ޕީއެސްޖީ

އެމްބާޕޭއަށް މުހިއްމުވީ ފައިސާއެއް ނޫން، މީހުން ދައްކާ ވާހަކަ އަޑު އަހާކަށް ބޭނުމެއް ނޫން: ނާސިރު

ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ޕީއެސްޖީގައި މަޑުކުރަން ނިންމި ނިންމުމަކީ ފައިސާއަށް ބަލައިގެން ނިންމި ނިންމުމެއް ނޫން ކަމަށް ކްލަބުގެ ވެރިޔާ ނާސިރް އަލް ހަލީފީ ވިދާޅުވެއްޖެއެވެ.

ނާސިރު އެމްބާޕޭގެ ޓްރާންސްފާއާއި ގުޅިގެން ވާހަކަ ދައްކާފައި ވަނީ ހާއްސަ ޕްރެސް ކޮންފަރެންސެއްގައެވެ. އެ ޕްރެސް ކޮންފަރެންސަކީ އެމްބާޕޭ ޕީއެސްޖީއާއެކު 2025 އާ ހަމައަށް ސޮއިކުރި އެއްބަސްވުން ރަސްމީކޮށް އިއުލާން ކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސެކެވެ.

އެމްބާޕޭ ޕީއެސްޖީއާއެކު އެއްބަސްވުން އާކުރީ ރެއާލްއާ އެކުވެސް އެއްބަސްވުމަކަށް ދިޔުމަށްފަހު، "ޔޫ ޓާން" އެއް ނަގައިފައެވެ. އެކަމުގެ ސަބަބުން ރެއާލްގެ ސަޕޯޓަރުންގެ ނުރުހުންވެސް އެމްބާޕޭއަށް ވަނީ އަމާޒުވެފައެވެ.

މިދިޔަ ސީޒަން ނިންމުމަށްފަހު އެމްބާޕޭ އަމިއްލައަށް ރެއާލްއަށް ބަދަލުވާން އެދުނު އިރު، އެފަހަރު ޕީއެސްޖީން ދޫ ނުކުރީއެވެ. އޭރު އޮތް ގޮތުން މިސީޒަނުގެ ނިޔަލަށް ޕީއެސްޖީން އެމްބާޕޭއާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އޮތީ ހަމަވާށެވެ. އެ މުއްދަތު ހަމަވާން ކުޑަ ދުވަސް ކޮޅަކަށް ވެފައި އޮތް އިރުވެސް އެމްބާޕޭގެ ނިންމުން އޮތީ ރެއާލްއަށް ދާ ގޮތަށް ނަމަވެސް، ފަހުވަގުތު އެ ނިންމުން ބަދަލުކުރިއެވެ.

އެ ނިންމުން އެންބާޕޭ ބަދަލުކުރީ ޕީއެސްޖީން އާދަޔާ ހިލާފު ބޮޑެތި ހުށަހެޅުންތަކެއް ހުށަހަޅައިގެން ކަމަށް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފައެވެ. އެ ހުށަހަޅުންތަކަށް އެމްބާޕޭއާ ސީދާ މަޝްވަރާ ކުރީ ޕީއެސްޖީގެ ގަތަރު ވެރިޔާ ނާސިރު ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ. ނާސިރު ޕީއެސްޖީ ފަރާތުން އެމްބާޕޭއަށް އެއްބަސްވުން އާކުރުމުން ބޮޑު ބޯނަސް ފައިސާއެއް ދިނުމުގެ އިތުރުން ކްލަބުގެ އެތެރޭގެ ކަންކަމަށް ނުފޫޒު ފޯރުވޭނެ ބާރު ދިން ކަމަށްވެސް ސްޕެއިންގެ މީޑިއާތަކުން ބުނެއެވެ.

"ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ މިހުރީ ޕީއެސްޖީގައި. އެމްބާޕޭ އިތުރު ތިން އަހަރަށް ޕީއެސްޖީގައި މަޑުކުރުމަކީ ޕީއެސްޖީ ތާރީހުގައި ފެނުނު މުހިއްމު މަންޒަރެއް. އަހަރެމެން މި މަޑުކުރުވީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ. އަހަރެމެން ފްރާންސް ދެކެ ލޯބިވޭ. ފްރާންސްގެ މި ކްލަބަކީ މި ގައުމުގެ ފުޓުބޯޅައިގެ އެންމެ ވަރުގަދަ ރަމްޒު. މި ކްލަބަށް އިތުރު ތަށިތައް ހޯދައިދޭން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން. ޕީއެސްޖީން އަދި ޗެމްޕިއަންސް ލީގުވެސް ހޯދަން ބޭނުންވޭ،" ނާސިރު ޕްރެސްގައި ވިދާޅުވިއެވެ.

އިއްޔެގެ ޕްރެސްގައި ނާސިރު ފާހަގަކުރީ އެމްބާޕޭ މަޑުކުރީ ފައިސާގެ ހުށަހެޅުމަކަށް ނޫން ކަމަށާއި، ކްލަބުގެ މުސްތަގުބަލަށް ކުރަހާ ތަސްވީރަށް ބަލާފައި ކަމަށެވެ.

"ޕީއެސްޖީން ހުށަހެޅި ފައިސާގެ އަދަދުތަކަށްވުރެ ބޮޑެތި އަދަދުތަކެއް ހުށަހަޅި ސްޕެއިންގެ ކްލަބުތައްވެސް އެބަހުރި. އެހެންވީމަ އެމްބާޕޭ މަޑުކުރީ ފައިސާގެ ގޮތުން ބަލާފައެއް ނޫން. އެއީ ޕީއެސްޖީގެ ޕްރޮޖެކްޓަށް ވިސްނާފައި،" ނާސިރު ވިދާޅުވިއެވެ.

ރެއާލްއާއެކު އެއްބަސްވުމަކަށް އައިސް، އެ ކްލަބަށް އެމްބާޕޭ "ދޯކާ ދިން" ކަމަށް ލަލީގާއިން ބުނެފައިވެއެވެ. ލަލީގާއިން ޕީއެސްޖީގެ އަމަލު ކުށްވެރިކޮށް ބަޔާނެއް ނެރެފައިވާ އިރު، ލަލީލާގެ ރައީސް ހާވިއާ ތޭބާސް ވިދާޅުވީ ޕީއެސްޖީން އަމަލުކުރަނީ ކުޅިވަރުގެ އުސޫލުތަކާ، އާދަތަކާ ހިލާފަށް ކަމަށެވެ. އެ ވާހަކަތަކަށް އިއްޔެގެ ޕްރެސްގައި ނާސިރު ރައްދު ދިނެވެ.

"ފްރާންސް ލީގު ލަލީގާއަށްވުރެ ކުރިއަށް ޖެހުން އެއީ ރަނގަޅު ކަމެއް ކަމަށް ފެންނަނީ. ލަލީގާއަކީ މިހާރު މީގެ ހަތަރު ފަސް އަހަރު ކުރިން އޮތް ފެންވަރުގައި އޮތް ލީގެއް ނޫން. އެ ލީގުގެ ކްލަބުތަކަށް އިހުތިރާމް ކުރާ ހާލު، ފްރާންސް ލީގަށް އިހުތިރާމް ކުރުމަށްވެސް އަހަރެން އެދެން. އަހަރެމެން އަތުގައި މިހުރީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ. އެއީ ނިމުނީ. ދައްކާނެ ވާހަކައަކަށް ނުބަލާނަން،" ނާސިރު އިއްޔެ ވިދާޅުވިއެވެ.

ނާސިރުގެ އެ ހޫނު ވާހަކަތަކާއި ގުޅިގެން ރެއާލްއިންވެސް އަދި ލަލީގާއިންވެސް ރައްދު ދީފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި އެމްބާޕޭގެ ޓްރާންސްފާ ކަންކަން ހިނގާ ދިޔަ ގޮތަށް ރެއާލްއިން އަދި ވާހަކަ ދައްކާނެއެވެ.