ފްރާންސްގެ ސުޕަސްޓާރު ކިލިއަން އެމްބާޕޭ ރެއާލް މެޑްރިޑާ ގުޅެން ތައްޔާރުވެފައިވާ ކަމަށް ސްޕެއިންގެ ފުޓުބޯޅަ ތަޖުރިބާކާރު ގުއިލެމް ބްލާގު ބުނެފިއެވެ.

އެމްބާޕޭ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ. ގުއިލެމް ރިޕޯޓު ކޮށްފައިވާ ގޮތުގައި އުމުރުން 23 އަހަރުގެ އެމްބާޕޭ ގެންދަން މިހާރު ރެއާލްއިން ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. އަދި އެކަން ކުރިއަށް އޮތް ދެތިން ހަފުތާއެއްގެ ތެރޭގައި ރަސްމީކޮށް އިއުލާނުވެސް ކުރާނެއެވެ.

ގުއިލެމްއާ ހަވާލާ ދީ ބީބީސީން ބުނެފައި ވަނީ އެމްބާޕޭ ރެއާލްއަށް ދާން ނިންމާފައި ވަނީ ޕީއެސްޖީން ހުށަހެޅި ބޮޑު އެއްބަސްވުމަކަށް ނޫނެކޭ ބުނުމަށް ފަހުގައެވެ. އެގޮތުން އެމްބާޕޭގެ އެއްބަސްވުން އާކުރުމަށް، 150 މިލިއަން ޔޫރޯ ޕީއެސްޖީން ހުށަހެޅި ކަމަށް ބީބީސީން ބުނެފައިވެއެވެ. އެ އަދަދަކީ އެއްބަސްވުން އާކުރުމުން މުސާރައިގެން އިތުރުން ވަގުތުން ދޭ ބޯނަހެއްގެ ގޮތުގައި ހުށަހެޅި އަދަދެކެވެ. ޕީއެސްޖީން ބޭނުންވީ އެމްބާޕޭ ކުރިއަށް އޮތް ދެ ސީޒަނަށް އެ ކްލަބުގައި މަޑުކުރުވާށެވެ.

"ރެއާލް މެޑްރިޑަށް ޔަގީންކަން އެބައޮތް އެމްބާޕޭ ގެންދެވޭނެ ކަމަށް. ޕީއެސްޖީން އެމްބާޕޭއަށް ހުށަހެޅި 150 މިލިއަން ޔޫރޯ، ހަމައެކަނި ސޮއިކުރުމަށް. އެހެން ނަމަވެސް ރެއާލްއާއެކު ކުރިން އެއްބަސްވެފައިވާ އެއްބަސްވުމަށް އެމްބާޕޭ އިހުތިރާމް ކުރާނެ. އެހެންވީމަ މިހާރު ރެއާލް މެޑްރިޑާ އެމްބާޕޭ ވަނީ އަމިއްލަ ކަންކަމަށް އެއްބަސްވެފައި. ފައިނަލް ކުރަމުން އަންނަނީ އިމޭޖް ރައިޓްސް ކަހަލަ ކުދިކުދި ކަންކަން،" ގުއިލެމް ބުނެފައިވެއެވެ.

އެމްބާޕޭއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. ފްރާންސާއެކު ޒުވާން އުމުރުގައި ވޯލްޑް ކަޕްވެސް ކާމިޔާބުކުރި އެމްބާޕޭ ވަނީ ޕީއެސްޖީއާއެކު މި އަހަރުގެ ފްރާންސް ލީގުވެސް ކާމިޔާބު ކޮށްފައެވެ. އޭނާ މި ސީޒަނުގައިވެސް ކުޅުނު 34 މެޗުން 25 ގޯލު ޖަހައި 17 ގޯލަކަށް އެސިސްޓް ކޮށްދީފައިވެއެވެ.