ޚަބަރު

ސަދާގެ މަރުގައި އިހުމާލު އެބައޮތް، ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ލިބޭ: އެޗްއާރްސީއެމް

ރިފާ ހަލީލު

ޏ. ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން މަރުވި ސަދާ ސައުދުﷲގެ މަރުގެ މައްސަލައިގައި އިހުމާލުވި ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިންވެސް ނިންމަިއފި އެވެ.

އުމުރުން ފަސް އަހަރުގެ ސަދާ މަރުވީ ގަދަޔަށް ބަނޑުގައި ރިއްސާތީ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިއުމުން ޖެހި އިންޖެކްޝަނެއްގެ ސަބަބުން ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ. އަދި ހެލްތު މިނިސްޓްރީގެ ރިޕޯޓުންވެސް އެކުއްޖާއާ މެދު އިހުމާލު ވެފައިވާކަން ވަނީ ހާމަވެފައެވެ. އެއާއެކު ސަދާއަށް ފަރުވާ ދިނުމުގައި ބައިވެރިވި ދެ ޑޮކްޓަރަކާއި ނަރުހަކު ފުވައްމުލަކު ހޮސްޕިޓަލުން ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި އެއް ޑޮކްޓަރަކު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

މި މައްސަލަ އާއިލާގެ ފަރާތުން އެޗްއާރްސީއެމަށް ހުށަހެޅީ ސަދާގެ ބައްޕަ ސައުދުﷲ ހަސަން އެވެ. އެ ތަނުން ވަނީ މައްސަލަ ތަހުގީގުކޮށް، އެކަމާ ގުޅޭ ގޮތުން ނިންމި ގޮތް އާއިލާއާ ހިއްސާކޮށްފަ އެވެ.

މިދިޔަ މަހުގެ 28ގައި މި މައްސަލައިގެ ތަހުގީގު ނިންމައި ސައުދުﷲ އަށް އެ ކޮމިޝަނުން ފޮނުވި ލިޔުުގައި ބުނެފައިވަނީ ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުން މި މައްސަލަ ރިވިއުކޮށް ފާހަގަވި ކަންތައްތައް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލަށް ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އިހުމާލުވި ދެ ޑޮކްޓަރުންނަށް ފިޔަވަޅު އަޅާފައިވާ ކަމާއި ނާސިން ކައުންސިލުން ވެސް އެ މައްސަލަ ރިވިއުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްއާރްސީއެމްގެ ލިޔުމުގައި ބުނެފައިވެ އެވެ.

އިހުމާލުވި ދެ މެޑިކަލް އޮފިސަރުންގެ ލައިސަންސް ވެސް ސަސްޕެންޑްކޮށް، އޭގެ ތެރެއިން އެކަކު އަނބުރާ ގައުމަށް ފޮނުވާލައިފައިވާ ކަމަށް އެޗްއާރުސީއެމުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެޗްއާރުސީއެމްގެ ސިޓީ ފުލުހުންނަށް ލިބުމުން، މައްސަލައިގެ ތަހުގީގު ކުރުމަށް ފަހު ދައުވާ ކުރުމަށް ޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެ އެވެ. އަދި މައްސަލަ ކުރިމަތިވުމުން އިދާރާތަކުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައި އޮތް ނަމަވެސް ހޮސްޕިޓަލުގެ އިހުމާލުގެ ސަބަބުން ސަދާ މަރުވެފައި އޮތް ކަން ފެންނަން އޮތުމުން އެ ކަމުގައި ގެއްލުމުގެ ބަދަލު ހޯދަން ޝަރީއަތަށް ހުށަހެޅުމުގެ ހައްގު އޮންނާނެ ކަމަށް އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

ސަދާގެ ބައްޕަ ސައުދުﷲ "ވަން" އަށް މިއަދު ބުނީ މި މައްސަލައިގައި ޖިނާއީ ދައުވާ ކުރުމަށް މި މައްސަލަ ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސައުދުﷲ ބުނީ މި މައްސަލައިގައި އިހުމާލުވި އެންމެންގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ވަކީލުންނާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފުވައްމުލަކު ހޮސްޕިޓަލާއި ހެލްތު މިނިސްޓްރީ އާއި މިކަމުގައި އިހުމާލުވި ޑޮކްޓަރުންނާއި ނަރުހުންގެ މައްސަލަވެސް ހުށަހަޅާނެ ކަމަށް ބުންޏެވެ.

"އަޅުގަނޑު ކޮންމެހެން ބަދަލު ހިފުމަކަށް ނޫން. ވަކި އެއްޗެއް ހޯދަންވެގެނެއްވެސް ނޫން. އެކަމަކު މަރުވި އަޅުގަނޑުގެ ތުއްތު ދަރިފުޅަށް އިންސާފު ހޯދަން ބޭނުންވަނީ. އަޅުގަނޑު މިއަދު ތަހައްމަލް ކުރަމުން މިދާ ވޭން ދެން އިތުރު މީހަކު ތަހައްމަލް ކުރާކަށް ބޭނުމެއް ނޫން. އެހެން މީހެއް ނުވަތަ މީހެއް ދަރިއެއް އިހުމާލެއްގެ ސަބަބުން މަރުވެގެންދާކަށް ބޭނުމެއް ނޫން." އޭނާ ބުންޏެވެ.

ސައުދުﷲ ބުނީ ފުލުހުންގެ ތަހުގީގީ ޓީމެއް ފުވައްމުލަކަށް ވަޑައިގަންނަވާނެ ކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި އިންސާފަށް ވާސިލުވެވޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރާ ކަމަށް ބުންޏެވެ.

ހެލްތު މިނިސްޓްރީން ސަދާގެ މަރުގެ މައްސަލަ ބެލުމަށްފަހު ތައްޔާރުކުރި ރިޕޯޓުގައި ވަނީ 21 ކަމެއް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ފަރުވާ ދިނުމުގެ ކުރިން ސަދާގެ މެޑިކަލް ހިސްޓްރީ ނުބަލައި ޑޮކްޓަރުން ބޭސް ދިންކަން ވަނީ ފާހަގަކޮށްފައެވެ. އަދި ބަލިމީހުންގެ ރެކޯޑް ބަލަހައްޓާ ވިނަވި ޕޯޓަލް ސަދާގެ އެގްޒަމިން ހެދިކަމަށް އަޅައިފައިވިޔަސް އެއީ ދޮގެއް ކަމަށް އެ ރިޕޯޓުގައިވެއެވެ.