ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި ހިނގާ ތޮއްޖެހުން ކުޑަކުރުމަށްޓަކައި، ޗާންދަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދު ވަގުތީ ގޮތުން ދެކޮޅަށް ދުއްވޭ ގޮތަށް މާލޭ ސިޓީ ކައުންސިލުން ބަދަލުކޮށްފިއެވެ.

ސިޓީ ކައުންސިލުން މިއަދު ބުނީ، މިއީ ބޮޑުތަކުރުފާނު މަގުގެ ބައެއް ބަންދުކުރުމާ ގުޅިގެން ދިމާވަމުންދާ ޓްރެފިކްގެ ދަތިތަކަށް ހައްލެއް ހޯދުމަށް ޓްރެފިކް ޕޮލިހުން އެދިގެން ގެނައި ބަދަލެއް ކަމަށެވެ. މި އާ އިންތިޒާމުގެ ދަށުން، އޯކިޑު މަގުން ދަތުރުކުރާ އުޅަނދުފަހަރަށް ޗާންދަނީ މަގުން ގޮސް ބޮޑުތަކުރުފާނު މަގަށް (ބޭރުމަގަށް) ނިކުމެވޭނެ މަގު މިހާރު ވަނީ ހުޅުވާލައިފައިކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ މިދިޔަ މާޗު މަހުގެ 23 ވަނަ ދުވަހުއެވެ. މި މަސައްކަތުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް މިހާރު އޮތީ ބަންދުކޮށްފައެވެ. މަގުގެ ބޮޑު ސަރަހައްދެއް ބަންދުކޮށްފައި އޮތުމުން، މާލޭގެ އިރުމަތީ ފަރާތުގެ މަގުތަކުގައި ދަތުރުފަތުރު ކުރުމަށް ދަތިތަކެއް ދިމާވެއެވެ

.މި މަޝްރޫއު ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފައިވަނީ، މަގު ފުޅާކުރުމުގެ އަމަލީ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި އަމާޒަކީ އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ކުރިން މަސައްކަތް އެއްކޮށް ނިންމާލައި، މިހާރު ބަންދުކޮށްފައިވާ ސަރަހައްދު އާންމުންނަށް ހުޅުވާލުންކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.