ޚަބަރު

އާޒިމާގެ ދެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުންވެސް ކަނޑައަޅައިފި

އިބްރާހިމް ޒަކީ

ކުރީގެ އެޓާނީ ޖެނެރަލް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް ކުރާ، މުއައްސަސާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުންވެސް ކަނޑައަޅައިފިއެވެ.

މި މައްސަލައަކީ، ދައުލަތުން އާޒިމާގެ މައްޗަަށް ކުރާ ދެ ދައުވާ މަދަނީ މިންގަނޑުތަކުން ކުރިއަށް ގެންދެވޭނެކަމަށް ކުރިމިނަލް ކޯޓުން ނިންމީ ރަނގަޅަށް ކަމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ހައި ކޯޓުން ނިންމުމާ ގުޅިގެން އާޒިމާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

އާޒިމާގެ މައްޗަށް ކުރާ ދައުވާތައް ކުރިއަށް ގެންދެވޭނެ ކަމަށް ހައި ކޯޓުން އަމުރުކުރީ ދެ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެއީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު ހުސައިން ޝަހީދެވެ.

ރައުޔު ތަފާތުވި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔަކީ އާޒިމާ ހުށަހެޅުއްވި އެ މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށެވެ. އެއީ ދައުލަތުން ނަގާފައިވާ އިޖުރާއީ ނުކުތާއަކާ ގުޅިގެންނެވެ. އެހެންވެ، ކުރިމިނަލް ކޯޓުގެ ނިންމުމުގެ ސައްހަކަމާ މެދު ފަނޑިޔާރު ޝަފީއު ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. ދައުލަތުން އިޖުރާއީ ނުކުތާއެއް ނެގީ މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާފައިވާ ނިންމުންތައް އިސްތިއުނާފު ނުކުރެވޭނެ ކަމަށް ހައި ކޯޓުގެ ކުރީގެ ނިންމުމެއްގައި އޮތުމުންނެވެ.

ފަނޑިޔާރު ޝަފީއު ވިދާޅުވީ، މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާ ނިންމުންތައް އިސްތިއުނާފު ނުކުރެވޭނެތީ އެ މައްސަލަ ބޭރުކޮށްލަންޖެހޭ ކަމަށެވެ. އެއީ ގާނޫނު އޮތްގޮތުން އިސްތިއުނާފު ކުރެވޭނީ ހުކުމްތަކާއި އަމުރުތަކާއި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް އެކަނި ކަމަށްވާތީއެވެ.

މި މައްސަލަ އާޒިމާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު މިއަދު އިއްވި ހުކުމްގައި ވަނީ، މައްސަލަ އިސްތިއުނާފު ކުރުމަށް އާޒިމާގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނކުތާތަކަށް ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅާނެ ތަނެއް ނެތް ކަމަށެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހަށް ބަލާ އިރު، މަދަނީ މިންގަނޑުން ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކޯޓުތަކުން ކަނޑައަޅާ މައްސަލަތައް، އިސްތިއުނާފު ކުރުުމުގެ ފުރުސަތު ދައުވާ ލިބޭ ފަރާތަށް މިހާރު ނޯންނާތީ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އާޒިމާގެ އިސްތިއުނާފީ މައްސަލަ ބަލައިގަނެވެން ނެތް ކަމަަށް ވަނީ ހުކުމްކޮށްފައެވެ.

ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވި ފަނޑުޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް ލިޔުއްވި މި ހުކުމަަށް، އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އައިޝާ ޝުޖޫން ވަނީ އިއްތިފާގުވެވަޑައިގެންފައެވެ.