Close
ޚަބަރު

ބޮޑު ހިޔާނާތުގެ ލިސްޓުން ނަންތަކެއް މަޖިލީހުން އުނިކުރި، ހަގީގީ ލިސްޓު ނެރޭނަން: ފައްޔާޒު

މުހައްމަދު އިޝާން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ބެލެވޭ މީހުންގެ ނަންތައް ހިމެނޭ ލިސްޓު ރައްޔިތުން މަޖިލީހުން އާންމުކުރީ ބައެއް ބޭފުޅުންގެ ނަންތައް އުނިކުރުމަށްފަހު ކަމަށާއި އޭގެ އަސްލު ލިސްޓު ވަރަށް އަވަހަށް އާންމު ކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިރޭ ސަންގުޓީވީން ބޭއްވި ޗެއާޕާސަންގެ ބަހުސްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، އޭނާގެ ވާދަވެރިޔާ މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އިމްތިޔާޒް ފަހުމީގެ ކެމްޕޭން ޓީމުގައި ހިމެނިވަޑައިގަންނަވާ ގިނަ ބޭފުޅުން ހައްދަވަނީ ދޮގު ކަމަށެވެ.

ފައްޔާޒު ވިދާޅުވީ، ހިޔާނާތް ބެލުމަށް ސަރުކާރުން އުފެއްދި ރިޔާސީ ކޮމިޝަންގެ ރައީސަކަށް ހުންނެވީ އިންތިގެ ޓީމުގެ ބޭފުޅެއް ކަމަށާއި އެ ކޮމިޝަނުން ހިޔާނާތުގެ މައްސަލަތައް ބެލުމުގައި ކުރިއެރުމެއް ހޯދިފައިނުވާނަމަ އެކަން ގުޅެނީ އިންތިގެ ޓީމާ ކަމަށެވެ.

"އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުން ނަންތައް އުނިކޮށްފައި ރައްޔިތުންގެ މަޖިލީހުން ނެރުނީ، ހަގީގީ ލިސްޓު އަދި އަޅުގަނޑުމެން ނެރޭނަން،" ފައްޔާޒު ވިދާޅުވިއެވެ.

ބަހުސްގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ، ސަރުކާރުން ހިޔާނާތުގެ މައްސަލަތައް ބަލަން ނޫޅޭ ކަމަށެވެ. އެގޮތުން އެމްއެމްޕީއާރްސީ ކޮރަޕްޝަނާއި ވެންޓިލޭޓަރު ކޮރަޕްޝަން ބެލުމުގައި ސަރުކާރަށް ކުރިއެރުމެއް ހޯދިފައިނުވާ ކަމަށް އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ، އޭނާއަކީ ނަޒާހަހްތެރި ބޭފުޅެއް ކަމަށާއި އޭނާގެ ސިޔާސީ ހަޔާތުގައި މިހާތަނަށް އެއްވެސް ކޮރަޕްޝަނެއްގެ އަމަލެއްގައި ބައިވެރިވެފައިނުވާނެ ކަމަށެވެ. އެހެންކަމުން ޗެއާޕާސަންގެ މަގާމަށް އަންނަންވާނީ ނަޒާހަތްތެރި ބޭފުޅެއް ކަމަށް އިންތި ވިދާޅުވިއެވެ.

އޭނާއަކީ ރައްޔިތުން މަޖިލީހާއި އެމްޑީޕީގައި 17 އަހަރު ވަންދެން އުޅުއްވާފައިވާ މީހަކަށްވުމުން ޗެއާޕާސަންގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެވޭނެ ކަމަށް އިންތި ވިދާޅުވިއެވެ.

އެ ވާހަކަތަކާ ގުޅިގެން ފައްޔާޒު ވިދާޅުވީ، އިންތިއަކީ އިދާރީ ކަންކަމުގެ ތަޖުރިބާ އެއްވެސް ވަރަކަށް އޮތް ބޭފުޅެއް ނޫން ކަމަށެވެ. އެހެންކަމުން ޗެއާޕާސަންގެ މަގާމަށް ބޭނުންވަނީ އެފެކްޓިވް އެޑްމިނިސްޓްރޭޓަރެއްގެ ތަޖުރިބާހުރި މީހެއް ކަމަށާއި އެ ތަޖުރިބާހުރީ އޭނާގެ ކިބައިގައި ކަމަށެވެ.

އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވައި އިންތި ވިދާޅުވީ އެމްޑީޕީއަކީ ކުންފުންޏެއް ނޫން ކަމަށާއި ޕްރޮޑަކްޓް ވިއްކައިގެން ރުފިޔާ ހޯދަން އެމްޑީޕީން މަސައްކަތް ނުކުރައްވާ ކަމަށެވެ. އަދި އެމްޑީޕީގެ މަސައްކަތަކީ އިންސާނީ މަސައްކަތެއް ކަމަށާއި އެ ޕާޓީން މަސައްކަތް ކުރާނީ ރައްޔިތުންނަށް ރަނގަޅުގޮތް ހޯދައިދޭން ކަމަށެވެ.