އާބަންކޯ ބައިބަލާ ޗެމްޕިއަންޝިޕް

އެސްޓީއޯއާއި އާބަންކޯ ރަނގަޅު ފޯމުގައި ކުރިއަށް، އެމްޕީއެލަށް ބޮޑު މޮޅެއް

ބައިބަލާ އެސޯސިއޭޝަނުން ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަ އޮފީސް ބައިބަލާ މުބާރާތް، އާބަންކޯ ބައިބަލާ ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުތަކުން އެމްޓީސީސީ، އެސްޓީއޯ، ކްލަބު އާބަންކޯ އަދި އެމްޕީއެލް މޮޅުވި އިރު، އާރްއާރްސީ އާއި ކްލަބު އެފްއެމްޓީ މެޗު އެއްވަރުވެއްޖެއެވެ.

ޖުމަލަ ނުވަ ޓީމަކާ އެކު ރޭ ހުޅުމާލޭގައި ފެށި އާބަންކޯ ބައިބަލާ ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖު ކުރިއަށްގެންދަން ހަމަޖައްސާފައި ވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ފަސް ޓީމު ހިމެނޭ އިރު، ގްރޫޕް ބީގައި ވާދަކުރާނީ ހަތަރު ޓީމަކުންނެވެ. ކޮންމެ ގްރޫޕަކުންވެސް ދެ ޓީމު ސެމީ ފައިނަލަށްދާ އިރު، ސެމީގެ މެޗުތައް އޮންނާނީ، ތިން ރޭ ވަންދެން ގްރޫޕް ސްޓޭޖު މެޗުތައް ކުރިއަށް ގެންދިއުމަށްފަހުއެވެ. މިފަހަރުގެ މުބާރާތުގައި އޮފީސްތަކުންވެސް ރާއްޖޭގެ ބައިބަލާގައި އެންމެ ފާހަގަކޮށްލެވޭ ތަރިން ފެނިގެންދެއެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުވެސް ކާމިޔާބުކުރި އެސްޓީއޯއިން ރޭ ގްރޫޕް އޭގައި ކުޅުނު މެޗުގައި ވެމްކޯ ބަލިކުރީވެސް ސީދާ ދެ ގޭމުންނެވެ. އެސްޓީއޯއިން ގޭމްތައް ގެންދިޔައީ 10-9 އަދި 13-12 އިންނެވެ. އަދި ގްރޫޕް ބީގައި ފުރަތަމަ ކުޅުނު މެޗުން މޮޅުވެފައި އޮތް އާބަންކޯއިން ރޭ ކުޅުނު މެޗުގައި ކްލަބު ފެން ބަލިކުރީ ސީދާ ދެ ގޭމުންނެވެ. އާބްނަކޯއިން ގޭމްތައް ގެންދިޔައީ 14-6 އަދި 15-1 އިންނެވެ.

ރޭ ގްރޫޕް އޭގައި އާރްއާރްސީ އާއި އެމްއެފްޓީ ކުޅުނު މެޗު 1-1 ގޭމުން އެއްވަރުވެފައިވާ އިރު، ގްރޫޕް ބީގައި އެމްޕީއެލްއިން ވަނީ މޯލްޑިވިއަން ކައިރިން ބޮޑު މޮޅެއް ހޯދައިފައެވެ. އެމްޕީއެލްއިން ގޭމްތައް ގެންދިޔައީ 10-0، 13-0 އިންނެވެ.

ރޭގެ ފަހު މެޗުގައި އެމްޓީސީސީ އާއި ވެމްކީ ވާދަކުރި އިރު، ގްރޫޕް އޭގެ އެ މެޗުގައި އެމްޓީސީސީން ވަނީ ސީދާ ދެ ގޭމުން ވެމްކޯ ބަލިކޮށްފައެވެ. އެމްޓީސީސީން ގޭމްތައް ގެންދިޔައީ 11-6 އަދި 15-6 އިންނެވެ.

ބައިބަލާއަކީ ރާއްޖޭގައި ދާއިމީ ގޮތެއްގައި ކުޅެމުން އަންނަ އެންމެ ޒަމާންވީ ސަގާފީ އެއް ކުޅިވަރެވެ. ރާއްޖޭގައި ރަސްމީކޮށް ބައިބަލާ ބާއްވަން ފެށީ ތާރީހު ދައްކާ ގޮތުން 1996 ވަނަ އަހަރުއެވެ. އޭގެފަހުން ބަރާބަރަށް ކޮންމެ އަހަރަކުވެސް ބައިބަލާގެ މުބާރާތްތައް ދިޔައީ ބާއްވަމުންނެވެ. އެއީ ކްލަބުތަކަށް ހުޅުވާލައިގެންނެވެ. މިއަހަރުވެސް ފޯރިގަދަކޮށް މުބާރާތް ފެނިގެން ގޮސްފައިވާ އިރު، މިއީ އޮފީސްތަކުގެ މެދުގައި މުބާރާތް ކުޅެވޭނެ ފުރަތަމަ ފަހަރެވެ.

މިއަހަރު އާބަންކޯ ބައިބަލާ ޗެލެންޖްގެ މީޑިއާ ޕާޓްނަރަކީ ވަން ސްޕޯޓްސްއެވެ.

މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް އާބަންކޯ ހަމަޖައްސާފައިވާ އިރު، އެސްޓީއޯއަކީވެސް މެއިން ޕާޓްނަރެކެވެ. ކޯ ސްޕޮންސަރުންނަކީ ސްޓެލްކޯއެވެ. މުބާރާތް ކުރިއަށް ގެންދަނީ ޔޫތު މިނިސްޓްރީއާވެސް ގުޅިގެންނެވެ. މިރޭވެސް މުބާރާތުގެ މެޗުތައް ކުރިއަށްދާނެއެވެ.

މިރޭ އޮންނަ މެޗުތައް

8:30 އެސްޓީއޯ - އެމްއެފްޓީ (ގްރޫޕް އޭ)
9:00 މޯލްޑިވިއަން - އާބަންކޯ (ގްރޫޕް ބީ)
9:30 އާރްއާރްސީ - ވެމްކޯ (ގްރޫޕް އޭ)
10:00 މޯކްލަބު ފެން - އެމްޕީއެލް (ގްރޫޕް ބީ)
10:30 އެމްޓީސީސީ - އެމްއެފްޓީ (ގްރޫޕް އޭ)
11:00 އާރްއާރްސީ - އެސްޓީއޯ (ގްރޫޕ އޭ)