ވިލިމާލޭ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަންގެ ވޯޓު އަލުން ގުނައިދިނުމަށް އެދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން އިލެކްޝަން ކޮމިޝަން (އީސީ) އަށް މައްސަލަ ހުށަހަޅަން ނިންމައިފިއެވެ.

ވަގުތީ ނަތީޖާއިން ދައްކާ ގޮތުން އެމްއެންޕީގެ ކެންޑިޑޭޓް އާމިޝަތު ޝީޒާއާ ވާދަކޮށް، އެންމެ ވޯޓަކުން ކުރި ހޯދައި ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަން ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓް ފާތިމަތު ނާޒިމާއެވެ. އެ އިންތިހާބުގައި ޝީޒާއަށް ލިބުނީ 358 ވޯޓެވެ. ޕީޕީއެމްގެ ކެންޑިޑޭޓް ފާތިމަތު ނާޒިމާއަށް ލިބުނީ 359 ވޯޓެވެ.

އެމްއެންޕީގެ ސްޕޯކްސްޕާސަން އަސްރާ އަހުމަދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވޯޓުގެ ވަގުތީ ނަތީޖާއަށް ބެލުމަށްފަހު، އަލުން ވޯޓް ގުނުމަށް އެމްއެންޕީގެ ފަރާތުން އީސީގައި އެދެން ނިންމާފައިވާ ކަމަށެވެ.

އެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލި އެމްޑީޕީގެ ފަރާތުން ކެންޑިޑޭޓަކު ވާދައެއް ނުކުރެއެވެ. އިންތިހާބުގެ ވޯޓުލުން ނިމި ވަގުތީ ނަތީޖާ އާއްމުކޮށްފައިވާ އިރު އިންތިހާބާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލައިފައެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުންނެވި އާމިނަތު އީމާން ނިޔާވުމާ ގުޅިގެންނެވެ. އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ.