އެއް އާއިލާއެއްގެ ހަ ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުވާ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކުރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
އެ ކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން މިދިޔަ މަހުގެ ކުރީކޮޅު ހައްޔަރުކުރި 55 އަހަރުގެ މީހާގެ ބަންދަށް 30 ދުވަސް ދީފައިވަނިކޮށް ބަންދު ރިވިއުއަށް ކުރިމިނަލް ކޯޓަށް މިދިޔަ ހޯމަ ދުވަހު ގެންދިއުމުން އޭނާ ވަނީ ޝަރުތުތަކަކާ އެކު ދޫކޮށްލައިފައެވެ. ނަމަވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ދެ ވަނަ ފަހަރަށް އިއްޔެ ހައްޔަރުކޮށްފައެވެ.
ތުހުމަތުކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރީ އިއްޔެ ހައްޔަރުކުރުމަށްފަހު މިއަދު ބަންދާމެދު ގޮތެއް ނިންމުމަށް ފުލުހުން އޭނާ ކޯޓަށް ހާޒިރު ކުރުމުންނެވެ.
ކުރިމިނަލް ކޯޓުން އޭނާ ދޫކޮށްލަން ފުރަތަމަ ނިންމީ، އިޖުރާއީ ކަންތައްތަކެއް ރަނގަޅުކުރަން ފުލުހުންނަށް ވަގުތު ދިނުމުގެ ގޮތުންނެވެ. ތަހުގީގު މަރުހަލާތަކުގައި ފުލުހުންގެ ފުރިހަމަ ނުކުރެވޭ ކުދި އިޖުރާއީ ކަންކަން ފުރިހަމަ ކުރުމަށް ކޯޓުތަކުން އިސްވެ މަސައްކަތް ކުރަން ޖެހޭނެކަމަށް ހައި ކޯޓުން ބެލި މައްސަލައެއްގައި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފައެވެ. އަދި ސުޕްރީމް ކޯޓުން ވެސް ވަނީ ހުކުމްކޮށްފައެވެ.
ކުރިމިނަލް ކޯޓުން ތުހުމަތުކުރެވޭ އެ މީހާ ބަންދުން ދޫކޮށްލީ އޭނާގެ ފަރާތުން އަނިޔާ ލިބުނު ކުދިން މިހާރު ބޮޑުވެފައިވުމުންނާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ފަރާތުން މައްސަލައާ ގުޅޭގޮތުން ދޭ ލިޔުން ބަންދު ރިވިއުގައި އާ ލިޔުމެއްގެ ގޮތުގައި ހުށަހަޅަން ޖެހޭތީ އެކަން އެގޮތަށް ފުލުހުން ކޮށްފައި ނުވުމުން އެކަން ރަނގަޅު ކުރުމަށެވެ.
މިއަދު ފުލުހުން ވަނީ އެ ލިޔުން ފުރިހަމަ ކުރުމަށްފަހު ކޯޓަށް ހުށަހަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު