މާފަންނު ސަހަރާގެ ގަބުރުތައް ނަގައި، އެ ތަނުގައި ބައިބަލާ ކުޅޭ ތަނެއް ހެދި މައްސަލަ ބޮޑުވެ، އާންމުންގެ ފާޑު ކިޔުން އަމާޒުވުމުން، ބައިބަލާ ކުޅޭތަން ނަގައިފިއެވެ.

މާފަންނު ސަހަރާގެ ގަބުރުތައް ނަގައި، އެ ބިން އެއްކޮށް ހުސްކޮށް އެތަނުގައި ޕާކިން އިމާރާތެއް ހެދުމަށް ކައުންސިލުން ނިންމައި، އެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

އެ މަސައްކަތް ސިޓީ ކައުންސިލުން އަދިވެސް ކުރަމުންދާ އިރު، އެތަނުގެ ތެރޭގައި ވަށް ބުރަކަށް ވެލި ބަސްތާ ޖަހާފައިވާ ފޮޓޯ އަކާއެކު ދިވެހި ތާރީހު ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ ނާޖިހު ދީދީ ސޯޝަލް މީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާފަންނު ސަރަހާގައި މިހާރު ބައިބަލާ ކުޅޭ ތަނެއް ހަދާފައިވާ ކަމަށެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް "ވަން" އަށް މިއަދު ވިދާޅުވީ ސަހަރާގައި ބައިބަލާ ކޯޓެއް ހަދައިފައިވަނީ ކައުންސިލުން ހުއްދަ ނަގައިގެން ނޫން ކަމަށެވެ.

"ކައުންސިލުން އެއްވެސް ހުއްދައެއް ދީފައެއްނުވާނެ އެފަދަ ކަމެއް ކުރާކަށް، އެކަން އެނގުނު ހިސާބުން އެތަން ވަނީ ނަގައިފަ،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މާފަންނު ސަހަރާގައި ބައިބަލާ ކޯޓެއް ހެދުމަށް ވެސް އަދި އެއްވެސް ކުޅިވަރެއް ކުޅުމަށް ބަޔަކަށް ހުއްދަދީފައި ނުވާނެ ކަމަށެވެ.

ރާއްޖޭގެ ތާރީހުގެ ވެސް މުހިންމު ތަރިކައެއް ކަމަށްވާ މާފަންނު ސަހަރާގައި މީހުން ވަޅުލުން ހުއްޓާލީ 90ގެ ފަހުކޮޅުއެވެ. އެތަނަކީ ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވި ބައެއް އާންމުން ވަޅުލާފައިވާ ތަނެވެ.