އީދު ބައިބަލާ ޗެލެންޖު 1447 ގެ ޗެމްޕިއަންކަން ޒެޕޯ ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

ހުޅުމާލޭގައި ތައްޔާރު ކޮށްފައިވާ ފުރިހަމަ ބައިބަލާ އެރީނާގައި ރޭ ކުޅުނު ފައިނަލުގައި ޒެޕޯއިން ބައިބަލާ ރަސްގެފާނު ބީޖީ ސްޕޯޓްސް ކްލަބު ބަލިކުރީ ގަދަ ހިފުމަކަށް ގޮސްގެންނެވެ.

ޒެޕޯއިން ފައިނަލް ކާމިޔާބުކުރުމުގައި މިއަހަރު މިސްޓަ ބައިބަލާގެ މަގާމު ހޯދި މުހައްމަދު ނައްވާފް (މާކީ)ގެ ދައުރު ބޮޑެވެ. ހާއްސަކޮށް ރޭގެ މެޗުގެ ގަދަ ހިފުމަށް ގޮސް، ފަސްވަނަ ހިފުމުގައި ޒެޕޯއަށް މެޗު ކާމިޔާބު ކޮށްދިނީ އޭނާއެވެ. އެއީ ބޭރުން އަރައެވެ.

ފުރަތަމަ ގޭމްގައި ޒެޕޯއިން އެތެރެއިން ކުޅެފައިވާ އިރު، އެ ގޭމް ގެންދިޔައީ ބޭރުން ކުޅުނު ބީޖީއެވެ. ބީޖީން ބޭރުން ކުޅެ ނަތީޖާ އަނބުރާލުމުގައި ކުރިން މިސްޓަ ބައިބަލާގެ މަގާމު ހޯދި ފަރަހު ޝާމްގެ ދައުރު ބޮޑުކޮށް ފެނުނު އިރު، ޒެޕޯއިންވެސް ވަނީ ބޭރުން ކުޅުނު މެޗު ގެންގޮސްފައެވެ. އެ ގޭމް ގެންދިއުމުގައިވެސް މާކީ ވަނީ މުހިއްމު ރޯލެއް އަދާކޮށްފައެވެ.

މިސްޓަ ބައިބަލާ މާކީ ---

ގަދަ ހިފުމަށް ގޮސް، ފުރަތަމަ ދެ ހިފުން، ދެޓީމުންވެސް ކާމިޔާބުކޮށް ފަހު ހިފުމަކަށް ގޮސްފައިވާ އިރު، ފަހު ހިފުމަށް ގުރު ދިމާވީ ޒެޕޯއަށެވެ. ޒެޕޯއިން ނިންމީ ބޭރުން އެރުމަށެވެ.

ޑަބަލް އެލިމިނޭޝަން އުސޫލަށް ކުރިއަށްދިޔަ މިއަހަރުގެ ބައިބަލާ މުބާރާތުގައި 38 ޓީމަކުން ވާދަކޮށްފައެވެ. މިއަހަރު މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ގަދަ ހިފުންވެސް ފަސް ހިފުމަށް އިތުރު ކޮށްގެންނެވެ.