ޚަބަރު

ފަނޑިޔާރުގެ ސުވާލެއް: ރާއްޖެއަށް މިހާރު އެތެރެ ނުކުރާ ފިލްމު ހުސްކުރި ދަޅު، ޑްރަގު އަޅަން ހޯދަނީ ކޮންތަނަކުން؟

މުހައްމަދު އިޝާން

5

މަސްތުވާތަކެތި އަޅާފައި ހުންނަ ފިލްމު ދަޅަކީ މިހާރު ރާއްޖެއަށް އެތެރެކުރާ އެއްޗެއް ނޫން ކަމަށާއި، ނަމަވެސް މަސްތުވާތަކެތި އަޅަން އެ ދަޅުތައް ހޯދާ ގޮތާ ބެހޭގޮތުން ހައި ކޯޓުގެ ފަނޑިޔާރުން ސުވާލުކުރައްވައިފިއެވެ.

ށ. މަރޮށި، ހަވާ، ސަދުހާން އަހުމަދު ޒާހިރާއި އިތުރު ބަޔަކު ގެއެއްގެ ތެރޭގައި މަސްތުވާތަކެތީގެ ބޭނުންކޮށް ވިޔަފާރި ކުރަމުންދާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ވަނީ އެ އެންމެން ހައްޔަރުކޮށްފައެވެ. ނަމަވެސް ކުރިމިނަލް ކޯޓުން ވަނީ އެ ހުރިހާ މީހުން ބަންދުގައި ބަހައްޓައިގެން ތަހުގީގުކުރަން ޖެހޭ ނުވަތަ ޝަަރީއަތް ނިމެންދެން ބަންދުކުރަން ނުޖެހޭކަމަށް ކަނޑައަޅައި ދޫކޮށްލައިފައެވެ.

އެ މީހުންގެ ތެރޭގައި ހިމެނޭ ސަދުހާން ބަންދުން ދޫކޮށްލި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީސް ނުވަތަ ދައުލަތުގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލައިގެ އަޑުއެހުން މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ މައްސަލައިގެ ދެ ދިފާއުންނާއި ދައުލަތުގެ ފަރާތުން އަދި ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ވާހަކަދައްކައި ނިމުމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު މުހައްމަދު ނިޔާޒު އައިއޯއާ ސުވާލުކުރައްވަމުން ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ އިރު، ފިލްމު ހުސްކުރި ދަޅު އަބަދުވެސް ބޭނުންކުރާތީ އެހާ ވަރަށް އެފަދަ ދަޅު ހޯދަނީ ކޮންގަތަކުންތޯ އައްސަވައިފައެވެ.

"މިހާރު މިކަހަލަ ފިލްމު ނުވެސް ގެންގުޅޭ ނޫންތޯ؟. އޭގެ ދަޅު އެބަ ބޭނުންކުރޭ މަސްތުވާތަކެތީގެ ވިޔަފާރީގައި. އަބަދުވެސް އަޑު އިވެނީ ފިލްމު ހުސްކުރި ދަޅެއްގެ ވާހަކަ. އޭގެ ދަޅު ވަކިން އެތެރެކުރަނީތޯ ރާއްޖެއަށް؟،" ފަނޑިޔާރު ނިޔާޒް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އައިއޯ ވިދާޅުވީ، ފިލްމު ހުސްކުރި ދަޅު ރާއްޖެއަށް އެެތެރެ ކުރާކަމެއް ނުތަވަ ނޫންކަން އެނގިވަޑައިނުގަންނަވާ ކަމަށާއި، އާއްމު ގޮތެއްގައި ކެނަބިސް ބަންދުކޮށްފައި ނުވަތަ އަޅާފައި ހުންނަނީ ފިލްމު ހުސްކުރި ދަޅުތަކަށް ކަމަށެވެ.

އެކަމާ ދައުލަތުން ވެސް ވިދާޅުވީ، ފުލުހުންގެ ރިޕޯޓުތަކުން ފެންނަނީ ފިލްމު ހުސްކުރި ދަޅަށް މަސްތުވާތަކެތި އަޅާފައި ހުންނަ ކަމަށް ބަޔާންކޮށްފައިވާ ތަން ކަމަށާއި އެ ދަޅު ހޯދާގޮތެއް ނޭނގޭ ކަމަށެވެ.

