އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިއްތިހާދުގެ ލީޑަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ގެކޮޅު ހ.ދޫވެހީގައި ހަރުކުރި އިންޑިއާ އައުޓް ބެނާ ނެގުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާ ހައިކޯޓުގައި ބާއްވަން ނިންމައިފިއެވެ.
މި އަޑުއެހުން ތާވަލް ކޮށްފައި ވަނީ، މާދަމާ މެންދުރު 11:15 އަށެވެ.
ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ޝުއޫރެއް ފާޅުކުރުން ކަމަށް ބުނެ، ކުރިމިނަލް ކޯޓުން ކުރި އަމުރަކާ ގުޅިގެން، ރައީސް ޔާމީނުގެ ގެކޮޅުގައި ނަގާފައިހުރި، އިންޑިއާ އައުޓް ބެނާ ފުލުހުން ވަނީ ބާލައިފައެވެ.
އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށް ނުރުހުން ފާޅު ކޮށްފައެވެ.
ނަމަވެސް ފުލުހުން ބުނީ އިންޑިއާ އައުޓް ބެނާ ދެމުމަކީ ފިތުނަވެރި އަމަލެއް ކަމަށެވެ. އަދި ބޭނާ ނެގުމަށް ކުރިމިނަލް ކޯޓުން އަމުރު ކުރީ އެ އަމަލަކީ، ގާނޫނުލް އުގޫބާތުގެ 615 ވަނަ މާއްދާގެ (ހ) ގެ ހަ ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ ޖާއިޒު މަގުސަދެއް ހާސިލު ނުވާނެ ނުރައްކާތެރި ނުވަތަ މާއްދީގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނާނެ، ފަދަ ހާލަތެއް އުފެދިދާނެ އަމަލެއް ކަމަށް ބެލެވޭތީ ކަމަށްވެސް ބުނެފައިވެއެވެ.
ރައީސް ޔާމީންގެ ގެކޮޅުގައި ދަމާފައި ހުރި ބެނާގެ އިތުރުން އިދިކޮޅު ސަޕޯޓަރުންގެ ގެތަކުގައި ނަގާފައިހުރި ބެނާތައްވެސް ފުލުހުން ވަނީ ބާލައިފައެވެ.