ޚަބަރު

ޕެޓިޝަން ހުށަހެޅި އެއާ ޓްރެފިކް ކޮންޓްރޯލް މުވައްޒިފުންނާއެކު ބާއްވާ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި

އިބްރާހިމް ޒަކީ

އެލަވަންސްގެ ފަރަގު ބޮޑުވެފައިވާ މައްސަލައިގައި އެއާ ޓްރެފިކް ކޮންޓްރޯލްގެ މުވައްޒަފުން ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށަހެޅި މުވައްޒިފުންނާ ބައްދަލުކުރާ ޕެޓިޝަން ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުން ފައްޓަވަމުން އެ ކޮމިޓީގެ މުގައްރިރު މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ، ކޮމިޓީގައި މަޝްވަރާ ކުރަން ހަމަޖެހިފައި ވަނީ، އެ މުވައްޒަފުންގެ މަސްލަހަތު ހިމެނޭ ވަރަށްބޮޑު ކަމަކާ ގުޅޭގޮތުން ކަމަށެވެ. އަދި އެމްއޭސީއެލްގެ އެ މުވައްޒަފުން ކޮމިޓީ ބައްދަލުވުން ސިއްރު ކުރުމަށް އެދޭތީ، ކޮމިޓީގެ ކޮންމެވެސް މެންބަރަކު ކޮމިޓީ ބައްދަލުވުން ސިއްރު ކުރުމަށް ހުށަހެޅުއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

އެކަމާ ގުޅިގެން ވާހަކަ ދައްކަވަމުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވީ މުވައްޒިފުން ހުށަހަޅާފައި ވަނީ އެތަނުގެ ވެރިންނާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކެއް ކަމަށެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ، މިނިވަންކަމާއެކީ އެމުވައްޒިފުން ދައްކަން ބޭނުންވާ ވާހަކަތައް ދައްކާލުމަށް ފުރިހަމަ ފުރުސަތެއް ދިނުން ކަަމަށްވާތީ ކޮމިޓީ ބައްދަލުވުން ސިއްރު ކުރުމަށް ހުށަހަޅުއްވާ ކަމަށެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ. އެ ކަމަށް އިތުރު މެންބަރަކު ދެކޮޅު ނުހައްދަވާތީ ކޮމިޓީ ބައްދަލުވުން ސިއްރު ކުރެއްވުމަށް މުގައްރިރު ނިންމެވިއެވެ.

މުވައްޒިފުން ހުށަހެޅި ޕެޓިޝަންގައި ބުނެފައިވަނީ، އެ ވަޒީފާގެ ޖުމުލަ އުޖޫރައިގެ ބޮޑު ބައެއް ބިނާވެފައިވަނީ ރޭޓިން އެލަވަންސްގެ މައްޗަށް ކަމަށެވެ.

ރޭޓިން އެލަވަންސް ބިނާވެފައިވަނީ ކޮންޓްރޯލަރުންނަށް ލިބޭ ތަމްރީނުތަކަށް ކަމަށާއި މިދިޔަ އަހަރުގެ ޖޫން މަހު އެއާ ޓްރެފިކު ސާވިސް، ދެ ޔުނިޓަކަަށް ބަދަލު ކުރުމުން މާލޭ ޓަވަރުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކެރިއާ ޕްރޮގްރެސް ވުމަށް ބޭނުންވާ ތަމްރީންތައް ދިނުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އަލަށް ހަމަޖެއްސި އުސޫލުގެ ދަށުން މޯލްޑިވްސް އެއާ ޓްރެފިކު ކޮންޓްރޯލް ސެންޓަރު (އެމްއޭޓީސީސީ) ޔުނިޓަށް ގިނަ އަދަދެއްގެ ތަމްރީނުތަކެއް ހިމަނާފައި އޮތުމުން، ޓަވާ ޔުނިޓުގެ މުވައްޒަފުންނާއި އެމްއޭޓީސީސީގެ މުވައްޒަފުންނަށް ލިބޭ ރޭޓިން އެލަވަންސްގެ ފަރަގު ވަރަށް ބޮޑުވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެކަމުގެ ސަބަބުން އެމްއޭޓީސީސީއަށް އަލަށް ވަޒީފާއަށް ނަގާ މުވައްޒަފުންގެ ރޭޓިން އެލަވަންސް ޓަވާ ޔުނިޓުގައި 10 އަހަރާއި 15 އަހަރަށްވުރެ ގިނަ ދުވަސްވަންދެން މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ ރޭޓިން އެލަވަންސަށްވުރެ 50 ޕަސެެންޓް ބޮޑުކަން ޕެޓިޝަންގައި ވަނީ ފާހަގަކޮށްފައެވެ.

އެއީ ބޮޑު ބޭއިންސާފެއް ކަމަށާއި، އެމްއޭޓީސީސީގެ މެނޭޖްމެންޓާއި އެމްއޭސީއެލްގެ ވެރިންގެ ސަމާލުކަމަށް އެ މައްސަލަ ތަކުރާރުކޮށް ގެނައި ނަމަވެސް އެކަމަށް ދިނީ ބީރު ކަންފަތެއް ކަމަށްވެސް ބުނެފައިވެއެވެ.

އެ ޕެޓީޝަންގައި އެ މުވައްޒަފުން އެދިފައި ވަނީ ތަމްރީނުތައް ދިނުމުގައި ހަމަހަމަ އުސޫލެއް ގާއިމުކޮށް، ކޮންޓްރޯލަރުންނަށް ހާއްސަކޮށްފައިވާ ރޭޓިން އެލަވަންސް ސިސްޓަމް ބަދަލުކޮށް، އެއާ ޓްރެފިކު ކޮންޓްރޯލަރުން، ކޮންޓްރޯލް ލައިސަންސްގެ ހިދުމަތްކޮށްފައިވާ އަހަރުތަކަށް ބިނާކޮށް އެލަވަންސް ކަނޑައެޅުމަށެވެ.