ފަނޑިޔާރު ނިޔާޒު ވިދާޅުވީ، އެ ތުހުމަތުކުރެވޭ ފަރާތްތަކުން އަމިއްލައަށް އުފައްދާ ފުޅިއެއްތޯ ބަލަން ޖެހޭ ކަމަށެވެ.

"އެކަން ބަލަންވެއްޖެ ނޫންތޯ މިހާރު؟" ފަނޑިޔާރު ނިޔާޒް ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުން ފެށުމުގެ ކުރިން ފަނޑިޔާރު ނިޔާޒު ވަނީ ސަދުހާން ދިރިއުޅެމުންދާ ތަނާ ގުޅޭނެ ފޯނު ނަމްބަރެއް ނެތުމުން އޭނާ ދިރިއުޅުނު ތަނެއް ސާފުކޮށްދިނުމަށް އެދިވަޑައިގެންފައެވެ. އަދި ސަދުހާން ދިރިއުޅެމުންދާ ތަނެއް ނޭނގުމުގެ ސަބަބުން ޝަރީއަތް ވަރަށް ބޮޑަށް ލަސްވެފައިވާކަމަށް ފަނޑިޔާރު ނިޔާޒު ވިދާޅުވިއެވެ.

ފަނޑިޔާރު ނިޔާޒުގެ ސުވާލަށް ޖަވާބުދެމުން ސަދުހާން ބުނީ، އޭނާ އުޅުނީ ގޭގައި ކަމަށާއި އަދި އޭނާގެ ސިއްހީ ހާލަތު ވަރަށް ދަށް ކަމަށެވެ.

އެ ޖަވާބާ ގުޅިގެން ފަނޑިޔާރު ނިޔާޒު ވަނީ ސަދުހާން ކޯޓަށް ހާޒިރުވާން އެނގުނު ގޮތާ މެދު ސުވާލު ކުރައްވައިފައެވެ. ސަދުހާން ބުނީ އޭނާގެ ބޭބެގެ ފޯނަށް ގުޅައި ކޯޓަށް ހާޒިރުވާން ޖެހޭކަން އެންގި ކަމަށާއި އަދި ފުލުހުން ހޯދަމުންދާ ކަމަށް އެންގި ކަމަށެވެ. އަދި ހައި ކޯޓުން ވެސް އޭނާއަށް ގުޅި ކަމަށާއި، އިއްޔެ ވެސް ކޯޓަށް ހާޒިރުވެފައިވާ ކަމަށެވެ. ނަމަވެސް އަޑުއެހުން ކެންސަލްވި ވާހަކަ ކޯޓުން އެންގި ކަމަށެވެ.

ސަދުހާންގެ މައްސަލަ ތަހުގީގުކުރަމުންދާ އައިއޯއާ ސުވާލުކުރައްވަމުން ފަނޑިޔާރު ވަނީ ސަދުހާން ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންނަށް އަމުރުކޮށްފައިވާނެ ކަމަށް ވިދާޅުވެ، އެ އަމުރާ ގުޅިގެން ފުލުހުން ފިޔަވަޅެއް އެޅިތޯ ސުވާލު ކުރައްވައިފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން އައިއޯ ވިދާޅުވީ، ފުލުހުންގެ ފިއުޖިޓިވް ރިކަވަރީ ޔުނިޓުން ސަދުހާން ހޯދައި ހައްޔަރުކުރަން ކުރި މަސައްކަތް ނާކާމިޔާބު ވެފައިވާތީ ކޯޓު އަމުރުގެ ދަށުން ހައްޔަރުކުރެވިފައި ނުވާ ކަމަށެވެ.

އައިއޯގެ އެ ވާހަކަތަކާ ގުޅިގެން ފަނޑިޔާރު ނިޔާޒު ވަނީ ފުލުހުންނަށް ފޮނުވި އެ އަމުރު ލީކުވި ކަމަށް ދެކިވަޑައިގެންފައެވެ.

