އުމުރުން ހަތަރު އަހަރުގެ ދަރިފުޅު މަރާލިކަމުގެ ކުށް ށ. ފުނަދޫ/ ދިނަށަ އާމިނަތު ޝާހިދާގެ މައްޗަށް ސާބިތުވާ ކަމަށް ކުރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.
މި މައްސަލައަކީ 11 ފެބުރުއަރީ 2016 ވަނަ ދުވަހުގެރޭ ށ. ނޫމަރާގައި ހަތަރު އަހަރުގެ ކުއްޖާ ގަޔަށް ވަޅިން ހަމަލާދީ އެކުއްޖާގެ މަންމަ އެކުއްޖާ މަރައިލި މައްސަލައެކެވެ. މިހާދިސާގައި މަރާލާފައި ވަނީ ޝައިހާ ކިޔާ އަންހެން ކުއްޖެކެވެ.
މި ހާދިސާއާ ގުޅިގެން އޭރު ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނޫމަރާގައި އެކުއްޖާ މަރައިލި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އެރޭ 05:40 ހާއިރު ކަމަށެވެ.
ފުލުހުުން އޭރު ބުނީ ޝައިހާ މަރާލާފައިވާއިރު އެކުއްޖާގެ ކަރުގެ ތިން ތަނަކަށާއި ވައަތު ކޮނޑުހުޅާ ދިމާލުން ހަތަރު ތަނަކަށާއި ކަނާތުގެ ދެ ތަނަކަށާއި ދަތްދޮޅިއަށް ދީފައިވާ ޒަހަމްތަކާއެކު ޖުމުލަ 10 ތަނަކަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ.
އެކުއްޖާ މަރާލާފައި އޮތީ އެގޭ އެނދުމަތީގައި ކަމަށާއި، އޭރު އެ އަންހެންމީހާގެ، އުމުރުން ހަ އަހަރުގެ އިތުރު އަންހެން ކުއްޖަކު ވެސް އެ ކޮޓަރީގައި ނިދާފައި އޮތްކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އެ ހާދިސާ ހިނގިއިރު އެކުއްޖާގެ ބައްޕަ ހުރީ ތ. އަތޮޅުގައި ވަޑާމުގެ މަސައްކަތެއް ކުރުމަށް ގޮސް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި، ދަރިފުޅު މަރައިލި މައްސަލައިގައި، ޝާހިދާގެ މައްޗަށް ދައުލަތުން ކުރާ، އެނގިހުރެ މީހަކު މެރުމުގެ ކުށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް މި މައްސަލަ ބައްލަވާ، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ކަނޑައެޅުއްވިއެވެ. އެހެންކަމުން މި މައްސަލައިގައި ދެން އޮންނާނީ ވާރިސުންގެ ބަސް ނެގުމާއި، އަދަބާއި ގުޅޭގޮތުން ވާހަކަ ދެއްކުމެވެ.
މި މައްސަލައިގެ ހުކުމް އިއްވާނީ އެއަށްފަހުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު