މަޝްވަރާތައް ކޮށް، ހާއްސަ ފިޔަވަޅުތަކެއްވެސް އަޅައި، ބައިބަލާ މުބާރާތް ފަށަން ތައްޔާރުވެފައިވާ ކަމަށް ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

އެ އެސޯސިއޭޝަންގެ އޮފިޝަލަކު "ވަން" އަށް މައުލޫމާތުދެމުން ވިދާޅުވީ ބައިބަލާ މުބާރާތް ފަސްކުރަން ޖެހުނު ޖެހުމަކީ މާޔޫސް ކަމެއް ކަމަށާއި، މުބާރާތް އަލުން ފެށުމުގެ މަޝްވަރާތަކަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން މުބާރާތުގެ މެޗުތައް މާދަމާ ރޭ ފެށުމަށް މިހާރު ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދެ އަހަރުގެ މެދުކެނޑުމަކަށްފަހު މިއަހަރުގެ ބައިބަލާ ޗެލެންޖު، މިދިޔަ ހަފުތާ ތެރޭގައި ފަށަން މަސައްކަތް ކުރީ "އެމްޓީސީސީ ބައިބަލާ ޗެލެންޖު"ގެ ނަމުގައެވެ. މުބާރާތް ފަށަން ތައްޔާރުވެފައި ވަނިކޮށް ކުއްލިއަކަށް މުބާރާތް ފަސްކުރަން ޖެހުނީ ފުލުހުންގެ އެދުމުގެ މަތިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މުބާރާތް ފަސްކުރަން ޖެހުނީ މާލޭގައި ހިނގަމުންދާ ސިލްސިލާ މާރާމާރީތަކެއްގެ ސަބަބުން ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ސިލްސިލާ މާރާމާރީތައް ފުރަތަމަ ފެށުނީ ވެސް އީދު ދުވަހުއެވެ. ހޯމަ ދުވަހު ދެ މާރާމާރީއެއް ހިންގި އިރު، މިދިޔަ ބުދަ ދުވަހުގެ ރޭ ތިން މާރާމާރީއެއް ހިންގިއެވެ. އެ މާރާމާރީތަކާ ގުޅިގެން ފުލުހުން ވަނީ ޖުމުލަ ހަތް މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ވެސް ހިމެނެއެވެ. އޭގެ އިތުރުން ފުލުހުން ވަނީ އިތުރު ހަތް މީހަކު ހޯދުމަށް ވެސް އިއުލާންކޮށްފައެވެ.

ޖުމުލަ 34 ޓީމު ވާދަކުރާ ބައިބަލާ މުބާރާތުގައި 1،000 ކުޅުންތެރިން ފެނިގެންދާނެ ކަމަށް ބައިބަލާ އެސޯސިއޭޝަނުން ބުނެފައިވާ އިރު، އެހާ ގިނަ ޒުވާނުންގެ މަސްލަހަތު ހިމެނިފައިވާ ކަމެއް، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި ބާއްވަން ޖެހުމަކީ އެސޯސިއޭޝަންގެ ކަންބޮޑުވުމެކެވެ.

ހެންވޭރު ދޮންގަނޑު ބީޗުގައި މުބާރާތް ބާއްވަން ނިންމާފައިވާ އިރު، އެސޯސިއޭޝަނުން ބުނެފައިވަނީ "ގޭންގު މާރާމާރީތަކާ،" ގުޅުވައިގެން ބައިބަލާ ހުއްޓިފައި އޮންނަން ޖެހުމަކީ އެސޯސިއޭޝަންގެ ކަންބޮޑުވުމެއް ކަމަށެވެ.

"ބައިބަލާ އެސޯސިއޭޝަނަކީ ރާއްޖޭގައި އޮތް ހަމައެކަނި ސަގާފީ ކުޅިވަރަކާ ގުޅުންހުރި އެސޯސިއޭޝަން ކަމަށްވާ އިރު، މި ކުޅިވަރާއި މުޖުތަމައުގައި ހިނގާ ކުށްތަކާ ގުޅުވާ ގުޅުވުން، މި ޖަމިއްޔާއިން ހިތަމާއާއެކު ކުށްވެރިކުރަމެވެ. ބައިބަލާ އަކީ ޒަމާނުއްސުރެ ޒުވާނުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ކުޅިވަރެއްކަން އެސޯސިއޭޝަނުން ފަހުރުވެރިކަމާއެކު ފާހަގަކުރަމެވެ. މިފަދަ ކުޅިވަރުތަކަކީ މީހުން ބިނާކުރުމާއި، މުޖުތަމައުއަށް ފައިދާހުރި ހަށިހެޔޮ ޒުވާނުން ނެރެދޭނެ ހަރަކާތްތަކަށްވީހިނދު، މިއީ ގިނަ ޒުވާނުންގެ މަސްލަހަތާ ގުޅުންހުރި ކުޅިވަރެއްކަން ގަބޫލުކުރެވެއެވެ...،" ބައިބަލާ އެސޯސިއޭޝަނުން ރޭ ނެރުނު ހާއްސަ ބަޔާނެއްގައިވެއެވެ.

އެސޯސިއޭޝަންގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ މާރާމާރީތަކާ ގުޅުންހުރި ކަންތައްތަކެއްގައި ހަތަރު ޓީމެއް މުބާރާތުން ވަކިކޮށްފައިވާ ކަމަށެވެ.

"މި އެސޯސިއޭޝަނުން އެންމެ ބޮޑަށް އިސްކަންދެނީ ޑިސިޕްލިން ގޭމްއަކަށް ވުމާއެކު، މާލެ ތެރޭ ހިނގައިދިޔަ މާރާމާރީތަކާ ގުޅުވައި ފުލުހުން މި މުބާރާތް ހުއްޓުވާފައިވުމާ ގުޅިގެން މުބާރާތުގައި ބައިވެރިވާ ޓީމުތަކާއި ބައިބަލާ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ މަޝްވަރާކޮށް މިވަނީ ގޮތްތަކެއް ނިންމައިފައެވެ. އެގޮތުން މާރާމާރީތަކާ ގުޅުންހުރި ޓީމުތަކާއި، އެޓީމުތަކަށް ކުޅޭ ކުޅުންތެރިން ހިމެނޭހެން އެފަރާތްތައް ވަނީ މުބާރާތުން ޑިސްކޮލިފައިކުރެވިފައެވެ. އެގޮތުން ހަތަރު ޓީމެއް ޑިސްކޮލިފައިކުރެވިފައިވާ އިރު، މިހާރު މުބާރާތުގައި ބައިވެރިވާނީ 30 ޓީމެވެ..،" ބަޔާނުގައިވެއެވެ.

އޭގެ އިތުރުންވެސް މުބާރާތުގެ ތެރެއިން ކުޅިވަރުގެ ރޫހާއި، އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް އަމަލުކުރާ ޓީމުތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް އެސޯސިއޭޝަނުން ވަނީ ނިންމައިފައެވެ. އެސޯސިއޭޝަނުން ބުނީ މުބާރާތުގެ އިންތިޒާމުތައް މިހާތަނަށް ރޭވިފައިވަނީ ފުލުހުންނާ ގުޅިގެން، ފުލުހުންގެ އިރުޝާދުގެ ދަށުން ކަމަށެވެ. އެގޮތުން ފުލުހުން އެދުނުގޮތަށް ބައިބަލާ ކުޅެން ހަމަޖެހިފައިވާ ތަނާއި، އެތަނުގައި ކެމެރާ ހަރުކުރުމާއި، ސަޕޯޓަރުން ވަކިވާނެހެން ތަނުގެ އިންތިޒާމުތައް އެސޯސިއޭޝަނުން ހަމަޖެއްސި ކަމަށްވެސް ބަޔާނުގައިވެއެވެ.

ބައިބަލާއަކީ ރާއްޖޭގެ މަގުބޫލު ކުޅިވަރެކެވެ. ހާއްސަކޮށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބައިބަލާ މުބާރާތް ނިންމޭ އިރު، އެ މުބާރާތް ނުފެށި ލަސްވާތީ ވަނީ އުނދަގޫތަކާ ކުރިމަތިވެފައެވެ. މުބާރާތަށް އެސޯސިއޭޝަނުންވެސް ފުރިހަމައަށް ތައްޔާރުވެފައިވާ އިރު، ނުފެށި ލަސްވާ ލަސްވުމުން ބައިވެރިވެފައިވާ ޓީމުތަކަށް ގެއްލުންތައް ކުރިމަތިވާ ކަމަށްބުނެ ގިނަ ކަންބޮޑުވުންތަކެއް ވަނީ ހުށަހެޅިފައެވެ. އެގޮތުން ޓީމުތަކުން ބައިބަލާ ރިންގު އަޅައި، ޕްރެކްޓިސްތައް ކުރިއަށް ގެންގޮސް، ޖާޒީތައް ޕްރިންޓުކޮށް، މިހާތަނަށް ގިނަ ހަރަދުތަކެއް ކޮށްފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.