"މިހާރު އަޅުގަނޑުމެން މިކޮޅަކުން އަމުރެއް ނުފޮނުވަން އެހެން ފަރާތަކަށް ފުލުހުންނަށް އަމުރު ފޮނުވީ އިނގޭތޯ. ދެން އަޅުގަނޑުމެންނަށް ވެސް ސަދުހާން ނުފެނިގެން ފުލުހުންނަށް ހާޒިރުކޮށްދޭން އަމުރުކުރީ. އެހެންވީމާ އެ އަމުރު އެގޮތަށް ކުރިކަން އެފަރާތަށް (ސަދުހާން) އެނގޭ ސަބަބަކީ ކޮބާ؟. މިހާރު އެއްވެސް ފަރާތަކުން އަންގައިގެނެއް ނޫން އޭނާ ހާޒިރުވެ މިއަދު އެއިނީކީ. އެހެންވެ ފުލުހުންނަށް ފޮނުވި އަމުރެއް ފުލުހުން ހޯދަން އުޅޭކަން އެފަރާތަށް އެނގޭ ގޮތަކީ ކޮބައިތޯ؟،" އައިއޯއާ ސުވާލުކުރައްވަމުން ފަނޑިޔާރު ނިޔާޒު ވިދާޅުވިއެވެ.

އެ ސުވާލާ ގުޅިގެން އައިއޯ ވިދާޅުވީ، ސަދުހާނަށް އެކަން އެނގުނު ގޮތެއް ނޭނގޭ ކަމަށާއި، މައްސަލައިގައި އުޅުއްވާ އެހެން ފުލުހުންގެ ފަރާތުން މައުލޫމާތު ލިބިފައިވަނީ ސަދުހާން ހޯދަން އޭނާ ތަހުގީގަށް ދީފައިވާ ނަމްބަރަށް ވެސް ގުޅިކަން ކަމަށެވެ. އަދި ސަދުހާން ތަހުގީގަށް ދީފައިވާ އެޑްރެސްތަކަށް ދިއުމުން ވެސް ފެނިފައިނުވާ ކަމަށެވެ.

ފޯނު ނަމްބަރާއި އެޑްރެސް ނުބައިވެފައިވާތީ އެކަމާ ގުޅިގެން ފަނޑިޔާރު ނިޔާޒް ދައުލަތާ ސުވާލުކުރުމުން ސަދުހާން ތަހުގީގަށް ދީފައިވަނީ ނުބައި އެޑްރެސްއަކާއި ފޯނު ނަމްބަރެއްކަން އަދި ކޯޓުން ގުޅިކަމަށް ބުނެ ހެދީ ދޮގުކަން ވަނީ އެނގިފައެވެ.

އެހެންވެ ފަނޑިޔާރު ނިޔާޒް އަމުރުކުރެއްވީ، ސަދުހާން ކޯޓަށް ހާޒިރުނުވެދާނެތީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށެވެ.

"އެހެންވީމާ ޝަރީއަތް ނިމެންދެން ސަދުހާން ހުންނާނީ ބަންދުގައި ފުލުހުންގެެ. މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމުމަށްފަހު ނުދެވޭނެ މިކޮޅަކުންނެއް،" ފަނޑިޔާރު ނިޔާޒް ވިދާޅުވިއެވެ.

އެގޮތަށް އަމުރު ކުރެެއްވުމަށްފަހު އަޑުއެހުން ވަނީ ފަށައިފައެވެ. އަޑުއެހުމުގައި ދައުލަތުގެ ފަރާތުން އެދުނީ ސަދުހާން ބަންދުކޮށް ދިނުމަށެވެ. އެއީ އޭނާގެ އިނގިލީގެ ނިޝާން މަސްތުވާތަކެތި ފެނިފައިވާތީއެވެ. ސަދުހާންގެ ދިފާއީ ވަކީލު އިބްރާހީމް ސިޔާމް އެދިވަޑައިގަތީ ކުރިމިނަލް ކޯޓުގެ އަމުރު ރަނގަޅުކަމަށް ކަނޑައަޅައިދިނުމަށެވެ. މަސްތުވާތަކެތި ފެނުނު ގެއަށް ސަދުހާން ދިޔައީ ކެއުމެއް ތައްޔާރުކުރަން ކަމަށާއި، އެގޮތަށް ގޮސް އުޅުމުގެ ތެރޭގައި ސަދުހާނަށް މަސްތުވާތަކެތި ހުރި ފޮށީގައި އަތްލެވުނީ ކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ.

ނަމަވެސް ދައުލަތުން ވިދާޅުވީ ފުލުހުން އެގެއަށް ވަނީ ދޮރޮ ހަލާކުކޮށްގެން ކަމަށާއި "ކެއުންގަނޑަކަށް" ދާ މީހުން ފުލުހުން ދޮރު ހަލާކުކޮށްލައިގެން ދޮރު ހުޅުވިޔަ ނުދީ ނުތިބޭނެ ކަމަށެވެ.