ޔޫއެފާ ޗެމްޕިއަންސް ލީގު

ބާނަބޭއޫގެ ޖާދުވީ ނަތީޖާއަކާއެކު ސިޓީ ކަޓުވާލައި، ޔޫރަޕްގެ "ކިންގް" ރެއާލް ފައިނަލަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި މެންޗެސްޓާ ސިޓީ ކައިރީ އާދަޔާ ހިލާފު ނަތީޖާއަކުން މެޗު އަނބުރާލައި، 13 ފަހަރުގެ ޗެމްޕިއަން، ރެއާލް މެޑްރިޑުން ފައިނަލުގެ ޖާގަ ހޯދައިފިއެވެ.

ރެއާލުން މިރޭގެ މެޗުން ސިޓީ ކަޓުވާލީ ފަހަތުން އަރައި ފަހު މިނެޓު ކޮޅުގައި ދެ ގޯލު ޖަހައި، އެގްރިގޭޓް ނަތީޖާ އެއްވަރުކޮށް، އިތުރު ވަގުތަށް ގޮސް ކަރިމް ބެންޒެމާ ޖެހި ޕެނަލްޓީއަކުން ނަތީޖާ ބަދަލުކޮށްލައިގެންނެވެ. މިރޭ ރެއާލް ދަނޑުގައި ކުޅުނު މެޗުގައި ސިޓީ ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުގައި ސިޓީ އޮތީ 4-3 އިން މޮޅުވެފައެވެ. އެ ނަތީޖާ އަނބުރާލައި ރެއާލުން ސެމީ ކާމިޔާބުކުރީ 6-5 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

މިރޭގެ މެޗަށް ނުކުތްއިރު ފުރަތަމަ ލެގު ސިޓީން ކާމިޔާބުކޮށްފައި އޮތީ 4-3 ގެ ނަތީޖާއަކުންނެވެ. ސިޓީން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން އެޓީމު ކުރި ހޯދި ނަމަވެސް، ރެއާލްގެ ދަނޑަށް އޮތީ ސަމާލުވާން ޖެހިފައެވެ. އެއީ މި ސީޒަނުގައިވެސް އަމިއްލަ ދަނޑުގައި ބޮޑެތި ނަތީޖާތައް ރެއާލުން ނެރެފައިވާތީއެވެ. ރެއާލުން ސެމީއަށް ދިޔައީ ނޮކްއައުޓް ބުރުގައި ޕީއެސްޖީއާއި އެންމެފަހުގެ ޗެމްޕިއަން ޗެލްސީވެސް ޖާދުވީ ގޮތަކަށް ކަޓުވާލައިފައެވެ.

މީގެ ކުރިން 13 ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ރެއާލުން މިރޭގެ މެޗަށްވެސް ނުކުތީ ނަތީޖާ އަނބުރާލުމަށް ނަމަވެސް ފުރަތަމަ ކޮޅުގައި ސިޓީން ފެނުނީ ކޮންޓްރޯލުގައި ކުޅުނުތަނެވެ. ރެއާލްގެ ހަލުވި، ނުރައްކާތެރި އެޓޭކް ހިފަހައްޓަން ސިޓީން ފުރަތަމަ ހާފުގައި ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ އިރު، އަރިމަތިން ވިނީޝިއަސް ޖޫނިއާގެ ބާރު ދުވެލި ހުއްޓުވަން މިރޭގެ މެޗުގައި އެންމެ މުހިއްމު ކުޅުމެއް ދެއްކީ ފުރަތަމަ ލެގު ގެއްލުނު ކައިލް ވޯކާއެވެ.

ފުރަތަމަ ހާފުގައި ސިޓީގެ ފިލް ފޮޑަންއާއި ބާނާޑޯ ސިލްވާ ޖެހި ބޯޅަތައް ރެއާލްގެ ގޯލްކީޕަރު ތީބޯ ކޯޝުއާ މަތަކުރިއެވެ. އަނެއްކޮޅުން ރެއާލްގެ ކަރިމް ބެންޒެމާއަށް ހުސްކޮށް ލިބުނު ފުރުސަތުގައި އޭނާ ޖެހި ބޯޅަ ދިޔައީ މާ މަތިން ބޭރަށެވެ.

ފުރަތަމަ ހާފުގައި ސިޓީން ކޮންޓްރޯލް ކުޅުމެއް ކުޅުނު ނަމަވެސް ރެއާލުން ދެވަނަ ހާފުގައި ކުޅުން ރަނގަޅުކުރިއެވެ. ހާފުގެ ފުރަތަމަ ކޮޅުގައި ރެއާލް ނުރައްކާ ކުރިއެވެ. ވިނީޝިއަސް ޖޫނިއާއާއި ލޫކާ މޮޑްރިޗަށް ލިބުނު ހުސް ފުރުސަތުތައް ގޯލަށް ފޮނުވައިނުލެވުނީ ސިޓީ ޑިފެންސްގެ ރަނގަޅު ބްލޮކުތަކެއްގެ ސަބަބުންނެވެ.

ރެއާލުން ހާފުގެ ކުރީކޮޅުގައި ރަނގަޅަށް ކުޅުނު ނަމަވެސް ސިޓީން ދިޔައީ މަޑުމަޑުން މެޗު ތެރެއަށް ވަންނަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 73 ވަނަ މިނެޓުގައި ސިޓީން ލީޑު ނަގައި، ފައިނަލުގެ އުންމީދު ބޮޑުކުރިއެވެ. މެދުތެރެއިން ހުސްވި ބޯޅައެއްގެ ބޭނުން ހިފައި، ބަނާޑޯ ދިން ޕާސް އަރިމަތިން ހިތްގައިމުކޮށް ގޯލަށް ވައްދާލީ ރިޔާދު މަހަރޭޒްއެވެ. ސީޒަންގައި އޭނާ ޖެހި 24 ވަނަ ގޯލާއެކު ސިޓީއަށް އުންމީދު ބޮޑުކޮށްދިނެވެ.

އޭގެ ފަހުންވެސް ސިޓީން މޮޅަށް ކުޅެ ފަހު ވަގުތުގައިވެސް ހަމަލާތައް އުފެއްދިއެވެ. ޖެކް ގްރީލިޝްއާއި ޖާއޯ ކާންސެލޯގެ ނުރައްކާތެރި ހަމަލާތައް މެޗުގެ ފަހުކޮޅުގައިވެސް ފެނުނު އިރު، ރެއާލް ކޮޅަށް އިތުރަށް ގޯލު ނުވަދެ ސަލާމަތްވީ ކޯޝުއާގެ މޮޅު ސޭވްތަކެއްގެ ސަބަބުންނެވެ.

އެ ހަމަލާތައް ނާކާމިޔާބުވުމުގެ ފައިދާ ފަހު ވަގުތުގައި ރެއާލުން ނެގީ ފުލުފުލުގައި ދެ ގޯލު ޖަހައި އެގްރިގޭޓް ނަތީޖާ ހަމަހަމަކޮށްގެންނެވެ. ރެއާލްގެ ދެ ގޯލުވެސް ޖެހީ ބަދަލަކަށް މެޗަށް ނުކުތް ރޮޑްރީގޯއެވެ. ރޮޑްރީގޯގެ ފުރަތަމަ ގޯލު 90 ވަނަ މިނެޓުގައި ޖެހި އިރު، އަނެއް ގޯލު ޖެހީ އޭގެ މިނެޓެއް ފަހުންނެވެ.

އެ ދެ ގޯލާއެކު ސަންތިއޭގޯ ބާނަބޭއޫ ގުގުމާލައި، މެޗު އިތުރު ވަގުތަށް ގޮސް އިންތިހާއަށް ފޯރި ގަދަވެގެން ދިޔައެވެ.

އިތުރު ވަގުތުގެ ކުޅުންވެސް ހިތްވަރާއެކު ފެށީ ރެއާލުންނެވެ. އެޓީމުން ރަނގަޅަށް ފެށި އިތުރު ވަގުތުގެ ކުރީކޮޅުގައި އެގްރިގޭޓުގައި ފުރަތަމަ ފަހަރަށް ކުރި ހޯދިވެސް މެއެވެ. ރެއާލުން އެ ގޯލު ޖެހީ 95 ވަނަ މިނެޓުގައި ބެންޒެމާއެވެ. ބެންޒެމާގެ އެ ގޯލަކީ ރުބެން ޑިއާޒް، އޭރިއާ ތެރެއިން ބެންޒެމާއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީން ޖެހި ގޯލެކެވެ.

އިތުރު ވަގުތުގައި ރެއާލްގެ ގޯލްކީޕަރު ކޯޝުއާގެ ތަފާތު ސޭވެއް ފެނިގެން ދިޔައެވެ. ފިލް ފޮޑަން ބޮލުން ޖެހި ބޯޅަ ގޯލުގެ ކަނަށް އަމާޒުވަނިކޮށް މަތަކުރީ ކޯޝުއާއެވެ. އިތުރު ވަގުތުގައި ރެއާލުން ހިތްވަރުކޮށް، މެޗުގެ ނަތީޖާ ދަމަހައްޓައި، އެޓީމުން ޗެމްޕިއަންސް ލީގުގެ އިތުރު ފައިނަލެއް ޔަގީންކުރިއެވެ.

ރެއާލުން އެންމެފަހުން ޗެމްޕިއަންސް ލީގު ފައިނަލުގައި ކުޅުނީ 2018/19 ވަނަ އަހަރުގައެވެ. އެ އަހަރު ފައިނަލް ކުޅުނީ މިއަހަރުވެސް ފައިނަލުގައި ދެކޮޅަށް ނުކުންނަ ލިވަޕޫލާ ދެކޮޅަށެވެ. އެ މެޗު ރެއާލުން ކަމިޔާބު ކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އެއީ ރެއާލުން ޖެހިޖެހިގެން އެފަހަރު ނެގި ތިންވަނަ ޗެމްޕިއަންސް ލީގުގެ ތަށިވެސް މެއެވެ.

ރެއާލުން މި ސީޒަންގެ ފައިނަލުގައި ލިވަޕޫލާ ދެކޮޅަށް ނުކުންނާނީ މިމަހުގެ 29 ވަނަ ދުވަހުގައެވެ. އެ ފައިނަލް އޮންނާނީ ފްރާންސްގެ ޕެރިހުގައެވެ.