމަށްވާ އަލަމިން އާއި ނޫރުލްއިސްލާމް މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް ވެސް އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ދައުވާ ލިބޭ އެމްޑީ އަކްތަރް ހުސައިން ޖަލުގައި ހުއްޓައި ވަނީ މަރުވެފައެވެ.

މިއަދު ކުރިމިނަލް ކޯޓުގައި ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހުށަހެޅި އެއް ހެކިވެރިޔާ ކަމަށްވާ ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގައި މަސައްކަތްކުރާ އަޝީޔާ ހަކީމް ވިދާޅުވީ، ކަނޑު އަޑިން ފެނުނު ކަށިތަކުގެ ތެރެއިން ދަތްދޮޅިއާ ދިމާލުން ދަތްތައް ހިމެނޭ ކަށިގަނޑެއް ތަހުލީލުކޮށް ޑީއެންއޭ ނަގާފައިވާ ކަމަށެވެ. އަދި އެ ޑީއެންއޭ ލުތުފަރުގެ މަންމަ އާއި ބައްޕަގެ ޑީއެންއޭ ޕްރޮފައިލްއާ އަޅައިކިޔުމުން، ކަށިތަކަކީ އެ ދެމީހުންގެ ދަރިއެއްގެ ކަށިތަކެއްކަން ކަށަވަރުވެފައިވާ ކަމަށެވެ.

އެކަން އިތުރަށް ކަށަވަރުކުރުމަށް ލުތުފަރުގެ ދަރިންގެ ޑީއެންއޭ ކަށިތަކުގެ ޕްރޮފައިލް މެޗުވޭތޯ ބެލުމުންވެސް ދިމާވާ ކަމަށް އާޝިޔާ ވިދާޅުވިއެވެ. އެހެންކަމުން އެ ކަށިތަކަކީ ލުތުފަރުގެ ކަށިތަކެއްކަން ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

ލުތުފަރުގެ މަރުގެ މައްސަލައިގެ ސީން އޮފް ކްރައިމް ރިޕޯޓު ތައްޔާރުކުރެއްވި ފުލުހުންގެ އޮފިސަރު އިބްރާހިމް ފައިސަލް ބަޝީރު ވިދާޅުވީ، ލުތުފަރު ހަށިގަނޑުގެ ކަށިތައް ހޯދުމަށް ދެ ފަހަރެއްގެ މަތިން އެ ސަރަހައްދަށް ޑައިވް ކޮށްފައިވާނެ ކަމަށާއި އެ ކަށިތައް ފެނުނީ ކަނޑު އަޑީގައި ހުންނަތާ ހަފުތާއެއް ވަރު ވީ ފަހުން ކަމަށެވެ.

ބަންގުލަދޭޝް ރައްޔިތެއް ކަމަށްވާ އާދަމް ޝަކީބު ހެކިބަސް ދެމުން ބުނީ، ލުތުފަރު މަރާލި ރޭ އޭނާ އޮތީ ބަނދަރު މަތީ ޖޯއްޔެއްގައި ކަމަށާއި ލުތުފަރު މަރުވިކަމަށް ބުނާ ވަގުތު ވަރަށް ބާރު އަޑެއް އިވިގެން ބޯޓު ކައިރިއަށް ދިޔަ ކަމަށެވެ. ދިޔުމުން އެއީ ފަޅުވެރިން މަޖާކުރަނީކަމަށް ދައުވާލިބޭ ފަރާތުން ބުނި ކަމަށެވެ. އަދި އެރޭ ބޯޓުގެ ހުރިހާ ބޮތްކެއް ނިއްވާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ހެކިބަސް ދިން ޝަމީމް މިއާ ބުނީ، ބޯޓު ކައިރިއަށް އެދުވަހު ހަވީރު ދިޔަ އިރު، ލުތުފީ ދިރިހުއްޓައި ފެނުނު ކަމަށެވެ. ނަމަވެސް އެ ދުވަހުގެ ރޭގަނޑު ބޯޓު މާލެއިން ފުރި އިރު ލުތުފަރު ބޯޓުގައި ނެތް ކަމަށެވެ.

އެމްޑީ އަމީރުލް އިސްލާމް ހެކިބަސް ދެމުން ބުނީ، އޭނާ އެރޭ ލޯންޗު ސާފުކުރަން އުޅެނިކޮށް ލުތުފަރު މަސައްކަތް ކުރަމުންދިޔަ ބޯޓުން އަޑުތަކެއް އިވުނު ކަމަށާއި އަދި އެއްޗެއް މޫދަށް ވައްޓާލާ އަޑުވެސް އިވުނު ކަމަށެވެ. އަދި އެ ބޯޓުން ތިން ފަހަރެއްގެ މަތިން މީހަކު ހަޅޭލެވި އަޑުއިވުނު ކަމަށެވެ. އެކަން އެބޯޓުގެ ވެރިމީހާއަށް އެންގުމުން، އޭނާ ބޯޓު ކައިރިއަށް ދިޔަ ކަމަށެވެ.

އެ ހެކިވެރިއާގެ ހެކިބަސް ނެގުމަށްފަހު މިއަދުގެ ޝަރީއަތް ވަނީ ނިންމާލައިފައެވެ. މި މައްސަލަ ބައްލަވަނީ ގާޒީ ހުސެއިން ފާއިޒުއެވެ. ގާޒީ ފާއިޒު ވިދާޅުވީ ދެން އޮންނަ ޝަރީއަތެއްގައި ދައުލަތުގެ ފަރާތުން ހުށަހަޅާ އެންމެފަހު ހެކިވެރިޔާގެ ހެކި ބަސް ނަގާނެ ކަމަށެވެ. އެ ހެކިވެރިޔަކީ ލުތުފަރުގެ ކަށިތައް ހޯދުމަށް ޑައިވްކުރި އެމްއެންޑީއެފްގެ މީހެކެވެ.

ލުތުފަރުގެ މަރުގެ ތަހުގީގު މަރުހަލާގައި ދައުވާ ލިބޭ ދެ މީހުން ވެސް ވަނީ ކުށަށް އިއުތިރާފުވެ ހާދިސާ ހިގައިދިޔަގޮތް ކިޔައިދީ ހަށިގަނޑު އޮތްތަން ބުނެދީފައެވެ. ނަމަވެސް ކޯޓުގައި ވަނީ އެ އިއުތިރާފުން ރުޖޫއަވެފައެވެ. ޖިނާއީ އިޖުރާތުގެ ގާނޫނުގައިވާ ގޮތުން އެގޮތަށް އިއުތިރާފުން ރުޖޫއަށްވެއްޖެނަމަ އެ މައްސަލައެއް އަލުން ތަހުގީގުކުރަން ޖެހޭނެއެވެ. އެ ތަހުގީގަށް ލިބޭނީ އަށް ދުވަހުގެ މުއްދަތެވެ.

ލުތުފަރު މަރުގެ މައްސަލަ ދެ ވަނަ ފަހަރަށް ތަހުގީގުކޮށް ކޯޓަށް ހުށަހެޅުމުން ކަނޑު އަޑިން ފެނުނު ހަށިގަނޑު އެއީ ލުތުފަރުގެ ހަށިގަނޑުކަމާ މެދު ގާޒީ ސުވާލު އުފެއްދިއެވެ. އެހެންވެ ލުތުފަރުގެ އާއިލާ ޑީއެންއޭ ނަގައި ވަނީ ހެކީގެ ގޮތުގައި ހުށަހަޅައިފައެވެ. ޑީއެންއޭ ނަގާފައިވަނީ ރާއްޖޭގައި ހުންނަ ބަންގުލަދޭޝް އެމްބަސީ މެދުވެރިކޮށް އެގައުމުގެ ފުލުހުންނެވެ.