ކޮންމެ އަހަރަކު ވެސް ފިތުރު އީދާ ގުޅުވައިގެން ރާއްޖޭގައި ބާއްވާ "އީދު ބައިބަލާ ޗެލެންޖް" ގެ މި އަހަރުގެ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މާދަމާ ރޭގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި ބައިބަލާ މުބާރާތް ކުރިއަށްދާ އިރު، ބައިބަލާ މުބާރާތަކީ ރާއްޖޭގެ އެންމެ ފޯރިގަދަ އެއް ހަރަކާތެވެ.

މުބާރާތަށް މާލެ ސަރަހައްދުގެ ގިނަ ކްލަބްތަކުން ދުރާލާ ތައްޔާރުވެގެން މުބާރާތުގައި ބައިވެރިވާ އިރު، މުބާރާތުގެ އިންތިޒާމުތައްވެސް ފުރިހަމައެވެ. ބައިބަލާއަކީ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު ކުޅިވަރަކަށްވެފައި، މި މުބާރާތަކީ ވަރަށް ގިނަ ބަޔަކު ޝައުގުވެރިކަމާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުން ބަލަމުންގެންދާ މުބާރާތެއްވެސް މެއެވެ.

ދިރާގަކީ، ރާއްޖޭގައި އެކިއެކި ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ދިވެހި މުޖުތަމައުއަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.

އެގޮތުން އެކި ފަރާތްތަކާ ގުޅިގެން މިފަދަ އިވެންޓްތައް އާންމުންނާ ހަމައަށް ގެނެސްދިނުމަށް ދިރާގުން ދަނީ އެކި މަސައްކަތްތައް ކުރަމުންނެވެ.