މަޖިލީހުގެ ރައީސް

މަޖިލީހުގެ މިދައުރަށް ސަރުކާރުން ބިލެއް ހުށަހަޅަން އޮތްނަމަ، ފޮނުވުމަށް މަޖިލިސް ރައީސް އެދިވަޑައިގެންފި

އިބްރާހިމް ޒަކީ

މިއަދު ފެށި ރައްޔިތުންގެ މަޖިލީހުގެ މިދައުރަށް، ސަރުކާރުން ބިލެއް ހުށަހަޅަން އެދިވަޑައިގަންނަވާނަމަ އެ ބިލެއް މަޖިލީހަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

މަޖިލިސް ރައީސް އެކަމަށް އެދިވަޑައިގެންނެވީ، މަޖިލީހުގެ ދެވަނަ ދައުރުގެ މަސައްކަތްތައް ފެށުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ވަޒީރުންނާ ސުވާލު ކުރުން ނޫން އެހެން މަސައްކަތެއް ނެތް ކަމަށް ވިދާޅުވެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވައިލައްވަމުންނެވެ.

މަޖިލީހުގެ ފުރަތަމަ ދައުރުގެ ޗުއްޓީއަށްފަހު ދެވަނަ ދައުރުގެ މަސައްކަތްތައް ފެށުމަށް ހެނދުނު 9:00 ގައި މިއަދު ފެށި މުޅި ޖަލްސާއަށް ވެސް އެޖެންޑާ ކޮށްފައި އޮތީ އެންމެ މަސައްކަތެކެވެ. އެއީ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒު ޓޫރިޒަމް މިނިސްޓަރު ޑރ.އަބުދުﷲ މައުސޫމާ ސުވާލު ކުރެއްވުމެވެ. މެންބަރު ރިޔާޒު ސުވާލު ކުރެއްވީ ތ.ކަނިމީދޫ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުން މިހާރު ގެންގުޅޭ ވިސްނުމަކީ ކޮބައިތޯ އޮޅުންފިލުވުމަށެވެ.

މަޖިލިސް ގަވާއިދު ބުނާގޮތުން ވަޒީރާ ސުވާލު ކުރަން ހަމަޖެހިފައިވާ މެންބަރު ކަނޑައެޅިފައިވާ ސުވާލު ކުރެއްވުމުން، މިނިސްޓަރު ދެއްވާ ޖަވާބާ ގުޅިގެން އިތުރު ސުވާލު ކުރުމުގެ ފުރުސަތު އެހެން މެންބަރުންނަށް އޮންނާނެއެވެ. އެގޮތުން ކުރިއަށްގެންދިޔަ ބައިގަޑިއިރުގެ ސުވާލުގެ ވަގުތަށްފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވައިލެއްވިއެވެ.

މިއަދުގެ ޖަލްސާ ނިންމަވައިލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ސަރުކާރުން މަޖިލީހަށް ބިލެއް ހުށހަޅާފައި ނެތް ކަމަށާއި، ނުނިމިހުރި މަސައްކަތެއްވެސް ނެތް ކަމަށެވެ.

ނަމަވެސް މަޖިލީހުގެ ކޮމިޓީތަކުގައި މަސައްކަތްތައް އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން އިގްތިސާދީ ކޮމިޓީގައި ތިން ބިލުގެ މަސައްކަތް، ޖުޑިޝަރީ ކޮމެޓީގައި ތިން ބިލުގެ މަސައްކަތް، އިޖުތިމާއީ ކޮމިޓީގައި ތިން ބިލުގެ މަސައްކަތް، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އާއި، އެންވަޔަރަންމަންޓް ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީ އާއި، ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ކުރެ ކޮންމެ ކޮމިީއެއްގައި އެއްބިލުގެ މަސައްކަތް، މާލިއްޔަތު ކޮމިޓީގައި ދެބިލުގެ މަސައްކަތް އެބައޮތް ކަމަށް ވިދާޅުވިއެވެ. އަދި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އާއި އެންވަޔަރަންކަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީ އާއި ލާމަރުކަޒީ ކޮމެޓީ ހިމެނޭ ޖޮއިންޓް ކޮމިޓީގައި ތިން ބިލު، އިޖުތިމާއީ ކޮމިޓީ އާއި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ ހިމެނޭ ޖޮއިންޓް ކޮމިޓީގައި ވެސް އެއް ބިލުގެ މަސައްކަތް އެބައޮތް ކަމަށް ވިދާޅުވިއެވެ.

އެ ބިލުތައް ހިމެނޭ ކޮމެޓީތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަޖިލިސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.