ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓް ޓެރަރިސްޓް ހަމަލާ ދިން އިރު، އެ މައްސަލައިގައި ތުހުމަތުކުރެވުނު ލ. ގަން، ތުނޑި ދުންފިނިއުފާ އަހުމަދު ފާތިހު ހުރީ ފުލުހުންގެ ވަޒީފާގައި ކަމަށް ބުނެ ފަތުރާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.
ނަޝީދަށް ދިން ހަމާލައަށް މިދިޔަ ހުކުރު ދުވަހު އެއް އަހަރު ވެގެންދިޔަ އިރު، އެ މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ކުރިއަށްގެންދާ ޝަރީއަތް ލަސްވުމުގެ ކަންބޮޑުވުން އެމްޑީޕީންނާއި ނަޝީދުގެ އާއިލާއިން ފާޅުކޮށްފައިވެއެވެ. އަދި ހަމަލާއަށް ފަންޑުކުރި މީހުން ނުހޯދޭތީ އެކަމުގެ ކަންބޮޑުވުން ވެސް ވަނީ ފާޅުކޮށްފައެވެ.
އެ ހަމަލާގެ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) މިދިޔަ ހޯމަ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މެއި ހައެއްގެ ޓެެރަރިސްޓް ހަމަލާއަށް ފަންޑުކުރި މީހަކު ނެތިއްޔާ އެ ހަމަލާގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލިމަނިކު ޖަލުގައި ހުއްޓައި ދޫކޮށްލި ގޮތް އަދި ސަބަބު ބަލަން މިހާރު މާބޮޑަށް ވެސްް މުހިންމު ވެއްޖެ ކަމަށެވެ. އަދި ކޮންމެވެސް ފަރާތަކުން އެ މައްސަލައަށް ޖަވާބުދާރީވާން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
ހަލީމުގެ އެ ޓުވީޓަށް ނަޝީދުގެ ނުރަސްމީ ޓުވިޓާ އެކައުންޓު ކަމަށްވާ "އަނެއްދިވެހިރާއްޖެ" އިން ވަނީ ރިޕްލައިކޮށްފައެވެ. އެ ރިޕްލައިގައި ވަނީ، ދައުވާ ނުކޮށް ދޫކޮށްލާފައިވާ ފާތިހަކީ ބޮން ގޮއްވާލި މީހާ، (އަދުހަމް އަހުމަދު) އެކަންކޮށްފައި މާފަންނު ބޮނޑިބަތް ޕާކަށް ދިއުމުން އޭނާއަށް އެހެން ގަމީހެއް ގެނެސްދިން ސައިކަލުގެ ފަހަތުގައި އިން މީހާ ކަމަށާއި އަދި އޭނާ ފުލުހުންގެ ވަޒީފާއިން ވަކިކުރީ ބޮން ގޮއްވާލި ފަހުން ކަމަށެވެ.
ފާތިހު މަސައްކަތްކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސްގައެވެ. ފުލުހުން ދޭ މައުލޫމާތަށް ބަލާ އިރު، އޭނާ ވަޒީފާއިން ވަކިވެފައިވަނީ ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިނުމުގެ އެއް މަސް ދުވަސް ކުރިންނެވެ.
ފާތިހާ ގުޅޭގޮތުން ދެކެވޭ ވާހަކަތައް ދޮގުކޮށް ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ފާތިހަކީ އެ ހަމަލާ ދެވުނު އިރު، އަދި ހައްޔަރުކުރި އިރުވެސް ފުލުހުންގެ ވަޒީފާގައި ހުރި ފަރާތެއް ކަމަށް ބުނެ ދައުރުކުރާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.
ފުލުހުން ބުނީ، ފާތިހު ފުލުހުންގެ ވަޒީފާއާ ގުޅުނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ކަމަށާއި އޭނާ އަމިއްލައަށް އެދިގެން 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު ވަޒީފާއިން ވަކިވެފައިވާ ކަމަށެވެ.
"މި މައްސަލައިގެ ތަހުގީގުކުރެވެމުން ދިޔަ އިރު، ތަހުގީގު ހިނގާ ނުހިނގާގޮތް ބެލުމަށް އެކުލަވައިލެވުނު ހުރިހާ ފަރާތަކާ ދިވެހި ފުލުހުންގެ ހިދުމަތުން ވާނީ އަހުމަދު ފާތިހަކީ ހަމަލާދެވުނު އިރު އަދި ހައްޔަރުކުރެވުނު އިރުވެސް ފުލުހުންގެ ވަޒީފާގައި ހުރި ފަރާތެއް ނޫންކަން ބަޔާންކޮށްފައެވެ. އަދި މި މައުލޫމާތު މިޑިއާތަކަށްވެސް ކުރިން ވާނީ ފޯރުކޮށްދީފައެވެ...،" ފުލުހުން ބުންޏެވެ.
ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިޒަމްގެ ހަމަލާގެ ތުހުމަތަށް ފާތިހު ހައްޔަރުކުރުމަށްފަހު ތަހުގީގު ނިންމައި، ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަ ފޮނުވައިފައެވެ. ނަމަވެސް ފާތިހުގެ މައްޗަށް ދައުވާކުރެވޭނެ މިންވަރަށް ހެކި ނެތް ކަމަށް ބުނެ، ޕީޖީން ނިންމާފައިވަނީ އޭނާގެ މައްޗަށް ދައުވާ ނުކުރުމަށެވެ.
ފުލުހުން ވަނީ، ހަބަރުތައް ގެނެސްދިނުމުގައި އިތުބާރު ހިފޭ މަސްދަރުތަކުން މައުލޫމާތު ހޯދައި، ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް ވެސް އިލްތިމާސްކޮށްފައެވެ.
ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް ގޮއްވާލާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހުއެވެ. އެ ހަމަލާގެ ސަބަބުން އެމަނިކުފާނުގެ ފުރާނައަށް ނުރައްކާވާ ވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އެ އަނިޔާތަކަށް ރައީސް ނަޝީދު ފުރަތަމަ އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު، އިތުރު ފަރުވާ ހޯއްދެވީ ޖަރުމަނުންނާއި އިނގިރޭސިވިލާތުންނެވެ.
ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ވަނީ ނުވަ މީހަކަށް ދައުވާކޮށްފައެވެ. އޭގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައިވަނީ ބޮން ގޮއްވުމުގައި އަމަލީގޮތުން ބައިވެރިވި އަދުހަމް އަހުމަދަށެވެ. ކުށަށް އިއުތިރާފުވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވެ، މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.
އެ މައްސަލައިގައި ދައުވާ އުފުލާފައިވަނީ އަނެއް އަށް މީހުންނަކީ ހއ. މޮޅަދޫ/ ބަހާރުގެ، އަބްދުﷲ އަލިމަނިކާއި ހއ. ހޯރަފުށި/ އަލަނާސިގެ، މުހައްމަދު ތަސްލީމާއި ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި މ. ކުދެހިގޭ އިސްހާގުގެ އިތުރުން އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމް އަދި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ މައްޗަށެވެ. އެ އެންމެންގެ ޝަރީއަތް އޮތީ އިބްތިދާއީ މަރުހަލާގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު