އޭނާ ޕީޕީއެމުން ވަކިނުކުރާ ކަމަށާއި ނަމަވެސް ވަކި ކުރާނެ ކަމަށް ބުނެ އިންޒާރު ލިބެމުންދާ ކަމަށް މާލެ ސިޓީ ކައުންސިލުގެ ވިލިމާލޭ ދާއިރާގެ މެމްބަރު ނަހުލާ އަލީ ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން އޭނާ ވަކިކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ދޮގުކޮށް ނަހުލާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލޭ ދާއިރާގެ ބައި އިލެކްޝަނަށް ދާއިރާގެ ކައުންސިލަރެއްގެ ހައިސިއްޔަތުން ކެންޑިޑޭޓެއްގެ ނަން ހުށަހެޅުމުން އެ ކެންޑިޑޭޓުގެ ނަން ނަގަން ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު އެންގި ކަމަށެވެ.
ނަމަވެސް އޭނާ އެނަން ނުނެގުމުން އެ ކެންޑިޑޭޓު ލައްވާ ނަން އަނބުރާ ނަގައި ޝުޖާއު ބޭނުންވާ ކެންޑިޑޭޓަށް ޓިކެޓު ދީފައިވާ ކަމަށް ވިދާޅުވިއެވެ.
"އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލޭ ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓުގެ ފޯމު އިލެކްޝަން ކޮމިޝަނަށް ވަތް ދުވަހުން ފެށިގެން ޕީޕީއެމް ކެންޑިޑޭޓަށް ބައި-އިލެކްޝަން ކާމިޔާބު ނުވެއްޖެ ނަމަ އަޅުގަނޑު ޕާޓީން ވަކިކޮށްފައި ނޫނީ ހުއްޓާ ނުލާނެ ކަމަށް ބުނެ ހުޅުމާލެ ދައިރާގެ ކައުންސިލަރު އަންނަނީ ތަކުރާރުކޮށް އިންޒާރުދީ ބިރުދައްކަމުން. މާލެ ސިޓީގެ މޭޔަރާއި ކައުންސިލް އޮފީހުގެ މުވައްޒަފުންގެ ކުރިމަތީގައި ވަނީ އިންޒާރުދީ ބިރު ދައްކާފައި،" ނަހުލާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިންޒާރުދީ ބިރުދެއްކި މައްސަލަ މޭޔަރުގެ ހާޒިރުގައި ޕީޕީއެމްގެ ލިޑާޝިޕަށާއި ރައީސް އަބްދުﷲ ޔާމީނަށްވެސް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ވިލިމާލޭގައި އޭނާއާބެހޭ ގޮތުން މަސްލަހަތު ގެއްލޭ ގޮތަށް ދޮގު ވާހަކަތައް ޝުޖާއު ފަތުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
"..އަޅުގަނޑު ގަބޫލުކުރާ ސިޔާސީ ލީޑަރަކީ ރައީސް ޔާމީން. ރައީސް ޔާމީން ނޫން މީހަކު ވެރިކަމަށް ގެންނަން މަސައްކަތްކުރާ ފަރާތްތަކުގެ ޕްރެޝަރު ޕީޕީއެމް ތެރެއިން އަޅުގަނޑަށް ވަރަށް ބޮޑު،" އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު